ސިއްހަތު

291 ޑޮކްޓާރުންނާއެކު "ސަމަރ ސިމްޕޯސިއަމް" ފަށައިފި


"ސަމާ ސިމްޕޯސިއަމް 2017" އަކީ ސާކްގެ ހަތް ޤައުމެއްގެ ހަމާ ބެހޭ ޚާއްސަ ޑޮކްޓަރުން މި ދާއިރާއާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ މަހާސިންތާއެކެވެ. މި ހާސިންތާގައި މިސަރަހައްދުގެ ޤައުމުތަކުގައި އެންމެ ގިނައިން ދިމާވާ ހަމުގެ ބަލިތަކާއި އެ ބަލިތަކުން ރައްކާތެރިވުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރާނެއެވެ. އަދި ހަމުގެ ބަލިތަކަށް ފަރުވާ ދިނުމުގައި އެންމެ ރައްކާތެރި ގޮތަކަށް ފަރުވާދެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށްވެސް ހަމަޖެހިފައިވެއެވެ.

ކަނޑިންމަ ރިސޯޓްގައި ކުރިޔަށްދާ މި މަހާސިންތާގައި ރާޢްޖޭގެ އިތުރުން އިންޑިއާ، ބަނގްލަދޭޝް، ޕާކިސްތާން، ނޭޕާލް، ބޫޓާން އަދި ސްރިލަންކާއިން ޖުމްލަ 291 ޑޮކްޓަރުން ބައިވެރިވާނެއެވެ. މި މަހާސިންތާގައި އައިޖީއެމް.އެޗާއި އޭޑީކޭ ހޮސްޕިޓަލްގައި ހަމުގެ ބަލިތަކަށް ފަރުވާދޭ ޑޮކްޓަރުން ބައިވެރިވެ ސެޝަންތަށް ދިނުމަށް ހަމަޖެހިފައިވެއެވެ.  މި މަހާސިންތާގައި އިނގިރޭސިވިލާތާއި އެމެރިކާގެ ހަމާއި ބެހޭ ޚާއްސަ ޑޮކްޓަރުންވެސް ސެޝަންސްތައް ނަގާދިނުމަށް ހަމަޖެހިފައިވެއެވެ. މި ސިމްޕޯޒިއަމްގެ ބައިވެރިންނަށް މަޢުލޫމާތު ދީފައިވަނީ ލައިވް ކްލާސްތަކާއި ޕްރެސެންޓޭޝަންތަށް މެދުވެރިކޮށެވެ.

މަހާސިންތާ ޝަރަފްވެރިކޮއްދެއްވާ ވާހަކަފުޅުދައްކަވަމުން ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. މުހައްމަދު ހަބީބް ވަނީ މި މަހާސިންތާގެ މުހިންމުކަމާ ގުޅޭ ގޮތުން ވާހަކަދައްކަވާފައެވެ. ހަމުގެ ޑޮކްޓަރުންނަށް ޚާއްސަ މި މަހާސިންތާ މިހާތަނަށް ބާއްވާފައިވަނީ ނޭޕާލާއި ބަނގްލަދޭޝްގައި، ދެން މިމަހާސަންތާ ބޭއްވުމަށް ހަމަޖެހިފައިވަނީ  އިންޑިއާގެ އުދޭޕޫރްގައެވެ.