ޚަބަރު

މޫސުމަށް ސަމާލުވުމަށް އަނެއްކާވެސް އިލްތިމާސް ކުރައްވައިފި


ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ބާރުގަދަ ވިއްސާރައިގެ ތެރޭގައި ކަނޑުދަތުރުފަތުރު ނުފެށުމަށް ކޯސްޓްގާޑާއި މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވާއިރުވެސް، އެކަމަށް އެދެވޭ އިޖާބައެއް ނުދީ ބައެއް ފަރާތްތަކުން ދަތުރުފަށާތީ އެ އިދާރާތަކުން އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވާ ގޮތުގައި އުތުރާއި މެދުރާއްޖެތެރެއަށް މިހާރުވެސް ވިއްސާރައިގެ ބާރު ވަރަށް ގަދައެވެ. އަދި ކުރިޔަށް ލަފާކުރެއްވޭގޮތުންވެސް ގަދަ ވަޔާއެކު ވިއްސާރަކުރާނެއެވެ.

ރާއްޖޭގެ ކޯސްޓްގާޑުން ވިދާޅުވާގޮތުގައި ވިއްސާރައިގެ ބާރުގަދަވެފައިވާއިރުވެސް، ކަނޑުދަތުރުފަށައި ކަނޑުމަތީގެ ޙާދިސާތައް މި ދުވަސްވަރު ދަނީ އިތުރުވަމުންނެވެ. ވުމާއެކު ކަނޑުދަތުރުފަތުރާ ގުޅޭގޮތުން ކޯސްޓްގާރޑާއި މޫސުމާބެހޭ އޮފީހުން ދެއްވާ އިރުޝާދާއި ކުރައްވާ އިލްތިމާސަށް އިޖާބަދެއްވުމަށް ކޯސްޓްގާރޑުން ބާރުއަޅުއްވައެވެ. މިކަމަށް ކަމާބެހޭ ރަސްމީ އިދާރާތަކުން އިލްތިމާސް ކުރައްވަމުން ގެންދަވަނީ، މީހުންނާއި މުދަލުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައިކަން ފާހަގަކުރައްވައި ހުރިހާ ރައްޔިތުންވެސް މިކަންކަމަށް ސަމާލުވާންޖެހޭކަން ކޯސްޓް ގާރޑުން ފާހަގަކުރައްވައެވެ.

މޫސުމާބެހޭ އޮފީހުން ވިދާޅުވާ ގޮތުގައި ރާއްޖޭގެ ބައެއް ސަރަޙައްދުތަކުގެ މޫސުން މި ވަގުތު ހުރީ ދަތުރުފަތުރުކުރަން އެކަށީގެންވާ ވަރަށްވުރެ ގޯސްކޮށެވެ. އަދި ކުއްލިކުއްލިއަށް މޫސުމަށް އަންނަ ބަދަލަށް ބަލާއިރު، މޫސުން އެ ވަގުތަކަށް ރަނގަޅުކަމަށް ހީކުރެވޭއިރަށް، މޫސުމާބެހޭ ރަސްމީ އިދާރާގެ މަޢުލޫމާތާއި އިރުޝާދު ނުހޯދައި ދަތުރުތައް ފެށުމަކީ ރައްކާތެރި ގޮތަކަށް ނުވާނެއެވެ.