ކުޅިވަރު

ފްރާންސް ލީގު މޮނާކޯ ކާމިޔާބުކޮށްފި


ސަތާރަ އަހަރު ފަހުން ފުރަތަމަ ފަހަރަށް މޮނާކޯއިން ފްރާންސް ލީގު ކާމިޔާބުކޮށްފިއެވެ. 

ލީގުގައި ބާކީ އެއް މެޗު އޮއްވާ މޮނާކޯ ފްރާންސް ލީގު ޔަޤީންކުރީ ސައިންތް އެތިއެން ދޭއް ސުމަކުން ބަލިކޮށް، ލީގު ތާވަލްގެ އެއްވަނާގައި ނެގި 6 ޕޮއިންޓްގެ ލީޑާއެކުއެވެ. ރޭގެ މެޗުގައި މޮނާކޯގެ ލަނޑުތައް ޖަހައިދިނީ ފްރާންސްގެ ޒުވާން ތަރި ކައިލިއަން އެމްޕާއްބޭ އަދި ވެލޭ ޖަމައިންއެވެ. މީގެ ފަސް އަހަރު ކުރިން ފްރާންސްގެ ދެވަނަ ޑިވިޝަންގައި ރެލިގޭޝަން ޒޯނުގައި ގިނަ ދުވަސްތަކެއް ހޭދަކުރި މޮނާކޯ މި ހޯދި ކާމިޔާބަށް އެޓީމްގެ ކުރީގެ ތަރިން އަންނަނީ މަރުހަބާ ކިޔަމުންނެވެ. އެންމެ ފަހުން މޮނާކޯއިން ފްރާންސްގެ ލީގުގެ ޗެމްޕިއަންކަން ހޯދާފައިވަނީ 1999 އަދި 2000 ވަނަ އަހަރުގެ ސީޒަންގައެވެ. އެފަހަރު އެޓީމްގައި ތިބި މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި ފަބިއަން ބާރތޭޒް އަދި ޑޭވިޑް ޓްރެޒިގޭ ފާހަގަކޮށްލެވެއެވެ. 

މޮނާކޯއިން ވަނީ މި ސީޒަންގައި ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައިވެސް ވާދަކޮށްފައެވެ. މި ސީޒަންގައި ޔޫރަޕްގެ ބޮޑެތި ލީގުތަކުގައި ކުޅެމުންދާ ކްލަބްތަކުގެ ތެރެއިން އެންމެ ފުރަތަމަ ސަތޭކަ ލަނޑު ހަމަކުރި ކްލަބަކީވެސް މޮނާކޯކަން ފާހަގަކޮށްލެވެއެވެ.