މުނިފޫހިފިލުވުން

ހަބޭސްގެ މީޑިއާ ޕާޓްނަރަކަށް ޕީއެސްއެމް ހަމަޖައްސައިފި


ޕަބްލިކް ސަރވިސް މީޑިއާ އާއި ރާއްޖޭގެ މަޝްހޫރު ބޮޑުބެރު ގްރޫޕެއްކަމަށްވާ ހަބޭސް ބޮޑުބެރު ގްރޫޕާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ޕަބްލިކް ސާރވިސް މީޑިއާ، ޕީއެސްއެމްއާ ހަބޭސް ބޮޑުބެރު ގްރޫޕާ ދެމެދު ސޮއިކުރި އެއްބަސްވުމަކީ ރާއްޖޭގައި ބޮޑުބެރާއި މިއުޒިކް ކުރިއެރުވުމަށް ގުޅިގެން މަސައްކަތް ކުރުމަށް ވެވުނު އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން ހަބޭސް ބޮޑުބެރު ގްރޫޕުން ބޮޑުބެރު ކުރިއެރުވުމަށް ކުރާ މަސައްކަތުގައި ޕީއެސްއެމުން ބައިވެރިވާނެއެވެ. އަދި ހަބޭސްއިން އުފައްދާ އުފެއްދުންތައް ޕްރޮމޯޓް ކުރުމުގައި ޕީއެސްއެމުން ބައިވެރިވާނެއެވެ. މީގެއިތުރުން ޕީއެސްއެމުން ހިންގާ މިފަދަ ހަރަކާތްތަކުގައި ހަބޭސްއިންވެސް ބައިވެރިވާނެއެވެ. 

ދިވެހިރާއްޖޭގެ އަޑުގެ ސިނެކޯމާލަމްގައި އޮތް ރަސްމިއްޔާތުގައި ޕަބްލިކް ސަރވިސް މީޑިއާގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލްއެވެ. ހަބޭސްގެ ފަރާތުން ސޮއިކުރީ އެގްރޫޕްގެ މެނޭޖަރ މާކެޓިންގ އަލީ މަމްދޫޙްއެވެ.

މިއެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލް ވިދާޅުވީ، ޒުވާނުންކުރާ މިފަދަ ކަންތަކުގައި ޕަބްލިކް ސާރވިސް މީޑިއާއިން އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެއްވާކަމަށެވެ. އަދި ރާއްޖޭގައި މިގޮތަށް މަސައްކަތްކުރާ އެހެން ގްރޫޕްތަކާއި އެކި ފަންނުތަކުގައި މަސައްކަތްކުރާ ޒުވާނުންނަށްވެސް ޕީއެސްއެމުން އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށް ޚަލީލް ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/14952072564025.jpg|ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލް ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ޕީއެސްއެމް

"ކުރިމަގުގައި މިގޮތަށް ރާއްޖޭގައި މަސައްކަތްކުރާ އެހެން ގްރޫޕްތައްވެސް ނުވަތަ އެހެން ޒުވާނުންވެސް އަދި އެކި ފަންނުތަކުގައި މަސައްކަތްކުރާ ޒުވާނުންނަށްވެސް ޕީއެސްއެމްއިން ވެދެވެންހުރި ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން މިއަދުވެސް އަޅުގަނޑު އަރުވަން. އަޅުގަނޑު ފާހަގަކޮށްލަން ބޭނުން ރާއްޖޭގައި އުފެދިގެން މަސައްކަތްކުރަމުން އަންނަ ބޮޑުބެރު ގުރޫޕްތަކާއި މިއުޒިކް ގްރޫޕްތަކާ އަޅާބަލާއިރު، "ހަބޭސް" މި ގުރޫޕަކީ ތަންކޮޅެއް ތަފާތުގޮތަކަށް މަސައްކަތް ކުރަމުން އަންނަ ގްރޫޕެއް. އެގޮތުން މާކެޓްކުރުމާއި، އިޝްތިހާރު ކުރުމާއި، އަދި އުފެއްދުންތައް އުފެއްދުމުގައިވެސް ތަފާތުތަކެއް ގެންގުޅޭކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ" ޚަލީލް ވިދާޅުވިއެވެ. 

ހަބޭސްގެ މަސްޢޫލުވެރިޔާ އަލީ ޝިފާޢު ބުނީ، މި އެއްބަސްވުމުގެ ދަށުން ދެފަރާތަށްވެސް އޭގެ ފައިދާ ކުރާނެކަމަށެވެ. އަދި ދަޢުލަތުގެ މީޑިއާއާއެކު މިފަދަ އެއްބަސްވުމެއްގައި ސޮއިކުރެވުމަކީ އެ ގްރޫޕަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއްކަމަށް އަލީ ޝިފާޢު ބުންޏެވެ.

"މި ސޮއިކުރެވުނު އެމްއޯޔޫއަކީ ހަބޭސްގެ ހުރިހާ އުފެއްދުމެއްވެސް ޕީއެސްއެމްއިން ޕްރޮމޯޓްކޮށް، ޕީއެސްއެމްގެ ހުރިހާ ކަމެއްގައިވެސް ހަބޭސްއިން ބައިވެރިވުން. މިއެއްބަސްވުމުގެ ސަބަބުން ހަބޭސްއަށާއި ޕީއެސްއެމްއަށް އިތުރު ކުރިއެރުންތައް ލިބޭނެ" ޝިފާޢު ބުންޏެވެ. 

ހަބޭސްއިން މިހާރު ކުރަމުންދާ މަސައްކަތްތަކަށް ބަލާއިރު އެންމެ ފާހަގަކޮށްލެވެނީ ރަމަޟާންމަހުގެ ކުރިން ނެރުމަށް މަސައްކަތް ކުރާ މަދަހަ އަލްބަމްގެ މަސައްކަތެވެ. މި މަދަހަ އަލްބަމަކީ ރަމަޟާން މަހާ ދިމާކޮށް ހިލޭ ބެހުމަށް ތައްޔާރުކުރާ އަލްބަމެއްކަމަށް ހަބޭސްއިން ބުނެއެވެ.

ހަބޭސްއަކީ ރާއްޖޭގެ ޒުވާނުންގެ މެދުގައި އެންމެ މަޤްބޫލް އެއް ބޭންޑެވެ. ހަބޭސް ބޮޑުބެރު ގްރޫޕްގެ އިތުރުން ހަބޭސް ޕޮޕް ބޭންޑާއި، ގްރެވިޓީ ބައި ހަބޭސްއާއި، ހަބޭސް ފިއުޝަން އަކީ ހަބޭސްގެ ދަށުން ހިނގަމުން އަންނަ ބޭންޑުތަކެވެ. މި ހުރިހާ ބޭންޑްތަކާއެކު "ހަބޭސް" މިހާރު މިވަނީ ރާއްޖޭގެ މަޝްހޫރު ބްރޭންޑަކަށްވެފައެވެ.