ކުޅިވަރު

ސާބާގެ ފުރަތަމަ މެޗު ބަންގްލަދޭޝް ކާމިޔާބުކޮށްފި


މިއަދު ރާއްޖޭގައި ފެށި ފަސް ވަނަ ސާބާ ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗު ބަނގްލަދޭޝް ކާމިޔާބުކޮށްފިއެވެ.

ރާއްޖޭގައި މިހާތަނަށް ބާއްވާ ފުރަތަމަ ބައިނަލްއަގްވާމީ ބާސްކެޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗު ބަނގްލަދޭޝް ކާމިޔާބުކުރީ ނޭޕާލްގެ މައްޗަށް 10 ޕޮއިންޓްގެ ތަފާތަކުން ކުރި ހޯދައިގެންނެވެ. މިމެޗު ބަންގްލަދޭޝް ޓީމުން ކާމިޔާބުކުރި 76 ޕޮއިންޓް 66 ޕޮއިންޓުންނެވެ.

މުޅި މެޗުގައިވެސް ލީޑު ނަގައިގެން ކުޅެމުންދިޔައީ ބަނގްލަދޭޝް ޓީމުންނެވެ. މިގޮތުން ހަތަރު ކުއާޓަރ ނިމުނު އިރުވެސް ބަނގްލަދޭޝް އަތުން ލީޑް ގެއްލިފައެއް ނުވެއެވެ.

މުބާރާތް މިއަދު ހުޅުއްވައިދެއްވީ ޔޫތް މިނިސްޓަރ އިރުތިޝާމް އާދަމެވެ. މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި މުބާރާތް ބޭއްވުމަކީ ހުރިހާ ކުޅުންތެރިންނަށްވެސް ލިބޭނެ ފަޚްރެއްކަމަށާއި، ދިވެހި ދިދަ ވިހުރުވާލާ ރަނގަޅު ނަތީއެއް ނެރޭނެކަމަށް އުއްމީދު ކުރައްވާކަމަށެވެ.

img:http://s1.psmnews.mv/images/660x400/14952065181604.jpg|މުބާރާތް ފަށްޓަވައި ދެއްވުމުގެ ގޮތުން މިނިސްޓަރ ދެޓީމްގެ ކުޅުންތެރިންނާ ސަލާމް ކުރައްވަނީ

މިމުބާރާތް ކުރިއަށް ދާނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކޮށް ނިމޭއިރު އެއްވަނާގައި އޮންނަ ޓީމަކަށް ޗެމްޕިއަންކަން ލިބޭގޮތަށެވެ.

 މިމުބާރާތުގައި ދިވެހިރާއްޖޭގެ ޤައުމީ ބާސްކެޓް ޓީމުގެ ފުރަތަމަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިރެއެވެ.

އެންމެ ފަހުގެ ސާބާ ޗެމްޕިއަންޝިޕްގެ ދެވަނަ ހޯދި ދިވެހިރާއްޖެ މިރޭގެ މެޗުގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އާއެވެ. މިމެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ ނުވައެއް ޖަހާއިރެވެ.

މިމުބާރާތުގެ ހުރިހާ މެޗެއްވެސް ޕީ.އެސް.އެމްގެ ޓީ.ވީ.އެމް އާއި ޔެސް ޓީ.ވީ އިން ވަގުތުން ދައްކާނެއެވެ.