ތަރައްްޤީ

8000 ކިލޯ ވޮޓްގެ އައު ޖަނަރޭޓަރެއް ހުކުރުދުވަހު ޓެސްޓްކުރަނީ


ވެރިރަށް މާލޭގައި ކަރަންޓް ބޭނުންކުރާ މިންވަރު އެއްދުވަހުން އަނެއް ދުވަހަށް އަންނަނީ އިތުރުވަމުންނެވެ. މާލޭގައި އަލަށް ހަދާ އިމާރާތްތަކާއި، ފެކްޓްރީތަކަށްވެސް ކަރަންޓްގެ ޚިދުމަތް ދޭ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް ސްޓެލްކޯއިން އަންނަނީ މިޚިދުމަތް މެދުނުކެނޑި ދިނުމަށް އަބަދުވެސް މަސައްކަތްކުރަމުންނެވެ.

އެގޮތުން ކަރަންޓްގެ ކެޕޭސިޓީ އިތުރުކުރުމަށް މުޅިން އައު ޖަނަރޭޓަރެއް ގެނެސް އިންސްޓޯލްކޮށް މިހާރުވަނީ ނިމިފައެވެ. އަދި އެޖަނަރޭޓަރަށް ލޯޑުދޭން ފަށަން ތައްޔާރުވެފައިވާކަމަށް ސްޓެލްކޯގެ ސީނިއާ އިންޖިނިއަރ އިބްރާހިމް ރައޫފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މަސަކަތް ކުރައްވާނީ ވީހާވެސް ބޮޑަށް ޚިދުމަތް މެދުނުކެނޑި ދިނުމަށެވެ.

އަލަށް ބޭނުންކުރަން ފާށާ 8000 ކިލޯވޮޓްގެ ޖަނަރޭޓަރާއެކު ސްޓެލްކޯގެ ކެޕޭސިޓީ 76000 ކިލޯވޮޓަށް އިތުރުވެގެންދާނެއެވެ. މިއީ ޚިދުމަތް ހޯދާ ފަރާތުގެ ޑިމާންޑާއި އެއްވަރުގެ ކެޕޭސިޓީއެއްކަމަށް ސްޓެލްކޯއިން ބުނެއެވެ. ނަމަވެސް ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވަމުންދާތީ ސްޓެލްކޯގެ ނެޓްވާކަށް ނަގާލޯޑު ބޮޑުވަމުންދާތީ ކަރަންޓް ބޭނުންކުރުމުގައި އިސްރާފު ނުކުރުމަށް ސްޓެލްކޯއިން އިލްތިމާސްކުރެއެވެ.