ކުޅިވަރު

ޔުވެންޓަސް ކޮޕާ އިޓަލިއާ ކާމިޔާބުކޮށްފި


ކޮޕާ އިޓަލިއާ ކާމިޔާބުކޮށް، މިސީޒަންގައި ތިން ތަށި ހޯދުމަށް ކުރަމުންދާ މަސައްކަތުގައި ޔުވެންޓަސް ފުރަތަމަ ތަށި އުފުލާލައިފިއެވެ.

ރޭ ކޮޕާ އިޓާލިއާގެ ފައިނަލްގައި ޔުވެންޓަސް ބައްދަލުކުރީ ލާޒިއޯ އާއެވެ. މިމެޗު ޔުވެންޓަސް 2-0 ން ކާމިޔާބުކުރި އިރު މިމެޗުގައި އެޓީމުން ޖެހި ދެ ލަނޑުވެސް ޖަހާފައިވަނީ ދެ ޑިފެންޑަރުންނެވެ.

މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ޔުވެންޓަސްގައި ތަފާތު މޮޅުކުޅުމެއް ދައްކަމުންދާ 34 އަހަރުގެ ބްރެޒިލް ޑިފެންޑަރ ޑެނީ އަލްވޭޒްއެވެ.

އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އިތުބާރު ޑިފެންޑަރ ލިއަނާޑޯ ބޮނުއްޗީއެވެ.

މެޗަށްފަހު ޔުވެންޓަސްގެ ކޯޗު މަސިމިލިއާނޯ އެލެގްރީ ބުނީ އޭނާގެ ކުޅުންތެރިން ސީރިއަސްވެ، މެޗުން މޮޅުވުމަށް މަސައްކަތް ކުރާނެ ކަމާމެދު އެއްވެސް ވަރަކަށް ޝައްކެއް ނުކުރާ ކަމަށާއި، މިފަދަ ފައިނަލް މެޗެއްގައި ކުޅެވޭނެ އެންމެ ރަނގަޅަކަށް ޓީމުގެ ކުޅުންތެރިން ކުޅެފައިވާކަމަށެވެ. އެލެގްރީ އިތުރަށް ބުނީ ޔުވެންޓަސްއަކީ ބަލިނުކުރެވޭނެ ވަރުގެ ޓީމެކޭ ނުބުނާނެ ކަމަށާއި އެހެންނަމަވެސް ކޮންމެ މެޗެއްގައި ޔުވެންޓަސްގެ ކޮންމެ ކުޅުންތެރިއެއްވެސް ސަތޭކަ ޕަސެންޓް ދައްކާނެކަމަށެވެ.

ޔުވެންޓަސް ކުޅޭ ތިން މުބާރާތުގެ ތެރެއިން ފުރަތަމަ މުބާރާތް ކާމިޔާބުކުރެވުނު އިރު މިއަންނަ ހަފްތާގައި ސެރިއާ އާގައި ކުޅޭ މެޗު ކާމިޔާބުކޮށް ޔުވެންޓަސްއަށް ލީގު ކާމިޔާބުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

އަދި ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ޔުވެންޓަސް އެންމެ ފަހުގެ ޗެމްޕިއަނުން ރެއާލް މެޑްރިޑާއި ދެކޮޅަށް ނިކުންނާނީ މިއަންނަ ޖޫން މަހުގެ ތިން ވަނަ ދުވަހުއެވެ.