ކުޅިވަރު

އިމްރާންގެ ސަސްޕެންޝަނާއި ގުޅިގެން ކޯޗު ހިތްހަމަ ނުޖެހިފަ


ޓީމުގެ ކެޕްޓަން އިމްރާން މުހައްމަދަށް ދެ މެޗުގެ ސަސްޕެންޝަނެއް އަންނަންވީ ސަބަބެއް ނޭންގޭ ކަމަށް ނިއުރޭޑިއަންޓްގެ ކޯޗު ބެނާޑޯ ޓަވަރޭޒް ބުނެފިއެވެ.

ޓަވަރޭޒް ބުނީ ޓީމުގެ ކުޅުންތެރިންނަށް ދިމާވާ ކޮންމެ ކަމެއްގައި އެންމެ ފުރަތަމަ ޒިންމާ ނަގާނީ ޓީމުގެ ކެޕްޓަން ކަމަށާއި، އެންމެ ފަހުން އީގަލްސް އާއި ބައްދަލުކުރި މެޗަށްފަހު ޖެހުނު ހަމަނުޖެހުމުގައި ނިއުރޭޑިއަންޓްގެ ކެޕްޓަން އިމްރާން މަސައްކަތް ކުރީ ކުޅުންތެރިން ދުރުކޮށް އެކަން ހައްލުކުރުމަށް ކަމަށެވެ.

އަދި ދިވެހިރާއްޖޭގެ ޤައުމީ ޓީމަށާއި، އެތައް ކްލަބަކަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅެދީފައިވާ ކުޅުންތެރިއަކަށް އެވަރުގެ އަދަބެއް ދިނުމުން ޤަބޫލް ކުރަން ދަތިކަމަށެވެ.

މާލޭ ލީގުގެ ދެވަނަ ބުރުގައި ނިއުރޭޑިއަންޓާއި ކްލަބް ވެލެންސިއާ ބައްދަލުކުރާ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޓަވަރޭޒް އިތުރަށް ބުނީ ކްލަބް ވެލެންސިއާ އަކީ ވަރުގަދަ ޓީމެއް ކަމަށާއި އެޓީމު ލީގުގައި މިހާރު އޮތް މަޤާމަކީ އެޓީމު އޮންނަން ޖެހޭ ހިސާބު ނޫން ކަމަށެވެ. ވެލެންސިއާގައި މޮޅު ކުޅުންތެރިންތަކެއް ތިބި ކަންވެސް ނިއުގެ ކޯޗު ވަނީ ފާހަގަކޮށްފައެވެ.

" އިމްރާނަށް ދިން އަދަބު ޤަބޫލެއް ނުކުރެވޭ. އިމްރާން މަސައްކަތްކުރީ ކުޅުންތެރިން ދުރުކޮށް، އެކަން ހައްލުކުރަން " އިމްރާންގެ ސަސްޕެންޝަނާ ގުޅިގެން ހިތްހަމަ ނުޖެހިފައި ހުރި ކޯޗު ބުންޏެވެ.

ކްލަބް ވެލެންސިއާގެ ކޯޗު އަހުމަދު މުޖުތަބާ(ފެސްކޯ) ބުނީ މިހާރު ޓީމު އޮތް އަޑިގަނޑުން އަރައިގަންނަން ބޭނުންވަނީ މޮޅެއް ކަމަށެވެ. އަދި ނިއުރޭޑިއަންޓް މެޗަށްވެސް ނިކުންނާނީ އެއަޒުމުގައި ކަމަށް ފެސްކޯ ބުންޏެވެ. ސަސްޕެންޝަންގެ ސަބަބުން ނިއުރޭޑިއަންޓްގެ މުހިއްމު ތިން ކުޅުންތެރިންނަށް ވެލެންސިއާ މެޗުގައި ބައިވެރިނުވެވުމަކީ ވެލެންސިއާއަށް އެޑްވާންޓޭޖެއްގެ ގޮތުގައި ނުދެކޭ ކަމަށްވެސް ފެސްކޯ ބުންޏެވެ.

" ވެލެންސިޔާއަށް މަދުވަނީ މޮޅެއް. މޮޅެއް ލިބިގެން މިހާލަތުން ސަލާމަތްވެވޭނެ " ފެސްކޯ ބުންޏެވެ.

ސަސްޕެންޝަންގެ ސަބަބުން ނުކުޅެވެނީ ނިއުގެ ކީޕަރު އިމްރާންގެ އިތުރުން ފޯވާޑް ގަލާޑޯއާއި، މިޑްފީލްޑަރ ޖަމާލްއަށެވެ. ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ކްލަބް ވެލެންސިއާ ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަހުގެ ރޭ ނުވައެއް ޖަހާއިރުއެވެ.