ޚަބަރު

ޔުނިވާރސަލް ފައުންޑޭޝަނާއި ވިލާ ކޮލެޖުން ޒުވާނުން ތަމްރީނުކުރަނީ


ފަތުރުވެރިކަމުގެ ދާއިރާއިން ޒުވާނުން ތަމްރީނުކުރުމަށް ޔުނިވާރސަލް ފައުންޑޭޝަނާއި ވިލާ ކޮލެޖާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން، ވިލާ ކޮލެޖުގައި ހިންގާ ސެޓްފިކެޓް 3 އިން ހޮސްޕިޓާލިޓީ ޕްރޮގްރާމްގައި ކިޔެވުމުގެ ފުރުޞަތު 20 ދަރިވަރަކަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވިލާ ކޮލެޖުން މަޢުލޫމާތުދެއެވެ. ވިލާ ކޮލެޖުން ބުނީ މި ކޯހުގައި ބައިވެރިވާން ބޭނުންވާ ޒުވާނުންނަށް އަންނަ ޖޫން މަހުގެ 28 ގެ ނިޔަލަށް ފުރުޞަތު ހުޅުވާލެވިފައިވާ ކަމަށެވެ.

ޔުނިވާރސަލް ފައުންޑޭޝަނުން ބުނީ، ކޯހަށް ހޮވޭ ދަރިވަރުންގެ ކިޔެވުމުގެ ހުރިހާ ޚަރަދެއް ކުރުމަށް ހަމަޖެހިފައިވަނީ އެފައުންޑޭޝަނުން ކަމަށާއި މީގެތެރޭގައި ދަރިވަރުންގެ ޓިއުޝަން ފީއާއި، ޕޮކެޓް މަނީވެސް ހިމެނޭ ކަމަށެވެ. "ޑިސްކަވަރީ ހޮސްޕިޓަލިޓީ އިނިޝިއޭޓިވް" ނަމުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ފްރަންޓް އޮފީސް، ހައުސްކީޕިންގ، ފުޑް އެންޑް ބެވަރެޖް ފަދަ ކޯސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވިލާ ކޮލެޖުން ބުނެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ވިލާ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިލާ ކޮލެޖުގެ ރެކްޓަރ ޑރ. އަޙުމަދު އަންވަރު ވިދާޅުވީ، މިއީ ފަތުރުވެރިކަމުގެ ދާއިރާއަށް ނިކުންނަން ބޭނުންވެފައި ތިބި ޒުވާނުންނަށް ހުޅުވާލެވޭ ރަނުގެ ފުރުޞަތެއް ކަމަށެވެ. މި އެއްބަސްވުމުގައި ވިލާ ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ ވިލާ ކޮލެޖުގެ ރެކްޓަރ ޑރ. އަޙުމަދު އަންވަރެވެ. އަދި ޔުނިވާސަލް ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެފައުންޑޭޝަންގެ ރައީސް އިޔާޒް ވަޙީދެވެ.

މީއީ ޔުނިވާރސަލް ފައުންޑޭޝަނުން ހިންގާ މިފަދަ ފުރަތަމަ ޕްރޮގްރާމެވެ. ބައިވެރިންގެ ތަރުހީބު ލިބޭ މިންވަރަށް ބަލައި ކުރިއަށް އޮތް ތާންގައިވެސް މިފަދަ އިތުރު ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ޔުނިވާރސަލް ފައުންޑޭޝަނުން ބުނެއެވެ.