ޚަބަރު

ޙައްޖު ކޯޓާ ދިނުމާގުޅޭ ކަންކަން މަޑުޖައްސާލުމަށް އަންގަވައިފި


ރާއްޖެއިން މިއަހަރު މީހުން ޙައްޖަށް ގެންދިއުމުގެ ހުއްދަ ދިނުމާގުޅޭ ކަންކަން މަޑުޖައްސާލުމަށް އެންޓިކޮރަޕްޝަން ކޮމިޝަނުން އިސްލާމިކް މިނިސްޓްރީން އަންގަވާފައިވާތީ، ޙައްޖު ގުރޫޕްތަކުން ޢާންމުންގެ އަތުން ފައިސާ ނުނެގުމަށާއި ޢާންމުންވެސް ގުރޫޕްތަކަށް ފައިސާ ނުދެއްކުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން އިލްތިމާސް ކުރައްވައިފިއެވެ.

އޭސީސީން މި ގޮތަށް އިލްތިމާސް ކުރެއްވީ، ރާއްޖެއިން މިއަހަރު ޙައްޖަށް މީހުން ގެންދިއުމަށްޓަކައި ޙައްޖުކޯޓާ ލިބޭ ފަރާތްތައް ހޮއްވެވުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ޢަމަލުކޮށްފައިވާކަމަށް ބުނެ އަމިއްލަ ފަރާތަކުން ކޮމިޝަނަށް ހުށަހަޅަފައިވާ މައްސަލައާއި ގުޅިގެންނެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ހިމެނޭ ގޮތަށް، އަމިއްލަ ފަސް ޖަމާޢަތަކަށް ރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމުގެ ޙުއްދަ ދެއްވާފައެވެ. އޭސީސީން ނެރުއްވި ބަޔާނުގައި ވިދާޅުވީ، ޙައްޖަށް މީހުން ގެންދިއުމަށް ހުއްދަދޭނެ ކުންފުނިތައް އިސްލާމިކް މިނިސްޓްރީން ޢާންމުކުރެއްވުމާ ގުޅިގެން، ބައެއް ކުންފުނިތަކުން ޙައްޖަށް މީހުން ގެންދިއުމަށް ޢާންމުންގެ އަތުން ފައިސާ ނަގަމުންދާކަމުގެ ޝަކުވާ ކޮމިޝަނަށް ހުށަހެޅިފައިވާ ކަމަށެވެ. އެހެންކަމުން އެ ކޮމިޝަނަށް ހުށައަޅާފައިވާ މައްސަލަ ބަލައި ނިމި ވަކިގޮތެއް އަންގަންދެން، ޙައްޖަށް މީހުން ގެންދިއުމަށް ޢާންމުންގެ އަތުން އެއްވެސް ކުންފުންޏަކުން ފައިސާ ނުނެގުމަށާއި، ޢާންމު ފަރާތްތަކުންވެސް ކުންފުނިތަކަށް ފައިސާ ނުދެއްކުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.

.އޭސީސީގެ ބަޔާނުގައި ވިދާޅުވެފައިވަނީ، 1438 ވަނަ އަހަރު ޙައްޖަށް މީހުން ގެންދިއުމަށްޓަކައި މިހާތަނަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން އެއްވެސް ކުންފުންޏަކަށް ހުއްދަދީ، ކޯޓާ ދޫކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިނުވާ ކަމަށެވެ.

މި މައްސަލަ ކޮމިޝަނުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، މައްސަލަ ބަލައި ނިމުމުން ނިންމާގޮތެއް ވަރަށް އަވަސް ފުރުޞަތެއްގައި ހާމަކުރައްވާނެ ކަމަށް އޭސީސީގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.