ކުޅިވަރު

އަބަހާނީ ބަލިކޮށް މާޒިޔާ އުއްމީދު ދަމަހައްޓައިފި


ދޭއް ސުމަކުން ބަނގްލަދޭޝްގެ ޑާކާ އަބަހާނީ ބަލިކޮށް، އޭއެފްސީކަޕް  ދެވަނަ ބުރަށް ދިއުމުގެ އުއްމީދު މާޒިޔާއިން ދަމަހައްޓައިފިއެވެ.

 މިއަދުގެ މެޗުގައި މާޒިޔާއިން ދެ ލަނޑުވެސް ކާމިޔާބުކޮށްފައިވަނީ ދެވަނަ ހާފްގައެވެ. ފުރަތަމަ ލަނޑަކީ ލިބުނު ހިލޭޖެހުމަކުން ކާމިޔާބުކުރި ލަނޑެކެވެ. މިލަނޑު ކާމިޔާބުކޮށްދިނީ މުޙައްމަދު އުމެއިރެވެ. ދެވަނަ ލަނޑު މެޗުގެ ފަހުވަގުތު ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ރަކިޗެވެ. މިއަދުގެ މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މާޒިޔާ ކުޅުނު ނަމަވެސް އަބަހާނީ ޓީމުންވެސް ވަނީ ދޭތެރެ ދޭތެރެއިން މާޒިޔާގެ ގޯލަށް ނުރައްކާ ކޮށްފައެވެ. 

މެޗަށްފަހު ޓީމްގެ މިޑްފީލްޑަރ އަސްއަދު އަލީ ބުނީ މެޗުން ލިބުނު ތިން ޕޮއިންޓަކީ އޭއެފްސީކަޕްގެ ދެވަނަ ބުރުން ޖާގަ ހޯދުމަށް ކުރާ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ހިތްވަރަކާއި، އުއްމީދެއްކަމަށެވެ. އައްސަދު އަލީ (އަޑުބަރޭ) ބުނީ އޭއެފްސީ ކަޕްގައި ވާދަކުރާ ޓީމްތަކަކީ ވަރުގަދަ ޓީމްތަކެއް ކަމަށާއި، އެ ޓީމްތައް ބަލިކޮށް ދެވަނަ ބުރުން ޖާގަ ހޯދުމަކީ ބުރަމަސައްކަތެއް ކަމަށެވެ. ނަމަވެސް އެހުރިހާ ކަމަކަށް މާޒިޔާއިން ކުރިމަތިލަނީ ޓީމެއްގެ ގޮތުގައި ވަރަށް އުއްމީދާއެކު ކަމަށާއި، މިއަދުގެ މެޗުންވެސް ފެނިގެންދިޔައީ އެމަންޒަރު ކަމަށް އަސްއަދު ބުންޏެވެ.

އޭއެފްސީކަޕްގައި މާޒިޔާ މިހާތަނަށް ކުޅުނު މެޗުތަކުގެ ތެރެއިން ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. އެއީ އިންޑިޔާގެ ބެންގަލޫރު އެފްސީއާ ދެކޮޅަށް މާލޭގައި ކުޅުނު މެޗުންނެވެ. ގްރޫޕް ސްޓޭޖް ފަހު މެޗްގައިވެސް މާޒިޔާ ނިކުންނަން ޖެހޭނީ ބެންގަލޫރު އެފްސީއާ ދެކޮޅަށެވެ. އެމެޗު ކުޅޭނީ މިމަހުގެ 31 ވަނަ ދުވަހު އިންޑިޔާގައެވެ. ކުޅުނު ފަސް މެޗުން ލިބުނު 12 ޕޮއިންޓާއެކު މާޒިޔާ އޮތީ ގްރޫޕްގެ އެއް ވަނައިގައެވެ.