ކުޅިވަރު

ފެންވަރު ދައްކާލައި ނަބީލްއާއި ރިލްވާން ބީ ބެޖް ހޯދައިފި


އޭޝިއަން ޔޫތް ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ފެންވަރު ދައްކާލާ، އަމްޕަޔަރިންގެ ބީ ބެޖް ދިވެހިރާއްޖޭގެ ދެ އަމްޕަޔަރުންކަމަށްވާ ރިލްވާން އަދާމްއާއި ނަބީލް އިބްރާހިމް ހޯދައިފިއެވެ.

ރާއްޖޭގައި ތިބި ބައިނަލްއަޤްވާމީ ހަތަަރު އަމްޕަޔަރުންގެ ތެރެއިން ދެ އަމްޕަޔަރުންކަމަށްވާ ރިލްވާން އާދަމް އަދި ނަބީލް އިބްރާހީމަށް ބީ ބެޖް ލިބުނީ މިމަހުގެ ކުރީކޮޅު ދެކުނު ކޮރެޔާގެ ޖިއޮންޖޫގައި ކުރިއަށްދިޔަ އޭޝިއަން ޔޫތް ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ދެއްކި ޕާފޯރމަންސުންނެވެ. އަމްޕަޔަރިންގެ ބީ ބެޖާއިއެކު މި ދެ އަމްޕަޔަރުން ވެގެން ދިޔައީ ރާއްޖޭގައި ތިބި އެންމެ މަތީ ފެންވަރުގެ ދެ އަމްޕަޔަރުންނަށެވެ.

މިދިޔަ މަހުގެ ހަޔަކުން ތޭރައަށް ދެކުނު ކޮރެޔާގައި ކުރިއަށްދިޔަ އޭޝިއަން ޔޫތް ނެޓްބޯޅަ ޗެމްޕިއަންޝިޕަކީ ނަބީލް އިބްރާހީމްގެ ބައިނަލްއަޤްވާމީ ފުރަތަމަ މުބާރާތެވެ. އަދި ރިލްވާން އާދަމަށް މި މުބާރާތަކީ ބައިނަލްއަޤްވާމީ ދެވަނަ މުބާރާތެވެ. އޭނާ ވަނީ މިދިޔަ އަހަރު ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި އޮތް މުބާރާތުގައިވެސް ރާއްޖެ ތަމްސީލްކޮށްފައެވެ.

މި ދެ އަމްޕަޔަރުންނަށް އޭޝިއަން ޔޫތް ނެޓްބޯޅަ ޗެމްޕިއަންޝިޕުން ފުރުސަތު ލިބުނީ މދިޔަ މަހު ސިންގަޕޫރުގައި އޮތް ތަމްރީންތަކަކަށްފަހުގައެވެ. އޭޝިޔާގެ 8 ޤައުމުން 40 އަމްޕަޔަރުން ފުރިހަމަކުރި ތަމްރީންތަކުގައި ރާއްޖޭގެ ހަތަރު އަމްޕަޔަރުން ބައިވެރިވިއެވެ. އޭޝިއަން ޔޫތް ނެޓްބޯޅަ ޗެމްޕިއަންޝިޕުން ފުރުސަތު ލިބުނީ 40 ބައިވެރިންގެ ތެރެއިން އެންމެ ރަނގަޅު ޕާރފޯމަންސްއެއް ދެއްކި 11 އަމްޕަޔަރުންނަށެވެ. 

img:http://s2.psmnews.mv/images/660x400/14953573166093.JPG|އޭޝިއަން ޔޫތް ނެޓްބޯލް ޗެމްޕިއަންޝިޕުން ފުރުސަތު ލިބުނު 11 އަމްޕަޔަރުން  

އޭޝިއާގެ ނެޓްބޯޅަ މުބާރާތްތަކުގެ އަމްޕަޔަރިންގ ޕެނަލްގައި ހިމެނޭ އިސް ފަރާތްކަމުގައިވާ ވިވިއަން ޑަ ސިލްވާ ޕީއެސްއެމް ސްޕޯޓްސްއާއި ވާހަކަދައްކަމުން ބުނީ މުބާރާތްތަކަށް އަމްޕަޔަރުން ނެގުމުގައި އެންމެ ފުރަތަމަވެސް ބަލަނީ މެޗުތަކުގައި އަމްޕަޔަރުންގެ ޕާފޯރމަންސްއަށްކަމަށެވެ. ރިލްވާން އަދި ނަބީލަކީ 40 ބައިވެރިންގެ ތެރެއިން އެންމެ މަތިން ފާސްވި ބައިވެރިންގެ ތެރޭގައި ހިމެނޭ ދެ އަމްޕަޔަރުންކަމަށް އޭނާ ބުންޏެވެ.

