ކުޅިވަރު

2 ޕޮއިންޓްގެ ތަފާތުން ރާއްޖެ ބަލިވެއްޖެ


މިހާރު ކުރިއަށްދާ ފަސް ވަނަ ސާބާ ޗެމްޕިއަންޝިޕްގައި ނޭޕާލް އަތުން ދެ ޕޮއިންޓެ ތަފާތުން ރާއްޖެ ބަލިވެ މުބާރާތުގެ ދެވަނަ ހޯދުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ހުރަސްތަކެއް ކުރިމަތިވެއްޖެއެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި ނޭޕާލް އާއި ރާއްޖެ ބައްދަލުކުރި މެޗު ނޭޕާލް ކާމިޔާބުކުރީ 61 – 59 ޕޮއިންޓުންނެވެ.

މިމެޗު ރަނގަޅަށް ފަށާ ފުރަތަމަ ލީޑް ނެގީ ދިވެހި ޓީމުންނެވެ. ފުރަތަމަ ކުއާޓަރ ނިންމުނުއިރު އޮތީ ސޯޅަ ޕޮއިންޓް ސޯޅަ ޕޮއިންޓުން ދެޓީމް އެއްވަރު ވެފައެވެ. އެހެންނަމަވެސް ދެވަނަ ކުއާޓަރގައި ދިވެހި ޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށް މެޗުގައި ވަނީ ބޮޑު ލީޑެއް ނަގާފައެވެ. އަދި ދެވަނަ ކުއާޓަރ ނިމުނުއިރު ދިވެހި ޓީމް އޮތީ ހަތް ޕޮއިންޓްގެ ލީޑަކާއެކު ކުރީގައެވެ.

ތިން ވަނަ ކުއާޓަރގައި ނޭޕާލް ޓީމުގެ ކުޅުން ރަނގަޅުކޮށް ދިވެހި ޓީމާ ކައިރިކުރަން ފެށިއެވެ. އަދި ތިން ވަނަ ކުއާޓަރ ނިމުނު އިރު ނެޕާލް ޓީމުން ވަނީ ފަހަތުން އަރާ މެޗުގެ ސްކޯ އެއްވަރުކޮށްފައެވެ. ތިން ވަނަ ކުއާޓަރ ނިމުނު އިރު ދެޓީމަށްވެސް ލިބިފައިވަނީ 49 ޕޮއިންޓެވެ.

ހަތަރު ވަނަ ކުއާޓަރ ފެށިގޮތަށް ލީޑު ނެގީވެސް ނެޕާލް ޓީމުންނެވެ. އަދި މުޅި ކުއާޓަރ ކަހަލަ ގޮތަކަށް ލީޑުގައި އޮތީ ނެޕާލް ޓީމެވެ.

img:http://s4.psmnews.mv/images/660x400/14953063560462.gif|ޒަބީ ބޯޅަ ހޯދުމަށް ނޭޕާލް ކުޅުންތެރިން ކައިރީ މަސައްކަތް ކުރަނީ - ފޮޓޯ ޕީ.އެސް.އެމް

މެޗު ނިމެން ތޭރަ ސިކުންތަށް ވެފައިވަނިކޮށް ދިވެހި ޓީމަށް މެޗުގެ ނަތީޖާ އަނބުރާލުމަށް ރަނގަޅު ފުރުސަތެއްވެސް ވަނީ ލިބިގެން ގޮސްފައެވެ. އެހެންނަމަވެސް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފޭގޮތްވަނީ ނުވެފައެވެ. މިމެޗުގައި ދިވެހި ޓީމުން އެންމެ ރަނގަޅަށް ކުޅުނު ކުޅުންތެރިންގެ ތެރޭގައި ހުސެއިން ހަލީމާއި ކެޕްޓަން މުހައްމަދު ޒިލާލް ފާހަގަކޮށްލެވެއެވެ.

މިމެޗުން ބަލިވިނަމަވެސް މުބާރާތުގެ ދެވަނަ ހޯދުމުގެ ދޮރު ދިވެހިޓީމަށް އެއްކޮށް ބަންދުވެގެން ގޮސްފައެއް ނުވެއެވެ.

އެހެންނަމެވެސް ކުރިއަށް އޮތް ދެ މެޗު ދިވެހިޓީމަށް ނަގަން ވަނީ މަޖުބޫރުވެފައެވެ.

މިމުބާރާތުގައި އާދިއްތަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އިންޑިއާ އާއި ސްރީލަންކާއެވެ. އަދި ދެވަނަ މެޗުގައި ބައްދަލުކުރާނީ ދިވެހިރާއްޖެ އާއި ބަންގްލަދޭޝްއެވެ.