ޚަބަރު

ކޮޅުވެއްޓިއެއް ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފި


މާލެ އަތޮޅު ތުލުސްދޫއިން ފުރައިގެން ދަތުރުކުރަމުންދިޔަ ކޮޅުވެއްޓިއެއް ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ފަށްޓަވައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މި ކޮޅުވެއްޓީގެ ހަބަރެއް ނުވެގެން ސެންކޯ ޕްރައިވެޓް ލިމިޓެޑުން އެމްއެންޑީއެފް އަށް ރިޕޯޓްކޮށްފައިވަނީ، މިއަދު ހަވީރު 16:16 ހާއިރުކަމަށެވެ، މި ކޮޅުވެއްޓީގައި ދެ ދިވެހިންނާއި ހަތަރު ބިދޭސީން ތިބިކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން މައުލޫމާތުދެއްވައެވެ. ދިގުމިނުގައި 168 ފޫޓު ހުންނަ މާރިޔާ 3 ނަމަކަށް ކިޔާ މި ކޮޅުވެއްޓީގެ ބޭރުގައި ފެހިކުލައާއި ހުދުކުލަ ލާފައި ހުންނާނެކަމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ވިދާޅުވެއެވެ.

މި ކޮޅުވެއްޓިއާއި އެންމެ ފަހުން ގުޅިފައިވަނީ މިމަހުގެ 16 ވަނަދުވަހުގެރޭ ނުވަގަޑި ތިރީސް ހާއިރުކަމަށްވެސް އެމްއެންޑީއެފް ކޯސްޓްގާޑުން ވިދާޅުވެއެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުން ގެންދަވަނީ މި އުޅަނދު ހޯއްދެވުމުގެ މަސައްކަތް ކުރައްވަމުންނެވެ.