ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ސަޢޫދީ ޢަރަބިއްޔާއަށް ފުރަވަޑައިގަންނަވައިފި


ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟުގައި ބޭއްވުމަށް މާދަމާ ފެށުމަށް ހަމަޖެހިފައިވާ "ޢަރަބް އިސްލާމިކް އެމެރިކަން ސަމިޓް" ގައި ބައިވެރިވެވަޑައިގެންނެވުމަށްޓަކައި، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދުގެ ދަޢުވަތަކަށް، ރައީސުލްޖުމްހޫރިއްޔާ ޢަބްދު ﷲ ޔާމީން ޢަބްދުލްޤައްޔޫމް ސަޢޫދީ ޢަރަބިއްޔާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު މާލެއިން ފުރާވަޑައިގަންނަވައިފިއެވެ.

ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟުގައި ބާއްވާ މި ސަމިޓްގެ ބޭނުމަކީ ޓެރަރިޒަމާ ހަނގުރާމަ ކުރުމަށްޓަކައި ޢަރަބި އިސްލާމީ އުއްމަތާއި އެމެރިކާ އާ ގުޅިފައިވާ އެލަޔަންސްއެއް އުފެއްދުން ކަމަށާއި، މި ސަމިޓުގައި ޢަރަބި އިސްލާމީ ލީޑަރުންނާއެކު އެމެރިކާގެ ރައީސް ޑޮނަލް ޓްރަމްޕް ބައިވެރިވެވަޑައިގަންނަވާގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. މުޙައްމަދު ޢާޞިމްއާއި، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. މުޙައްމަދު ޝައިނީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ނަޞީރު ބައިވެރިވެވަޑައިގަންނަވައެވެ.

މި ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ ތަޤްރީރު ކުރައްވާ ގޮތަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރުގެ ވަގުތެއްގައެވެ.