ކުޅިވަރު

ބަނގްލަދޭޝް އަތުން ރާއްޖެއަށް ބޮޑު ބައްޔެއް


ތަފާތު ބޮޑު ނަތީޖާއަކުން ރާއްޖެ ބަލިކޮށް، ބަނގްލަދޭޝް ފަސް ވަނަ ސާބާ ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ދެޓީމުގެ ތެރޭގައި ހިމެނިއްޖެއެވެ

މިހާރު މާލޭގައި ކުރިއަށްދާ ފަސް ވަނަ ސާބާ ޗެމްޕިއަންޝިޕްގައި ރޭ ދިވެހިރާއްޖެ އާއި ވާދަކޮށް ބަނގްލަދޭޝް ކުރި ހޯދީ ތިރީސް ހަތަރު ޕޮއިންޓުގެ ތަފާތަކުންނެވެ. އެއީ 86 - 52 ޕޮއިންޓުންނެވެ.

މިމެޗު ދިވެހި ޓީމުން ރަނގަޅަށް ފެށިނަމަވެސް ފުރަތަމަ ކުއާޓަރ ނިމުންއިރުވެސް ލީޑު ނަގާފައިވަނީ ބަނގްލަދޭޝް ޓީމުންނެވެ. އަދި ދެވަނަ ކުއާޓަރގައި ބަނގްލަދޭޝް ޓީމުން ވަނީ ލީޑް 24 ޕޮއިންޓަށް އިތުރުކޮށްފައެވެ.

އެއީ 41-17 ޕޮއިންޓުންނެވެ.

ތިން ވަނަ ކުއާޓަރގައި ދިވެހި ޓީމަށް ކުރިމަތިވީ އިތުރު ހުރަސްތަކަކާއެވެ، އެގޮތުން ތިން ވަނަ ކުއާޓަރގެ ހަތް ވަރަކަށް މިނެޓް ނިމިގެންދިޔަ އިރުވެސް ދިވެހި ޓީމަށް ސްކޯއެއް ކުރެވިފައެއް ނުވެއެވެ.

އަދި މި ކުއާޓަރ ނިމުނު އިރު ބަނގްލަދޭޝް ޓީމުން ވަނީ 33 ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. އެހެންނަމަވެސް ހަތަރު ވަނަ ކުއާޓަރގައި ދިވެހި ޓީމުގެ ކުޅުން ރަނގަޅުކުރިއެވެ. އަދި ބަނގްލަދޭޝް ޓީމުން ނަގާފައިވާ ލީޑަށް މެޗު ނިމުނުއިރު އިތުރު ކުރެވުނީ އެންމެ ޕޮއިންޓެކެވެ.

މިމެޗުން ބަލިވުމާއެކު މުބާރާތުގެ ދެވަނަ ހޯދުމުގެ ދޮރު ދިވެހި ޓީމަށް މިވަނީ ބަންދުވެފައެވެ. ދިވެހި ޓީމަށް ދެން މުބާރާތުގައި ބާކީ އޮންނާނީ ސްރީ ލަންކާ އާއި ބައްދަލުކުރާ މެޗެވެ.