ޚަބަރު

ގެއްލުން ލިބުނު 3 ގެއެއްގެ މަރާމާތުގެ މަސައްކަތް ކުރިއަށް ދަނީ


އައްޑޫ ސިޓީ ހިތަދުއަށް އެރި ނަގޫރޯޅީގައި ގެއްލުން ލިބުނު ގެތަކުގެ ތެރެއިން ތިން ގެއެއްގެ މަސައްކަތް މިހާރު ކުރިއަށް އެބަގެންދެއެވެ.

ގެއްލުން ލިބުނު ގެތަކުގެ ތެރެއިން މިހާރު މަރާމާތު ކުރަމުންގެންދަނީ ވޭލީގެއާއި، ދަނޑެގޭގެ އިތުރުން އެރަށު ޗަނބޭލީގޭގައެވެ. ނަގޫރޯޅީގައި ގެއްލުންވި ޚަބަރު ލިބުމާއެކު އެ ގެތަކުގައި ދިރިއުޅެމުންދިޔަ ޢާއިލާތަކަށް ކަމާބެހޭ ފަރާތްތަކުން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެއްވައި، ގެތަކުގެ މަރާމާތަށް ބޭނުންވާ ކަންކަން ހަމަޖެއްސުމަށް ވަގުތުން ވަނީ މަސައްކަތް ފަށްޓަވާފައެވެ. މިގޮތުން ފުރާޅު އެއްލާލައި ގެއްލުންވި ގެތަކުގައި އަލުން ފުރާޅުހެދުމުގެ ބުރަ މަސައްކަތް ވަގުތުން ފަށްޓަވާފައިވެއެވެ. tw:https://twitter.com/PSMnewsmv/status/865858750149607426

ޑިޒާސްޓަރ މެނޭޖްމެންޓްގެ އެކްޒެކިއުޓިވް ކޯޑިނޭޓަރ އަޙްމަދު ރަޝީދު ވިދާޅުވީ ގެއްލުން ލިބުނު ގެތަކުގެ ތެރެއިން ވޭލީގޭގައި ދިރިއުޅޭ ޢާއިލާ މިހާރު ވަނީ އެހެން ގެއަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އެ ޢާއިލާއަށް ކެއުން ބުއިމުގެ ޚަރަދު ޑިޒާސްޓަރ މެނޭޖްމެންޓްގެ ފަރާތުން ހަމަޖައްސާފައިވާކަމަށްވެސް ރަޝީދު ވިދާޅުވިއެވެ. ރަޝީދު ވިދާޅުވީ ފުރާޅު ނެތް ގެތަކުގެ މަރާމާތުގެ މަސައްކަތް މާދަމާގެ ނިޔަލަށް ނިމޭނެ ކަމަށެވެ.

މިހާދިސާ ހިނގުމާއެކު، ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ ޙާލުގައި ޖެހުނު ފަރާތްތަކުގެ ޙާލުބައްލަވައި، ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ވަގުތުން މަސައްކަތް ފެށްޓެވުމަށް ސަރުކާރުގެ މުއައްސަސާތަކަށް އަންގަވާފައެވެ.

ނަގޫރޯޅީގެ ސަބަބުން ހިތަދޫން ގެއްލުން ލިބުނު ޢާއިލާތަކަށް ސަރުކާރުން އެހީވެދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވާފައެވެ. އަދި އެ ޢާއިލާތައް ދިރިއުޅޭ ގެތައް މަރާމާތުކުރައްވައި ޢާންމު ޙާލަތަކަށް ބަދަލުކުރެއްވުމުގެ ހުރިހާ ކަމެއް ސަރުކާރުގެ ޚަރަދުގައި ކުރެއްވުމަށް ވަނީ ނިންމަވާފައެވެ. މި ނިންމެވުމާއެކު މިކަމުގެ މަސައްކަތް ގެންދަވަނީ ރެއާއި ދުވާލު ކުރައްވަމުންނެވެ. މިކަންކަން އެ ގެތަކުގެ ވެރިންނާއި ޢާއިލާތަކުން އަންނަނީ ޝުކުރުވެރިކަމާއެކު ބަލައިގަންނަމުން ކަމަށް މިކަމުގައި ޙަރަކާތްތެރިވާ ޚާއްޞަ ސްޓިއަރިންގ ކޮމެޓީގެ މެންބަރުން ވިދާޅުވެއެވެ. އަދި މި މަސައްކަތުގައި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުން ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ދެއްވަމުން ގެންދަވާކަމަށް އެ ކޮމެޓީގެ މެންބަރުން ވިދާޅުވެއެވެ.