ޚަބަރު

ޓެރަރިޒަމްގެ ޝިކާރައަކަށް އެންމެ ބޮޑަށްވަނީ މުސްލިމުން - ޓްރަމްޕް


ދުނިޔޭގައި ޓެރަރިޒަމްގެ ޝިކާރައަކަށް އެންމެ ބޮޑަށް ވަނީ މުސްލިމުން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ސައޫދީ އަރަބިއްޔާގައި އާދީއްތަ ދުވަހު ފެށި އަރަބް އިސްލާމިކް އެމެރިކަން ސަމިޓްގައި ތަގްރީރު ކުރައްވަމުން ޓްރަމްޕް ވިދާޅުވީ، އަރަބި އިސްލާމީ ޤައުމުތަކުގެ އާބާދީ ދޮޅު ބިލިޔަނަށް އަރާއިރު، އެޤައުމުތަކަކީ ޓެރަރިޒަމާ ހަނގުރާމަ ކުރުމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރެވިދާނެ ޤައުމުތަކެއް ކަމަށެވެ.

ސައޫދީ އަރަބިޔާގައި އާދީއްތަ ދުވަހު ފެށި އަރަބް އިސްލާމިކް އެމެރިކަން ސަމިޓްގައި އެމެރިކާގެ ރައީސް ޓްރަމްޕް ކުރެއްވި ތަގްރީރު ބިނާކުރައްވާފައިވަނީ ޓެރަރިޒަމާ ހަނގުރާމަ ކުރުމުގައި އަރަބި އިސްލާމީ ޤައުމުތަކުގެ އެހީތެރިކަމާއި އެއްބާރުލުން ހޯއްދުމުގެ މައްޗަށެވެ.

މިގޮތުން ޓެރަރިޒަމްގެ ނުރައްކަލާއި ގެއްލުން އެންމެ ބޮޑަށް ލިބިގެންދަނީ މުސްލިމުންނަށް ކަމާއި މުސްލިމް ޒުވާނުންގެ ގިނަ ބަޔަކު ހައްދު ފަހަނަޅާފައިވާ ފިކުރުގެ ދަލުގައިޖެހި އެމީހުންގެ ޓެރަރިސްޓް ޙަމަލާތަކުގައި ކޮންމެދުވަހަކު މުސްލިމުން ގެ އެތައްބަޔަކު މަރުވަމުންދާ މަންޒަރު ފެންނަމުންދިޔުމަކީ އަޅާނުލައި ތިބެންނުވާވަރުގެ ބޮޑު ކަމެއްކަމަށް ޓްރަމްޕް ވިދާޅުވިއެވެ.

އެމެރިކާއަކީ ޓެރަރިޒަމާ ހަނގުރާމަ ކުރުމުގައި އިސްލާމީ ޤައުމުތަކަށް އިތުބާރު ކުރެވޭފަދަ ބައިވެރިއަކަށްވާނެ ކަމުގެ ޔަގީންކަންވެސް ޓްރަމްޕް ދެއްވިއެވެ.

މިސަމިޓް އިފްތިތާޙް ކުރުމުގެ ގޮތުން ދެއްވި ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް ދެއްވި ތަޤްރީރުގައި އައިއެސް ޖަމާއަތާއި އެނޫންވެސް ޓެރަރިސްޓް ޖަމާއަތްތަކާ ހަނގުރާމަ ކުރުމުގައި އިސްލާމީ ޤައުމުތަކަށް އެހީތެރިކަމާއި ވާގިދޭ ބައިވެރިއެއްގެ ގޮތުގައި އެމެރިކާ އޮތުމަކީ ލިބޭ ވަރަށް ބޮޑު ހިއްވަރެއް ކަމަށް ވިދާޅުވިއެވެ.

ސައޫދީ ރަސްގެފާނުގެ ތަޤްރީރުގައި އިސްލާމީ ޤައުމުތައް މަޛްހަބީ ގޮތުންނާއި ތާއިފީ ގޮތުން ބައިބައިކޮށް އެޤައުމުތަކުގައި ފިތުނަފަސާދަ އުފެއްދުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންގެންދާ ކަމާއި އެކަމާ ދެކޮޅަށް ތެދުވެ އެކަން ހުއްޓުވުމަށް ހުރިހާ އިސްލާމީ ޤައުމުތައް ގުޅިގެން މަސައްކަތް ކުރުމަށް އިސްލާމީ އުންމަތަށް އިލްތިމާސް ކުރެއްވިއެވެ.

މިސަމިޓްގައި ވާހަކަ ދެއްކެވި އެހެން ލީޑަރުންގެ ތެރޭގައި އުރުދުންގެ ރަސްގެފާނު އަބްދު ﷲ ދެވަނައާއި މިސްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީ އާއި ކުވައިތުގެ އަމީރު އައްޝައިޚް ސަބާހުލް އަހްމަދާއި އިންޑޮނީޝިޔާގެ ރައީސް ޖޯކޯ ވިޑޯޑޯ އާއި މެލޭޝިޔާގެ ބޮޑުވަޒީރު މުހައްމަދު ނަޖީބު ރައްޒާޤް ހިމެނިވަޑައިގަންނަވައެވެ.

މިބޭފުޅުންގެ ތަޤްރީރުތައްވެސް ބިނާކުރެއްވީ ހައްދު ފަހަނަޅާފައިވާ ފިކުރާއި އައިޑިއޮލޮޖީތަކުގައި މުސްލިމް ޒުވާނުންގެ ޖެހި އެކަމުގެ ސަބަބުން އިސްލާމީ އެތައް ޤައުމެއް ހަލާކުވެ ފަނާވެ ވީރާނާވަމުންދާ މައްސަލައަށެވެ. މިކަން ހުއްޓުވުމަށްޓަކައި އިސްލާމީ ޤައުމުތައް ގުޅިގެން ޚާއްސަ މަސައްކަތްތަކެއް ކުރުމަށް އިސްލާމީ ޤައުމުތަކުގެ ލީޑަރުން އަޒުމު ކަނޑައެޅުއްވިއެވެ.