ކުޅިވަރު

މުހިންމު ގިނަ ކުޅުންތެރިން ނުލާ ނިއުގެ ފެށުން ރަނގަޅުކޮށްފި


މުހިންމު ގިން ކުޅުންތެރިން ނުލާ މާލޭ ލީގުގެ ދެވަނަ ބުރުގެ ފެށުން ނިއުރޭޑިއަންޓުން ރަނގަޅުކޮށްފިއެވެ. 

މާލީލީގު ދެވަނަ ބުރުގެ ފުރަތަމަ މެޗްގައި މިރޭ ނިއުރޭޑިއަންޓާ ކްލަބް ވެލެންސިޔާ ބައްދަލުކުރި މެޗް ނިއުރޭޑިއަންޓް ކާމިޔާބުކުރީ އެކެއް ސުމަކުންނެވެ. މެޗްގައި ފެނުނު ހަމައެކަނި ލަނޑު ދެވަނަ ހާފްގައި ކާމިޔާބުކޮށްދިނީ ނިއުގެ ފޯވަޑް ޢަލީ ފާސިރު ސެންޓޭއެވެ. ސެންޓޭ މި ލަނޑު ކާމިޔާބުކުރީ ވެލެންސިޔާގެ ޑިފެންޑަރުން ހެދި މިސްޓޭކެއްގެ ފައިދާ ނަގައިގެންނެވެ. މެޗްގައި ވެލެންސިޔާއަށްވެސްވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުޞަތު ލިބިފައެވެ. އެގޮތުން ވެލެންސިޔާގެ އަޙްމަދު ރިޟްވާނަށް މެދުން ހުސްކޮށް ލިބުނު ބޯޅައިގެ ހުރަހަކަށްވީ ނިއުގެ ގޯލްކީޕަރ ޒިޔަޒަންއެވެ. މިރޭގެ މެޗަށް ޒިޔަޒަން ނިކުތީ ނިއުރެޑިއަންޓްގެ ގޯލް ކީޕަރ އިމްރާން މުޙައްމަދު ސަސްޕެންޑް ކޮށްފައިވާތީއެވެ. 

މެޗަށްފަހު ނިއުގެ ކޯޗް ތަވަރޭޒްބުނީ މުހިންމު ގިނަ ކުޅުންތެރިންނުލާ ޓީމްގެ ކުޅުންތެރިން މިރޭކުރި މަސައްކަތަކީ ޝުކުރުވެރިވުން ޙައްޤު މަސައްކަތެއްކަމަށެވެ. ޒުވާން ގިނަ ކުޅުންތެރިން މިރޭގެ މެޗްގައި ދެއްކި ކުޅުމަކީ ޓީމަށް އިތުރު ހިތްވަރެއް ލިބިގެން ދިޔަ ކަމެއް ކަމަށް ނިއުގެ ކޯޗްބުންޏެވެ.

" މިރޭ ޒުވާން ކުޅުންތެރިން ވަރަށް ރަނގަޅު. މުހިންމު ކުޅުންތެރިން ނުލާކުރި ބުރަ މަސައްކަތަށް ޝުކުރު އަދާކުރަން. ގޯލް ކީޕަރ ޒިޔަޒަންވެސް ޓީމަށް ހިތްވަރު ގެނެސްދީފި. މީ ޒިޔަޒަންއަށްވެސް ވާނެ ކަމެއްކަން ޓީމަށް ޔަޤީންކޮށްދީފި. އެ އިތުބާރު އޭނާ ހޯދައިފި. " މެޗަށްފަހު ނިއުގެ ކޯޗް ތަވަރޭޒް ބުންޏެވެ.

 ވެލެންސިޔާގެ ކޯޗް އަޙްމަދު މުޖްތަބާ ފެސްކޯބުނީ ވެލެންސިޔާއަށް ދިމާވެގެން އުޅެނީ އެންމެ ކަމެއް ކަމަށެވެ. އެއީ ސީޒަން ފެށުނީއްސުރެވެސް ދިމާވެފައިވާ މައްސަލަ ކަމަށެވެ. މެޗްގައި ކުރަންޖެހޭ ހުރިހާކަމެއް ރަނގަޅަށް ކުރުމަށްފަހު ލަނޑު ނުޖެހުމަކީ ޓީމަށް ދިމާވެފައިވާ ހަމައެކަނި މައްސަލަ ކަމަށް ފެސްކޯ ފާހަގަ ކުރިއެވެ.

" މެޗެއްގައި ކުރަން ބޭނުން ހުރިހާކަމެއް ރަނގަޅަށް އެބަކުރޭ. އެކަމަކު އެންމެ ކަމެއް ފިޔަވައި. އެއީ ލަނޑުޖެހުން. ފަހަތަށް ހެދނުނު ގޯގަކުން ލަނޑު ވަނީ. ސެންޓޭ ކަހަލަ މޮޅު ހަލުވި ކުޅުންތެރިއަކަށް އެބޯޅަ ލިބުނީ. " ވެލެންސިޔާގެ ކޯޗް ފެސްކޯ ބުންޏެވެ.

މިރޭގެ މެޗް ވެލެންސިޔާ ނިންމާލީ މެޗްގެ އެންމެ ފަހުވަގުތު އެޓީމްގެ ބިދޭސީ ކުޅުންތެރިޔާ ޕްރިންސަށް ދެއްކި ރަތްކާޑާއެކު 10 ކުޅުންތެރިންނާއެކުއެވެ.

ލީގުގައި މިރޭ ކުޅުނު މެޗުން ލިބުނު 3 ޕޮއިންޓާއެކު ނިއުރޭޑުއަންޓަށްވަނީ 18 ޕޮއިންޓް ލިބިފައެވެ. 18 ޕޮއިންޓާއެކު ނިއު އޮތީ ތާވަލްގެ ދެވަނައިގައެވެ. އެއްވަނައިގައި އޮތީ ފުރަތަމަ ބުރު ސައްތައިން ސައްތަ މޮޅާއެކު ނިންމާލި މާޒިޔާއެވެ. މިރޭގެ މެޗުން ބަލިވި ވެލެންސިޔާ އޮތީ ތާވަލްގެ އެންމެ ފުލުގައެވެ. ލީގުގައި ދެން މެޗެއް ކުޅޭނީ މާދަމާރެއެވެ. މާދަމާރޭ ބައްދަލުކުރާނީ އީގަލްސްއާއި ޔުނައިޓެޑް ވިކްޓްރީއެވެ.