ޚަބަރު

ބްރިޖުގެ ކޮންކްރީޓް ތަނބުތައް ފެންނަން ފަށައިފި


ކަނޑައެޅި ތާރީޚުގެ ދެމަސް ކުރިން، ބްރިޖްގެ މައި ތަނބުތަކުގެ ކޮންކްރީޓް މަސައްކަތް ނިންމާ، ތައްގަނޑުތައް ނައްޓަން ފަށައިފިއެވެ. 

ބްރިޖް މަޝްރޫޢުގައި ހިމެނޭ އެންމެ ޓެކްނިކަލް މަސައްކަތަކީ، ބްރިޖްގެ ތަނބުތައް ކަމަށްވާއިރު، ތަނބުތަކުގެ ކޮންކްރީޓް މަސައްކަތް ނިންމަން މިވަނީ އެއް އަހަރާ، ފަސް މަސް ހޭދަވެފައެވެ.

ބްރިޖްގެ ކޮންޓްރެކްޓަރ، ސީ.ސީސީ.ސީ ސެކަންޑް ހަބަރ އިންޖިނިއަރިން އިން ލޮނުޒިޔާރަތްކޮޅުގައި އެތައް ތަޚްލީލް ތަކެއް ކުރުމަށްފަހު، ބްރިޖްގެ ތަނބުތައް ޖަހަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ. ބްރިޖްގައި މައި ފަސް ތަނބު ހިމެނޭއިރު، ތަނބުތަކުގެ ބިޔަ ދަނގަނޑު ހޮޅިތައް ޖަހަމުން، ކޮންކްރީޓްގެ މަސައްކަތްތައް ދިޔައީ ކުރަމުންނެވެ.

ބްރިޖްގެ ހުރިހާ ތަނބަކަށް ކޮންކްރީޓް އަޅާ ނިމިފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ. ބްރިޖްގެ ތަނބުތައް ނިންމުމަށް 1 އަހަރާއި، ފަސް މަސް ހޭދަވިއިރު، ގާދޫ ކޮލުގައި އޮއި ހުންނަ ގޮތުން މަސައްކަތް ކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވިކަމަށް ބްރިޖްގެ ކޮންޓްރެކްޓަރ ބުނެފައިވެއެވެ. އަދި އިތުރު ތަޚްލީލްތައްކޮށް، ތައްގަނޑުތައް ނެއްޓުމާއެކު މިހާރު ބައެއް ތަނބުތައް ފެންނަކަން ފާހަގަކޮށްލެވެއެވެ.

ހައުސިން މިނިސްޓްރީން ނެރެފައިވާ ބްރިޖްގެ ޓައިމްލައިންގައިވާ ގޮތުން، ބްރިޖްގެ ކޮންކްރީޓް މަސައްކަތަށްފަހު ދެން އޮންނާނީ، ޕައިލް ކެޕްތަކުގެ މަސައްކަތް ފެށުމެވެ. އެގޮތުން އެކަމަށް ބޭނުންވާ ތައްގަނޑުތައް ބްރިޖްގެ ސައިޓްގައި ތައްޔާރުކޮށް، ޕައިލް ކެޕްތަކުގެ ކޮންކްރީޓްގެ މަސައްކަތްތައްވެސް ފެށިގެން ކުރިއަށްދާ ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ. ޓައިމްލައިންގައިވާ ގޮތުން ޕައިލް ކެޕްތަކުގެ މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓް މަހުގެ ތެރޭގައެވެ. ދެން އެއަށްފަހު ޗައިނާގައި މިހާރު ހަދަމުންދާ ސްޕަރސްޓްރަކްޗަރ، ނުވަތަ ގިއުގަނޑުގެ ބައިތައް ރާއްޖެ ގެނެސް، ބްރިޖް ފުރިހަމަ ކުރުމުގެ މަސައްކަތް ފެށިގެންދާނެއެވެ.

ބްރިޖްގެ ސްޕަރސްޓްރަކްޗަރ ޗައިނާގައި ހަދައިގެން ރާއްޖެ ގެނައުމަށް ވަނީ ނިންމަވާފައެވެ. ކުރިން މިކަން ކުރަން އޮތީ ހުޅުމާލޭ ސައިޓްގައެވެ. ނަމަވެސް މަސައްކަތް ޗައިނާގައި ކުރުމަށް ނިންމީ މަސައްކަތުގެ ސްޕީޑް އަވަސްކުރުމަށްޓަކައި ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއެވެ. މީގެ އިތުރުން ބްރިޖްގެ މާލޭ ކޮޅާއި ހުޅުލޭ ކޮޅުގައި ޖެހުމަށް ބޭނުންވާ އެކްރޮޕޮޑްސް ނުވަތަ ބިޔަ ގާތައް ހެދުމުގެ މަސައްކަތް ފެށުމަށްވެސް ދަނީ ތައްޔާރުވަމުންނެވެ. މިއީވެސް ޝެޑިއުލަށްވުރެ ކުރީގައި އޮތް ކަމެއްގެ ގޮތުގައި ހައުސިން މިނިސްޓްރީން ފާހަގަކުރައްވައެވެ.

ބްރިޖްގެ މަސައްކަތްތައް މިހިސާބަށް ދިޔައިރު، ސަރުކާރުގެ އަމާޒަކީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ބްރިޖްގެ އަމަލީ މަސައްކަތް ނިންމުމުންނެވެ. ބްރިޖްގެ މަޝްރޫއު ވެފައިވަނީ ރާއްޖޭގައި މިހާތަނަށް ކުރިއަށްގެންދާ އިންޖިނިއަރިންގެ އެންމެ ބޮޑު މަސައްކަތަށެވެ.