ކުޅިވަރު

ބޭނުންވި ޕޭސްގައި މުޅި މެޗުގައި ނުކުޅެވުމުން ބަލިވީ - ޒިލާ


ނޭޕާލް އަތުން ބަލިވީ މެޗުގެ ތިންވަނަ ކުއާޓާރގައި ޓީމްގެ އޮފެންސް ދަށްވެގެންކަމަށާއި ޓީމްގެ ނަސީބުވެސް ފަހު ދެ ކުއާޓަރގައި ވަރަށް ދަށްކަމަށް ގައުމީ ބާސްކެޓްބޯޅަ ޓީމްގެ ކެޕްޓަން މުޙައްމަދު ޒިލާލް ބުނެފިއެވެ. 

ސާބާ ޗެމްޕިއަންޝިޕް ބާސްކެޓްބޯޅަ މުބާރާތުގައި ރޭ ނޭޕާލް އަތުން ދެ ޕޮއިންޓްގެ ތަފާތުން ބަލިވި މެޗަށްފަހު ޒިލާލް ބުނީ ކޯޗްގެ ޕްލޭނާއި އެއްގޮތަށް މުޅި މެޗުގައި ނުކުޅެވުނުކަމަށެވެ. ޚާއްސަކޮށް ތިންވަނަ ކުއާޓަރގައި ޓީމްގެ އޮފެންސް ދިޔައީ ވަރަށް ދަށްކޮށްކަމަށްވެސް ޒިލާލް ބުންޏެވެ. 

އޭނާ ބުނީ ފުރަތަމަ ދެ މެޗުން ބަލިވިޔަސް އަދިވެސް ފޯކަސް ގެއްލުވާ ނުލާކަމަށާއި، ކުރިއަށް އޮތް ދެ މެޗް ކާމިޔާބުކުރަން ޓީމް ވަރަށް ބޮޑަށް ތައްޔާރުވާނެކަމަށް. މުޅި މެޗް އެއް ޕޭސްއެއްގައި ނުހިފެހެއްޓުމުގެ ސަބަބުން ނޭޕާލަށް ފުރުސަތުތަކެއް ލިބުނީކަމަށްވެސް އުމުރުން 31 އަހަރުގެ ކުޅުންތެރިޔާ ފާހަގަކުރިއެވެ.

"އަހަރުމެން ކުޅެން ބޭނުންވި ޕޭސްގައި ނުކުޅެވުނު މުޅި މެޗެއް، ފޯކަސް ގެއްލުވާނުލައި ކުރިއަށްހުރި މެޗުތައް ކާމިޔާބުކުރަން ވަރަށް މަސައްކަތްކުރާނަން" ޒިލާ ބުންޏެވެ. 

ރޭގެ މެޗަށްފަހު ދިވެހި ޓީމްގެ އެސިސްޓަންޓް ކޯޗް އިލްޔާސް އިބްރާހިމް ބުނީ ދިވެހި ޓީމުން މެޗުގައި ދެއްކި ކުޅުމާއިމެދު ހިތްހަމަ ޖެހޭކަމަށާއި، އެކަމަކު މިއީ ދިވެހި ޓީމްގެ ފެންވަރު ނޫންކަމަށެވެ. މިއަށްވުރެ ރަނގަޅަށް ކުޅެވޭނެކަމަށާއި، ރޭގެ މެޗުގެ ދެވަނަ ކުއާޓާރގައި ޓީމުން ދެއްކި ކުޅުން ވަރަށް ރަނގަޅުކަމަށެވެ. ފާސްޓް ގޭމެއް ކުޅެގެން ލަންކާ އަދި ބަންގްލަދޭޝްވެސް ބަލިކުރެވޭނެކަމަށާއި، އުއްމީދަކީ ކުރިއަށްހުރި ދެ މެޗުން މޮޅުވެ ސަޕޯޓަރުން އުފާކޮށްދިނުންކަމަށްވެސް އިލްޔާސް ބުންޏެވެ.

"ގޭމް ޕްލޭނާއި އެއްގޮތަށް ނުދިޔަ، ލީޑް ލިބުނު ހިސާބުން ފަސޭހަ ޝޮޓްތަކުގެ ބަދަލްގައި އުނދަގޫ ގޮތަށް ކުޅެން މަސައްކަކުރުމުގެ ސަބުބުން ބަލިވީ" އިއްލަ ބުންޏެވެ.

ސާބާ ޗެމްޕިއަންޝިޕް ބާސްކެޓްބޯޅަ މުބާރާތުގައި ދިވެހިރާއްޖެ މިރޭ ނިކުންނާނީ ބަންގްލަދޭޝާއި ދެކޮޅަށެވެ. ދިވެހިރާއްޖެއާއި ބަންގްލަދޭޝް މިދިޔަ އަހަރު ވާދަކުރި މެޗު އަށާރަ ޕޮއިންޓްފެ ތަފާތަކުން ކާމިޔާބުކުރީ ދިވެހިރާއްޖެއެވެ.