ނ. މާފަރު އެއަރޕޯޓް ތަރައްޤީ ކުރުމާއި ގުޅޭގޮތުން އެހެން އެއްވެސް ބަޔަކާ މުޢާމަލާތު ނުކުރުމަށް ދައުލަތުގެ މައްޗަށް އަމުރެއް ނެރެދެވެން ނެތްކަމަށް ހައިކޯޓުން ހުކުމް ކުރައްވައިފިއެވެ.
މި އަމުރު ނެރެދިނުމަށް އެދިފައިވަނީ މާފަރު އެއަރޕޯޓް ތަރައްޤީ ކުރުމަށް ކުރިން ޙަވާލުކޮށްފައިވާ މިލޭނިއަމް ކެޕިޓަލް ޑިވަލޮޕްމެންޓުންނެވެ. ދައުލަތުން، މިލޭނިއަމް ކެޕިޓަލް ޑިވަލޮޕްމެންޓާއެކު ވެފައިވާ އެއްބަސްވުން އުވާލުމުން އެ މައްސަލަ އެ ކުންފުނިން ސިވިލްކޯޓަށް ހުށައަޅާފައިވެއެވެ. އަދި އެ މައްސަލަ ވަކިގޮތަކަށް ނިމެންދެން އެއަރޕޯޓާ ގުޅޭ އެއްވެސް މުޢާމަލާތެއް އެއްވެސް ބަޔަކާއި ނުކުރަމަށް ދައުލަތުގެ މައްޗަށް އަމުރެއް ނެރެދިނުމަށް އެ ކުންފުނިން ސިވިލްކޯޓްގައި އެދިފައިވެއެވެ. ސިވިލްކޯޓުން ނިންމާފައިވަނީ އެ އަމުރު ނެރެދެވެން ނެތްކަމަށެވެ.
ދަށުކޯޓްގެ ނިންމުން ހައިކޯޓްގައި އިސްތިއުނާފް ކުރުމުން އެ މައްސަލަ ނިންމާ އިއްވެވި ހުކުމްގައިވަނީ ވަގުތީ އަމުރެއް ނެރޭއިރު އަމުރު ރައްދުވާ ފަރާތުގެ މަސްލަހަތަށްވެސް ބަލަންޖެހޭ ކަމަށެވެ. އަދި މި މައްސަލައިގައި މިލޭނިއަމުން އެދުނު އަމުރު ނެރެދީގެން ހިމާޔަތް ކުރެވޭ އެ ކުންފުނީގެ މަސްލަހަތަށް ވުރެ، އެ އަމުރު ނުނެރެފިނަމަ ހިމާޔަތް ކުރެވޭ ދައުލަތުގެ މަސްލަހަތު ބޮޑުކަމަށްވެސް ހުކުމްގައިވެއެވެ. މީގެއިތުރުން ޚިދުމަތް ފަށަންޖެހޭ މުއްދަތަށް މަސައްކަތް ނުނިމޭނެކަން މިލޭނިއަމުން ބުނެފައިވާކަންވެސް ހުކުމްގައި ފާހަގަކުރައްވާފައިވެއެވެ.
ޓޫރިޒަމް މިނިސްޓްރީން ނ. މާފަރުގައި އެއަރޕޯޓެއް އެޅުމަށް މިލޭނިއަމް ކެޕިޓަލް މެނޭޖްމެންޓާ ޙަވާލުކޮށްފައިވަނީ، 2016 ވަނަ އަހަރުގެ ޖުލައި މަހުގެ 28 ވަނަ ދުވަހު އެއަރޕޯޓުން ޚިދުމަތް ދޭން ފެށޭވަރަށް މަސައްކަތް ނިންމުމަށް، 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހުއެވެ. ދައުލަތުން މިއެއްބަސްވުން ނިމުމަކަށް ގެންނަވާފައިވަނީ 11 ފެބްރުއަރީ 2016 ގައި ޓޫރިޒަމް މިނިސްޓްރީން މިލޭނިއަލް ކެޕިޓަލް މެނޭޖްމެންޓަށް ފޮނުއްވި ސިޓީއަކުންނެވެ. އެއްބަސްވުން ބާޠިލުކުރުމާހައަށްވެސް އެއަރޕޯޓް ތަރައްޤީ ކުރުމުގެ މައިގަނޑު އެއްވެސް މަސައްކަތެއް އެކުންފުނިން ކޮށްފައެއް ނުވެއެވެ. މިލޭނިއަލް ކެޕިޓަލް މެނޭޖްމެންޓުން ކޯޓުގައި ބުނެފައިވަނީ މަސައްކަތް ލަސްވެފައިވަނީ އެކުންފުނީގެ މައްސަލައަކުން ނޫން ކަމަށާއި، އެއްބަސްވުން ބާޠިލުކުރުމުން އެކުންފުންޏަށް އިއާދަނުކުރެވޭވަރުގެ ބޮޑު ގެއްލުމެއް ލިބޭނެ ކަމަށެވެ. އެހެންނަމަވެސް އެކުންފުނީގެ މި ހުށައެޅުންތަކަށް ދައުލަތުންވަނީ އިންކާރު ކުރައްވާފައެވެ.
ޓޫރިޒަމް މިނިސްޓްރީ މިހާރު ވަނީ މާފަރު އެއަރޕޯޓް ތަރައްޤީ ކުރެއްވުމަށް ސަން ސިޔާމް ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުރައްވާފައެވެ.