ޚަބަރު

ކޮޅުވެއްޓި ހޯދަމުންދާ ޓީމަށް ކަނޑުމަތިން އެއްޗެހިތަކެއް ފެނިއްޖެ


ގެއްލިގެން ހޯދަމުންދާ ކޮޅުވެއްޓި ހޯދުމުގެ މަސައްކަތްކުރަމުންދާ ޓީއެމްއޭގެ ސީޕްލޭނަށް ކަނޑު މައްޗަށް އެޅިފައި ހުރި ތެޔޮތަކަކާއި އޮޔާދާ ލަކުޑިތަކެއް ފެނިއްޖެކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ކަނޑުމައްޗަށް އެޅިފައިހުރި ތެޔޮތަކާއި ލަކުޑިތައް ފެނިފައިވަނީ ލ.އިސްދޫމުލީގެ އިރު އުތުރުން 50 ނޯޓިކަލް ބޭރުންކަމަށެވެ. މިމަޢުލޫމާތު ލިބުމާއެކު ކޮޅުވެއްޓި ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ސީޕްލޭނާއި ހެލިކޮޕްޓަރު އަދި ކޯސްޓްގާޑުގެ އުޅަނދުތައް ވަނީ އެސަރަޙައްދުން އެއްވެސް މީހަކު ނުވަތަ އުޅަނދުގެ އެއްވެސް ބައެއް ފެނޭތޯ ބެލުމުގެ މަސައްކަތް ފަށާފައެވެ. 

6 މީހުންނާއެކު ދަތުރުކުރަމުންދިޔަ މާރިއާ 3 ނަމަކަށްކިޔާ ކޮޅު ވެއްޓިއެއް ގެއްލިގެން އެމްއެންޑީއެފަށް ރިޕޯޓްކޮށްފައިވަނީ އިއްޔެ ހަވީރުއެވެ. ދިގުމިނުގައި 168 ފޫޓު ހުންނަ "މާރިޔާ ތިނެއް" ނަމަކަށް ކިޔާ މި ކޮޅުވެއްޓިއަކީ ބޭރުގައި ފެހިކުލައާއި ހުދުކުލަ އޮތް އުޅަނދެއްކަމަށާ، އެއުޅަނދާ އެންމެ ފަހުން ގުޅިފައިވަނީ މިމަހުގެ 16 ވަނަދުވަހުގެރޭ ނުވަގަޑި ތިރީސް އެހާކަންހާއިރުކަމަށްވެސް އެމްއެންޑީއެފް ކޯސްޓްގާޑުން ވިދާޅުވެއެވެ.

ކޮޅުވެއްޓި ހޯދުމުގެ މަސައްކަތުގައި ޓީއެމްއޭގެ ސީޕްލޭނެއްގެ އިތުރުން، އެމްއެންޑީއެފްގެ ހެލިކޮޕްޓަރަކާއި ކޯސްޓް ގާޑް ހުރަވީއާއި ހާބަރ ކްރާފްޓުންވެސް ގެންދަނީ ހަރަކާތްތެރިވަމުންނެވެ. ކޮޅުވެއްޓީގައި ތިބި 6 މީހުންގެތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި ހަތަރު ބިދޭސީންނެވެ. ކޮޅުވެއްޓި ގެއްލިފައިވަނީ މާލެ އަތޮޅު ތުލުސްދޫއިން ފުރައިގެން ދަތުރުކުރަމުންދަނިކޮށް ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ.