ތަޢުލީމު

ޕްރިންސިޕަލުންނަށް ހިންގެވި ވޯކްޝޮޕް ނިންމަވާލައްވައިފި


ސްކޫލް ހިންގުމުގެ ދާއިރާ ހަރުދަނާކުރެއްވުމާއި ގުޅޭގޮތުން ޕްރިންސިޕަލުން ތަމްރީނުކުރެއްވުމަށް މިިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބޭއްވި މަސައްކަތު ބައްދަލުވުން މިއަދު ނިންމަވާލައްވައިފިއެވެ.

މިމަސައްކަތު ބައްދަލުވުން ފުރިހަމަ ކުރެއްވި ފަރާތްތަކަށް އެކަމުގެ ލިޔުން ޙަވާލުކޮށްދެއްވީ އެޑިޔުކޭޝަން މިނިސްޓަރ ޑރ.އާއިޝަތު ޝިހާމްއެވެ. މިމަހުގެ 14 އިން 18 އަށް ޕޮލިޓެކްނިކްގައި ކުރިއަށް ދިޔަ މި މިމަސައްކަތު ބައްދަލުވުމުގައި، ސްކޫލް ހިންގުމުގެ ދާއިރާ ހަރުދަނާކުރެއްވުމަށް ކުރެއްވިދާނެ ކަންތައްތައް ދެނެގަނެ، ސްކޫލްތައް ހިންގެވުމުގައި އައު ޚިޔާލުތައް ބޭނުންކުރާނެ ގޮތްތަކާއި، ސްކޫލް ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރެއްވުމަށް ކުރެއްވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

img:http://s4.psmnews.mv/images/660x400/14951157150835.jpg|އެޑިއުކޭޝަން މިނިސްޓަރ އައިޝަތު ޝިހާމް، ވޯކްޝޮޕްގެ ބައިވެރިޔަކަށް ލިޔުން ހަވާލުކޮށްދެއްވަނީ / ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

އއ، އދ އަދި ކ އަތޮޅުގެ ސްކޫލްތަކުން 28 ޕްރިންސިޕަލުން ބައިވެރިވި މި ޕްރޮގްރާމްގައި ތަމްރީނު ދެއްވީ، މެލޭޝިއާގެ ޕްރޮފެސަރެއް ކަމަށްވާ މަހޭސްވަރީ ކަންޑަސަމީއެވެ. މިޕްރޮގްރާމް ފުރިހަމަކުރި ޕްރިންސިޕަލުންނަށް ލަންޑަން އެގްޒަމިނޭޝަން ބޯޑުން ދޫކުރާ ސެޓްފިކެޓް ލިބިވަޑައިގަންނަވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.