ސިއްހަތު

ސާކް ޤައުމުތަކުގެ ހަމުގެ ޙާއްސަ ޑޮކްޓަރުންގެ ކޮންފަރެންސް ފަށަނީ


ރާއްޖޭގައި ބާއްވާ، ފުރަތަމަ ސާކް ޤައުމުތަކުގެ ހަމުގެ ޙާއްސަ ޑޮކްޓަރުންގެ ކޮންފަރެންސް މާދަމާ ބާއްވަން ނިންމައިފިއެވެ.

މާދަމާއިން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ދ.އަތޮޅު ކަނޑިންމަ ރިސޯޓުގައި ކުރިއައްގެންދިއުމަށް ހަމަޖެހިފައިވާ މި ބައްދަލުވުމުގައި ސާކްގެ އެކި ޤައުމުތަކުގެ ހަމުގެ ޚާއްސަ ޑޮކްޓަރުން ބައިވެރިވެއެވެ. އެގޮތުން ދިވެހިރާއްޖެ، އިންޑިއާ، ބަނގްލަދޭޝް، ޕާކިސްތާން، ނޭޕާލް ހިމެނެއެވެ.

ސާކްގެ އިތުރުން އިނގިރޭސި ވިލާތާއި އެމެރިކާއިން ހަމުގެ ބައްޔަށް ޚާއްސަ، ޖުމްލަ ސަތޭކައެއްހާ ޑޮކްޓަރުން މި ކޮންފަރެންސްގައި ބައިވެރިވާކަމަށް ޕީއެސް.އެމްއަށް މައުލޫމާތު ދެއްވަމުން މި ކޮންފަރެންސް ހިންގާ ސާކް އެސޯސިއޭޝަން އޮފް އެސްތެޓިކް ޑަރމިތޮރޮލޮޖީގެ ފަރާތުން ވާހަކަ ދެއްކެވި ޑރ،މުހައްމަދު ހައިކަލް ވިދާޅުވިއެވެ.

ރާއްޖޭގެ ހަމުގެ ދާއިރާއަށް ޚާއްސަ 6 ޑޮކްޓަރުން ބައިވެރިވާ މި ކޮންފަރެންސްގައި މަޝްވަރާ ކުރެވޭނީ މި ދާއިރާގައި އުޅޭ ޑޮކްޓަރުންނަށް ދިމާވާ މައްސަލަތަކާއި ގުޅޭގޮތުންނެވެ.

މި މަހުގެ 20 ވަނަ ދުވަހުން 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ކޮންފަރެންސްގައި ތަފާތު އެކި ސެޝަންތައް އެކަންކަމަށް ޚާއްސަ ބޭފުޅުން ނަންގަވައިދެއްވަން ހަމަޖެހިފައިވާއިރު މި ސެޝަންތަކުގައި، އެންމެން އެއްބަސްވާ ޖަވާބުތަކެއް ލިބޭނެކަމަށްވެސް ޑރ.ހައިކަލް ވިދާޅުވިއެވެ.

ސާކް އޭޑީ އުފެއްދުމުގެ މައިގަނޑު މަޤުސަދު ކަމުގައިވާ ސައުތު އޭޝިއާގެ މީހުންނަށް ޖެހޭ ހަމުގެ ބަލިތަކުގެ ޝިފާ އަދި ހައްލުތައް މި ކޮންފަރެންސް ނިމިގެންދާއިރު ލިބޭނެކަމަށް އުންމީދުކުރައްވާކަމަށްވެސް ޑރ.ހައިކަލް ވިދާޅުވިއެވެ. މިގެ ކުރިން މި ފަދަ ބައްދަވުންތަކެއް ބަންގްލަދޭޝްގެ ޑާކާ އާއި ނޭޕާލުގެ ކަތަމަންޑޫގައިވެސް ބާއްވާފައިވެއެވެ.