ޚަބަރު

ރަމަޟާންމަހު ދީނީހޭލުންތެރިކަން އިތުރުކުރެއްވުމަށް ޙަރަކާތްތަކެއް


ރަމަޟާން މަހަކީ ޢިލްމީ މަހެއްގެ ގޮތުގައި ބަލައިގަނެ ޢާންމުންގެ ހިތްތަކުގައި ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމަށް ގިނަ ކަންތައްތަކެއް ކުރެއްވުމަށް ނިންމަވާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ރަމަޟާން މަހު ކުންފުނިތަކަށް ހުޅުވާލައިގެން ޤުރުއާން ކިޔެވުމުގެ މުބާރާތާއި، އޮފީސްތަކުގެ މުވައްޒަފުންނަށް ދީނީ ނަސޭހަތް ދިނުމާއި، މިސްކިތްތަކުގައި ދީނީ ދަރުސް ދިނުމާއި، އިޙްޔާކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރުގެ ނާއިބް އައްޝައިޚް އިބްރާހީމް އަޙުމަދު ވިދާޅުވީ، ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމަށް ބާއްވާ ޕްރޮގްރާމްގައި ސްކޫލް ކުދިންނަށް ޚާއްސަ ބައެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"މިދިޔަ އަހަރުވެސް ހިންގި ގޮތަށް އައުޓްރީޗް ޕްރޮގްރާމް މެދުވެރިކޮށް އާންމުންގެ ހިތުގައި ހުރި ސުވާލުތައް ސީދާ އިލްމުވެރިންނާ ކުރެވޭނެ" އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އިބްރާހީމް އަޙުމަދު ވިދާޅުވިއެވެ.

މީގެ އިތުރުން ދީނީ ދަރުސް ދެއްވުމަށް ރާއްޖެއިން ބޭރުން ޙާފިޒުން ގެނައުމުގެ މަސައްކަތްވެސް މިނިސްޓްރީން ގެންދަވަނީ ކުރައްވަމުންނެވެ.