ޚަބަރު

ފެނަކައިގެ މުވައްޒަފުން އެކި ދާއިރާތަކުން ތަމްރީންކުރަނީ


ފެނަކަ ކޯޕަރޭޝަނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ތަމްރީން ލިބިފައިވާ މުވައްޒަފުން މަދުވުންކަމަށާއި އެހެންކަމުން ކުރިއަށްއޮތް ފަސްމަސްދުވަހު އެކުންފުނީގެ ހުރިހާ މުވައްޒަފުންނަށް އެކި ދާއިރާއިން ތަމްރީން ދިނުމަށް ހަމަޖެހިފައިވާކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފް ވިދާޅުވެއްޖެއެވެ. 

އޭނާ މިހެން ވިދާޅުވީ ފެނަކަ ކޯޕަރޭޝަނާއި އެމްއެންޑީއެފް ގުޅިގެން ފެނަކައިގެ މުވައްޒަފުންނަށް ހިންގި ފަޔަރ ސޭފްޓީ ޓްރެއިނިންގ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ފެނަކަ ކޯޕަރޭޝަނާއި އެމްއެންޑީއެފް ގުޅިގެން ފެނަކައިގެ މުވައްޒަފުންނަށް ހިންގި ފަޔަރ ސޭފްޓީ ޓްރެއިންގ ޕްރޮގްރާމަކީ އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ސަމާލުކަން ދޭންވީ ކަންކަން ދެނެގަނެ މިފަދަ ހާދިސާއެއް ހިނގައިފިނަމަ ކަންތައް ކުރަންވީ ގޮތް އަންގައިދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. 

މި ޕްރޮގްރާމް ނިންމުގެ ގޮތުން ވިލިމާލޭގައި ހުންނަ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ޓްރެއިނިންގ ސްކޫލްގައި އޮތް ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ މި ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ދެއްވީ އެންވަޔަރަމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބްދުލް މަތީން މުޙައްމަދުއެވެ. މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަބްދުލް މަތީން ވަނީ އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ކަންތައް ކުރަންވީގޮތް އަމިއްލަ ތަޖުރިބާގެ އަލީގައި ޚިއްސާ ކުރައްވާފައެވެ.

މިރަސްމިއްޔާތަށް ފަހު ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަރީފް ވިދާޅުވީ، މި ޕްރޮގްރާމަކީ ސިލްސިލާ ޕްރޮގްރާމެއްކަމަށާއި، ކުރިއަށް އޮތްތާނގައި އެކުންފުނީގެ ހުރިހާ މުވައްޒަފުންވެސް ތަމްރީން ކުރައްވާނެކަމަށެވެ.

ދެދުވަހުގެ މުއްދަތަކަށް ކުރިއަށްދިޔަ މި ޕްރޮގްރާމްގައި ފެނަކައިގެ އެކިރަށްރަށުގެ އިންޖީންގެތަކުގައި މަސައްކަތް ކުރާ 19 މުވައްޒަފަކު ބައިވެރިވިއެވެ. މި ޕްރޮގްރާމުން ހުރިހާ ބައިވެރިންވެސް ފާސްވެފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެއެވެ.