ޚަބަރު

ސަންފްރަންޓުން މާލޭގައި ކުޑަކުދިންނަށް ޚާއްސަ ޕާރކެއް ހުޅުވައިފި


ސަންފްރަންޓުން މާލޭގައި ކުޑަކުދިންނަށް ޚާއްސަކޮށްގެން ޕާރކެއް ހުޅުވައިފިއެވެ.

''މާވެޔޮ މައިޒާން'' ހުޅުއްވައިދެއްވީ އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒުއެވެ. މަޖީދީ މަގުގައި ހުންނަ ސަންފްރަންޓު ފިހަރާއާއި ޖެހިގެން އޮންނަ ހުސްބިމުގައި ހުޅުވި މި ޕާރކަކީ ސަންފްރަންޓުގެ އިޖުތިމާޢީ ޒިންމާގެ ދަށުން ހުޅުވި ޕާރކެކެވެ. މިތަން ޚާއްސަކޮށްފައިވަނީ އުމުރުން 5 އަހަރުން ދަށުގެ ކުޑަކުދިންނަށް ކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ. tw:https://twitter.com/PSMnewsmv/status/865910525929979906

ޕާރކް ހުޅުއްވައިދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ޢާއިލާއާއެކީ އުފާވެރި ވަގުތު ހޭދަކޮށްލެވޭ ގޮތަށް ޕާރކްތައް ތަރައްޤީ ކުރުމަކީ ސަރުކާރުން ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވަމުން އަންނަ މަސައްކަތެއް ކަމަށެވެ. މިނިސްޓަރ ވިދާޅުވީ، މާލޭ ރީޑިވެލޮޕްކުރެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގައި އަމިއްލަ ކުންފުނިތަކުގެ އެއްބާރުލުން މިހާރަށްވުރެ ބޮޑަށް ބޭނުންވާ ކަމަށެވެ. img:http://s4.psmnews.mv/images/660x400/14953038217577.jpg|މާވެޔޮ މައިޒާން ހުޅުވުން - ފޮޓޯ: ޕީއެސްއެމް / މުޙައްމަދު ވަޙީދު

"މާލެ ރީޑިވެލޮޕްކުރަން ސަރުކާރުން ކުރައްވާ މަސައްކަތުގައި އަމިއްލަ ކުންފުނިތަކުގެ އެއްބާރުލުން ބޭނުންވޭ. ސަންފަރަންޓުން ދެއްކި ނަމޫނާ އެހެން ކުންފުނިތަކުންވެސް ދައްކާ މިކަމުގައި އެއްބާރުލުން ދެއްވުމަށް އަޅުގަނޑު އެދެން" ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ. img:http://s3.psmnews.mv/images/660x400/14953038604995.jpg|މާވެޔޮ މައިޒާން ހުޅުވުން - ފޮޓޯ: ޕީއެސްއެމް / މުޙައްމަދު ވަޙީދު

މާލޭގައި ތަރައްގީކުރާ ޕާކުފަދަ ތަންތަނަކީ، މާލެއަކީ އިޖުތިމާއީ ގޮތުން ކުރިއަރާފައިވާ ތަނަކަށް ހެދުމަށް ކުރާ މަސައްކަތުގެ ދަށުން ތަރައްޤީކުރާ ތަންތަނެވެ. އެގޮތުން މިހާތަނަށް 10 ޕާރކެއް ހުޅުވާފައިވެއެވެ. މިތަންތަން ބޭނުންކުރާ ޢާންމުން ގިނަކަން ފާހަގަކޮށްލެވެއެވެ.