އެސްޓީއޯ މާލޭ ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި އެންމެ ވަރުގަދަ ޓީމާ ދެކޮޅަށް ނިކުންނަން ޖެހުމަކީ ޕްރެޝަރެއްކަމަށް ވިކްޓްރީގެ ކޯޗު އަލީ ސުޒޭން ބުނެފިއެވެ.
ފުރަތަމަ ބުރުގެ ފެށުން ދަށްކޮށް ދިޔަ ވިކްޓްރީގެ ކޯޗު އަލީ ސުޒޭން ބުނީ އަޞްލަށްބަލާއިރު މާޒިޔާ އަތުން ޕޮއިންޓް ގެއްލުން އެއީ މައްސަލައެއް ނޫންކަމަށާއި، ނަމަވެސް މިވަގުތަށް ބަލާއިރު ޕޮއިންޓެއް ގެއެްލުން އެއީ ޕްރެޝަރެއްކަމަށެވެ. އެގޮތުން ބަލާއިރު ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި މާޒިޔާއާ ވާދަކުރަން ޖެހުމަކީ ވަރަށް ބޮޑު އުނދަގުލެއްކަމަށް ސުޒޭން ބުންޏެވެ. ގަދަ ހަތަރެއްގެ ތެރެއަށްދާން ބަލާއިރު ރޯދައިގެ ކުރިން އޮތް ދެ މެޗު ވަރަށް މުހިއްމުކަމަށާއި، ދެ މެޗުން ހަތަރު ޕޮއިންޓަށް ޓާގެޓް ކުރާކަމަށް ސުޒޭން ބުންޏެވެ. އޭނާ ބުނީ މާޒިޔާ އަތުން އެހެން ބަޔަކަށް އަދި ޕޮއިންޓެއް ހޯދިފައި ނެތުމުން އެއީ އުނދަގޫކަމެއްކަން އިނގޭކަމަށާއި، ނަމަވެސް މާޒިޔާ އަތުން ޕޮއިންޓެއް ލިބިއްޖެނަމަ އެއީ ވަރަށް ބޮޑު ހިތްވަރެއް ކަމަަށެވެ. ފުރަތަމަ ދެ މެޗުން ހަތަރު ޕޮއިންޓް ހޯދިއްޖެ ނަމަ ގަދަ ހަތަރަކަށް ދިއުމުގެ %80 ހާޞިލް ކުރެވުނީކަމަށްވެސް ސުޒޭން ބުންޏެވެ.
" މިވަގުތު ހުރިހާ ގޮތަކަށް ބަލާއިރުވެސް އެންމެ ވަރުގަދަކޮށް މިއޮތީ މާޒިޔާ. ދެން މާޒިޔާއާ ފުރަތަމަ މެޗު ކުޅެން ޖެހުމަކީ ހަމަގައިމުވެސް ވަރަށް ބޮޑު ޕްރެޝަރެއް. މީގަ ފާހަގަކޮށްލަން ޖެހޭ މިފަހުގެ ތާރީޚެއްގައި ފެނުނު ކޯޗުންނަށް ބަލާލާއިރުގަ އެންމެ ސޭފްކޮށް ޓީމް ސެޓަޕާއި، ހުރިހާ އެއްޗެއް ޑިޒައިންކުރި ކޯޗު މާޒިޔާގަ މިހުރީ. އެހެންވީމާ އެއަށްބަލާއިރު އެއީ ވަރަށް ބޮޑު އިނދަގޫ ކަމަކަށްވާނީ " ސުޒޭން ބުންޏެވެ.
މާޒިޔާގެ ކޯޗު މަރްޔާން ސެކްލޮވްސްކީ ބުނީ ވިކްޓްރީއަކީ ރާއްޖޭގެ އެންމެ ރަނގަޅު އެއް ޓީމްކަމަށާއި، އެޓީމްގައި ހުރީ ރާއްޖޭގެ އެންމެ މޮޅު އެއް ކޯޗުކަމަށެވެ. އަދި އެކި މަޤާމްތަކަށް ކުޅެން އެންމެ ރަނގަޅު ކުޅުންތެރިންވެސް ތިބީ ވިކްޓްރީގައި ކަމަށެވެ. އެހެންކަމުން މެޗު ފަސޭހަ ނުވާނެކަމަށް ކޯޗު ބުންޏެވެ. މީގެއިތުރުން ޕްރެސްކޮންފަރެންސްގައި ކޯޗު ތަކުރާރުކުރީ ކޮންމެ ޕްރެސްއެއްގައިވެސް ދައްކަމުން އަންނަ ވާހަކަ ތަކެވެ. އެއީ ގާތް ގާތުގައި މެޗުތައް ކުޅެން ޖެހޭތީ ދިމާވާ މައްސަލަތަކެވެ. އެކަމުގެ ސަބަބުން ދިވެހި ފުޓްބޯޅަ އަށާއ، ޤައުމީ ޓީމަށްވެސް އުނދަގޫވެ، މައްސަލަތައް ކުރިމަތިވާނެކަމަށް ތަކުރާރުކޮށް ކޯޗު ބުންޏެވެ. ޤައުމީ ޓީމަށް ކުރިއަށް އޮތް މެޗުތަކަށްވެސް އެކަމުގެ އަސަރު ކުރާނެކަން އޭނާ ފާހަގަކުރިއެވެ.
" އެންމެ ބޮޑު އިހުތިރާމާއި، އަޅާލުން ދޭންޖެހެނީ ޤައުމީ ޓީމްގެ ކުޅުންތެރިންނަށް. ކޮންމެ ހަތަރު ދުވަހަކުން މެޗެއް ކުޅެން ޖެހުމަކީ އަނިޔާއެއް " ކޯޗު ބުންޏެވެ.
މާޒިޔާއާއޮ ވިކްޓްރީ ވާދަކުރާ މެޗު ފަށާނީ މިއަދު ހަވީރު 4:00 ގައެވެ. މެޗަށް ނިކުންނައިރު އެއްވަނާގަ މާޒިޔާ އޮތީ ފުރަތަމަ ބުރުގެ 7 މެޗުވެސް ކާމިޔާބުކޮށްގެންނެވެ. ވިކްޓްރީ ވިކްޓްރީ އޮތީ 8 ޕޮއިންޓާއެކުއެވެ.