ވިވިއަން ބުނީ ރާއްޖޭގެ ނެޓްބޯޅަ ކުރިއަށްދާ މިސްރާބު ވަރަށް ރަނގަޅުކަމަށާއި، އިތުރު ފެންވަރު ރަނގަޅު އަމްޕަޔަރުން ތަމްރީންކުރުމަށް ނެޓްބޯޅަ އެސޯސިއޭޝަނުން ކުރަމުންދާ މަސައްކަތްތަކަކީ ޝުކުރު ހައްޤު މަސައްކަތްތަކެއްކަަމަށެވެ.

"ރާއްޖޭއިން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މި ހޯދަނީ ފާހަގަކޮށްލެވޭ ކުރިއެރުމެއް. ޕާފޯރމަންސްއަށް ބެލިޔަސް ފިޒިކަލް ފިޓްނަސްއަށް ބެލިޔަސް ރާއްޖޭގެ އަމްޕަޔަރުން ފާހަގަކޮށްލެވޭ ފެންވަރަށް ތަފާތު މޮޅު" ނެޓްބޯލް އަޕްޔަރިންގެ ތަޖުރިބާކާރު ބުންޏެވެ.

img:http://s2.psmnews.mv/images/660x400/14953574021178.JPG|އޭޝިއަން ޔޫތް ނެޓްބޯލް ޗެމްޕިއަންޝިޕްގެ މެޗެއްގައި ރިލްވާން އަމްޕަޔަރުކަން ކުރަނީ

އޭޝިއަން ޔޫތް ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލްކުރި ދެ އަމްޕަޔަރުންގެ ތެރެއިން ރިލްވާން އާދަމް ވަނީ މުބާރާތުގެ ފައިނަލް މެޗަށް އިންސާފުކޮށްފައެވެ. ސިންގަޕޫރާއި މެލޭޝިޔާ ވާދަކުރި ފައިނަލް މެޗާއިއެކު ރިލްވާނަށް އެކި ޓީމްތަކާއި ކުޅުންތެރިންގެ ތައުރީފްތައް އޮހުނެވެ. މިދިޔަ އަހަރު އޭޝިއަން ނެޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައިވެސް އަމްޕަޔަރުކަން ކުރި ރިލްވާން ވަނީ ޔޫތް ނެޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގެ އިތުރުން ގްރޫޕް ސްޓޭޖްގެ ވަރުގަދަ މެޗުތަކަކަށް އިންސާފުކޮށްފައެވެ.

ރިލްވާންގެ އިތުރުން އޭޝިއަން ޔޫތް ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލްކުރި ދެވަނަ އަމްޕަޔަރު ނަބީލް އިބްރާހީމްވެސް ފުރަތަމަ މުބާރާތުގައި ހުނަރާއި ޤާބިލްކަން ދައްކުވައިދިނެވެ. މުބާރާތުގެ އަމްޕަޔަރިންގ ޕެނަލްގައި ހިމެނޭ ފަރާތްތަކުން ފުރަތަމަ މުބާރާތުގައި ނަބީލްގެ ފަރާތުން ފެނުނު ކޮންފިޑެންސާއި ނިންމުން ނިންމުމުގައި ފެނިގެންދިޔަ ޔަޤީންކަން ފާހަގަކުރިއެވެ.

img:http://s3.psmnews.mv/images/660x400/14953574510642.JPG|އޭޝިއަން ޔޫތް ނެޓްބޯލް ޗެމްޕިއަންޝިޕްގެ މެޗެއްގައި އަމްޕަޔަރުކަން ކުރުމަށް ނަބީލް (ކ) ތައްޔާރުވެގެން

އޭޝިއަން ޔޫތް ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރި ހުރިހާ ޓީމަކުންވެސް ރާއްޖޭގެ ދެ އަމްޕަޔަރުންނަށް ތައުރީފްތައް އޮއްސަމުންދިޔަައީ ސަބަބެއް ނެތިއެއް ނޫނެވެ. ޤަވާއިދުތަކަށް ފަރިތަ ބުންވަރުގެ ގޮތުންވެސް އެންމެ ތަފާތު ދެ އަމްޕަޔަރުންގެ ގޮތުގައި ރާއްޖޭގެ ދެ އަމްޕަޔަރުން ފާހަގަކުރެވެއެވެ.

ބީ ބެޖާއިއެކު މުބާރާތުގެ ކުރިން ރިލްވާންއާއި ނަބީލް ކަނޑައެޅި ޓާގެޓް ހާސިލްވެއްޖެއެވެ. މި ކުރިއެރުމާއިއެކު ރާއްޖޭގެ އެހެން އަމްޕަޔަރުންނަށް ހިތްވަރަކާއި އުއްމީދެއް ލިބިއްޖެއެވެ. ނެޓްބޯޅަ އަމްޕަޔަރިންގައި ކުރިއަށްދާން އަލި މަގެއް ފެނިއްޖެއެވެ. އަމްޕަޔަރުންނަށްވެސް ފުރުސަތުތައް ހުޅުވިފައިވާކަން ޔަގީން ކުރެވިއްޖެއެވެ. ދިވެހި ނެޓްބޯޅަ ބާރު ދުވެލީގައި ކުރިއަށްދާކަން ސާބިތުވެއްޖެއެވެ.