ޚަބަރު

ކޮޅުވެއްޓި ހޯދުމުގެ މަސައްކަތް ވައިގެ މަގުން ފަށްޓަވައިފި


6 މީހުންނާއެކު ގެއްލިގެން ހޯދަމުން އަންނަ ކޮޅުވެއްޓި ހޯދުމުގެ މަސައްކަތް ވައިގެ މަގުން ފަށްޓަވައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ ޓީއެމްއޭގެ ސީޕްލޭނެއްގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިން މިހާރު، މިމަސައްކަތް ފަށާފައިވާކަމަށެވެ. މީގެއިތުރުން އެމްއެންޑީއެފްގެ ހެލިކޮޕްޓަރަކާއި ކޯސްޓް ގާޑް ހުރަވީއާއި ހާބަރ ކްރާފްޓުންވެސް ގެންދަނީ މިކޮޅުވެއްޓި ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ކޮޅުވެއްޓީގައި ތިބި 6 މީހުންގެތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި ހަތަރު ބިދޭސީންނެވެ. ކޮޅުވެއްޓި ގެއްލިފައިވަނީ މާލެ އަތޮޅު ތުލުސްދޫއިން ފުރައިގެން ދަތުރުކުރަމުންދަނިކޮށް ކަމަށާ، ކޮޅުވެއްޓީގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފަށް ރިޕޯޓްކޮށްފައިވަނީ، އިއްޔެ ހަވީރުއެވެ.

ދިގުމިނުގައި ސަތޭކަ ފަސްދޮޅަސް އަށްފޫޓު ހުންނަ "މާރިޔާ ތިނެއް" ނަމަކަށް ކިޔާ މި ކޮޅުވެއްޓިއަކީ ބޭރުގައި ފެހިކުލައާއި ހުދުކުލަ އޮތް އުޅަނދެއްކަމަށާ، އެއުޅަނދާ އެންމެ ފަހުން ގުޅިފައިވަނީ މިމަހުގެ ސޯޅަވަނަދުވަހުގެރޭ ނުވަގަޑި ތިރީސް އެހާކަންހާއިރުކަމަށްވެސް އެމްއެންޑީއެފް ކޯސްޓްގާޑުން ވިދާޅުވެއެވެ.