ޚަބަރު

ކުޑަކުދިންގެ ޤުރުއާން ކިޔެވުމުގެ މުބާރާތުގެ އޮޑިޝަންތައް ކުރިޔަށް


ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ކުޑަކުދިންގެ ޤުރުއާން ކިޔެވުމުގެ މުބާރާތުގެ އޮޑިޝަންތަކުގައި ކިޔެވުމުގެ ފުރުޞަތު މިއަދު އިރުއޮއްސި 6 ޖަހާއިރު ބަންދުވާނެއެވެ.

މާލޭގެ އިތުރުން ރާއްޖޭގެ 5 ސަރަޙައްދެއްގައި ކުރިޔަށް ގެންދާ މި މުބާރާތުގައި، އައްޑޫ ސިޓީ ހިތަދޫ، އއ. މަތިވެރި، ފ. ނިލަންދޫ، ޅ. ނައިފަރު އަދި ރ. އުނގޫފާރުގައި ކުރިޔަށްދާ އޮޑިޝަންތައް މިއަދު އިރުއޮއްސި 6 ޖެހުމާއި ހަމައަށް ނިންމާލާނެއެވެ. އެހެންނަމަވެސް ކަނޑައެޅިފައިވާ ވަގުތު ހަމަވާއިރު ކިޔަވަން ކުދިން އައިސްތިބިނަމަ، ކިޔެވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައިވާކަމަށް ޕީއެސްއެމްއިން ބުނެއެވެ.

ކުޑަކުދިންގެ ޤުރުއާން ކިޔެވުމުގެ މުބާރާތުގެ މާލޭ އޮޑިޝަންގައި ބައިވެރިވުމުގެ ފުރުޞަތު މިހާރުވަނީ ބަންދުވެފައެވެ. 

އެހެން އަހަރުތަކާއި ޙިލާފަށް މިއަހަރުގެ މުބާރާތް ކުރިޔަށްގެންދަނީ އޮޑިޝަންތަކަށް ރަޖިސްޓްރީ ކުރުމަށް އެސްއެމްއެސް ކުރުމުގެ ބަދަލުގައި އޮޑިޝަން ހިނގަމުންދާ ވަގުތުގައި އައިޑީ ކާޑް ހިފައިގެން އައުމުން މުބާރާތުގައި ބައިވެރިވެވޭ ގޮތަށެވެ. މިއަހަރުގެ މުބާރާތަށް ބޮޑު ތަރުޙީބެއް ލިބިފައިވާ ކަމަށާއި މުބާރާތުގެ އޮޑިޝަންތަކުގައި ދެހާހާއި ގާތްކުރާ ޢަދަދަކަށް ކުދިން ބައިވެރިވެ، ކިޔަވާފައިވާ ކަމަށް ޕީއެސްއެމުން މަޢުލޫމާތުދެއެވެ.