ކުޅިވަރު

ދަގަނޑޭ ނިއުރޭޑިއަންޓަށް ސޮއިކޮށްފި


ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމްގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ސޮއިކޮށްފިއެވެ. 

މިއަދު އަޝްފާގު ނިއުރޭޑިއެންޓަށް ސޮއިކުރި ނަމަވެސް އޭނާއަށް ކުޅެވޭނީ ޖުލައި މަހު ހުޅުވޭ ޓްރާންސްފަރއަށްފަހުއެވެ. މިއީ މިމަސްތެރޭ ނިއުރޭޑިއެންޓުން ސޮއިކުރި ދެވަނަ ކުޅުންތެރިޔާއެވެ. އެކްލަބުންވަނީ އިބްރާހިމް ފަޒީލް (އޮއްޕޮ) ގެ ސޮއިވެސް ހޯދާފައެވެ.

ދަގަނޑޭ ނިއުރޭޑިއެންޓަށް ސޮއިކުރިއިރު މިސީޒަނުގައި އަދި އޭނާ އެއްވެސް މެޗެއް ކުޅެފައެއް ނުވެއެވެ. އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ދަގަނޑޭ ކުޅުމާ ދުރުގައި ހުރިއިރު އޭނާ މިއަހަރުވެސް ފެންނާނީ ބޭރުގެ ކްލަބަކުން ކަމަށް އަޑުތައް ފެތުރުނެވެ. ނަމަވެސް ރާއްޖޭގެ ކްލަބަކަށް ކުޅޭ ނަމަ އޭނާ ކުޅުމުގެ ފުރުޞަތު ބޮޑީ ނިއުރޭޑިއެންޓަށް ކަމަށް ނިއުރޭޑިއަންޓުން ވަނީ ބުނެފައެވެ.

މެލޭޝިއާގެ ޕީޑީއާރުއެމްގައި މޮޅު ކުޅުމެއް ދެއްކި އަޝްފާގު ހޯދުމަށް ރާއްޖޭގެ އެހެން ކްލަބްތަކުންވެސް ވަނީ މަސައްކަތްކޮށްފައެވެ. ދަގަނޑޭ އެންމެ ފަހުން ނިއުރޭޑިއެންޓަށް ކުޅުނީ 2013ވަނަ އަހަރުއެވެ. އެއަހަަރު ނިއުއަށް ލީގު ހޯދައިދިނުމުގެ އިތުުރުން އޭއެފްސީ ކަޕްގެ ކުއާޓަރފައިނަލަށް ނިއުރޭޑިއެންޓް ގެންގޮސްދިނުމުގައިވެސް އަޝްފާޤުގެ ހިއްސާ ބޮޑުކަން ފާހަގަކޮށްލެވެއެވެ.