ކުޅިވަރު

އިންޑިއާ މޮޅުވިނަމަވެސް ދިވެހި ކޯޗު ހިތްހަމަޖެހިފައި


އިންޑިޔާއިން ސަތޭކަ ޕޮއިންޓް ހަމަކުރިޔަނުދީ ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގެ ޤައުމީ ބާސްކެޓްބޯޅަ ޓީމުން ހިފަހައްޓާލައިފިއެވެ. މިހާރު މާލޭގައި ކުރިއަށްދާ ފަސްވަނަ ސާބާ ޗެމްޕިއަންޝިޕްގައި ރޭ އިންޑިއާ އާއި ދިވެހިރާއްޖެ ބައްދަލުކުރި މެޗު އިންޑިއާ ކާމިޔާބުކުރީ ސާޅީސް ދެ ޕޮއިންޓްގެ ތަފާތަކުންނެވެ. އެއީ 84 - 42 ނެވެ.

މިއީ ބައިނަލްޤްވާމީ މެޗެއްގައި އިންޑިއާއިން ރާއްޖެ ކޮޅަށް ސަތޭކަ ޕޮއިންޓާއެކު ސެންޗުރީ ނުހެދި ނިންމާލަަން ޖެހުނު ފުރަތަމަ މެޗެވެ.

މެޗަށް ފަހު ދިވެހިރާއްޖޭގެ ޤައުމީ ޓީމުގެ ކެޕްޓަން މުހައްމަދު ޒިލާލް ބުނީ ޓީމުގެ ކުޅުންތެރިން ދެއްކި ކުޅުމާ މެދު ވަރަށް ހިތްހަމަ ޖެހޭކަމަށާއި، މެޗުގައި ކުޅުންތެރިން ވަރަށް ރަނގަޅަށް ޕާފޯމް ކުރިކަމަށެވެ.

img:http://s4.psmnews.mv/images/660x400/14952199435494.gif|ދިވެހި ޓީމުގެ ކެޕްޓަން ޒިލާލް - ފޮޓޯ ޕީ.އެސް.އެމް

ދިވެހި ޓީމުގެ ކޯޗު ބުނީ ބޭނުންވިގޮތަށް ހުރިހާ ކުޅުންތެރިންވެސް ކުޅުނުކަމަށެވެ. ދިވެހި ޓީމުގެ ސީނިއަރ ތިން ކުޅުންތެރިއަކަށް އަނިޔާވެފައިވާ ކަމަށާއި އެހެންކަމުން އެހާ ބޮޑަށް ކުޅުންތެރިންނަށް ޕްރެޝަރ ނުކުރާކަމަށްވެސް ކޯޗު ބުނިއެވެ.

"ކުރިއަށްވެސް މުހިއްމު މެޗުތަކެއް ހުރީ، އެހެންކަމުން މިމެޗުގައި މާބޮޑަށް ޕްރެސްކޮށްގެން ވަރުގަދަޔަށް ޖައްސަން ކުޅުންތެރިންނަށް އިރުޝާދެއް ނުދެން. މީގެއިތުރުން ޓީމުގެ މުހިއްމު ބައެއް ކުޅުންތެރިން ތިބީވެސް އަނިޔާގައި. އިތުރަށް މަސައްކަތް ކޮށް ސްކޯކުރަން ޕްރެސް ކުރިނަމަ ފަސްދޮޅަހެއްހާ ޕޮއިންޓު އިންޑިއާ ކައިރީގައި ހޯދުނީސް." ދިވެހި ޓީމުގެ ކޯޗު ސުޕުން ވިމާލް ބުންޏެވެ.

ދިވެހި ކޯޗު އިތުރަށް ބުނީ ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅެން ޖެހުމާއެކު ކުރިއަށް ހުރި މެޗުތަކަކީ މޮޅުވެވޭނެ ވަރުގެ މެޗުތަކެއް ކަމުން އެމެޗުތަކަށް އިސްކަން ދޭން ވެގެން މިމެޗުގައި ކުޅުންތެރިންނަށް ރެސްޓްދީ ހުރިހާ ކުޅުންތެރިންނަށްވެސް ފުރުސަތު ދިނީ ކަމަށެވެ.

މެޗަށްފަހު އިންޑިއާގެ ކޯޗު ބުނީ އޭނާގެ ޓީމުގެ ކުޅުމާމެދު ހިތްހަމަ ޖެހޭކަމަށެވެ. އަދި މިމުބާރާތަކީ އިންޑިއާއިން ކުރިއަށް އޮތް އޭޝިއަން ބާސްކެޓްބޯލް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ކުޅޭ މުބާރާތެއް ކަމަށެވެ. މީގެއިތުރުން ދިވެހިޓީމުން ބާސްކެޓްގައި ހޯދަމުންދާ ކުރިއަރުންވެސް އިންޑިއާގެ ކޯޗު ވަނީ ފާހަގަކޮށްފައެވެ.

img:http://s4.psmnews.mv/images/660x400/14952198926396.gif|ދިވެހިރާއްޖެ އާއި އިންޑިއާ ބައްދަލުކުރި މެޗުގައި އިންޑިއާ ކާމިޔާބުކުރީ ތަފާތު ބޮޑުކޮށް - ފޮޓޯ ޕީ.އެސް.އެމް

މިމުބާރާތުގައި ހޮނިހިރު ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ސްރީލަންކާ އާއި ބަންގްލަދޭޝްއެވެ. އަދި ހޮނިހިރު ދުވަހުގެ ރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ދިވެހިރާއްޖެ އާއި ނޭޕާލްއެވެ.