ކުޅިވަރު

ޖޫނިއަރ ނެޓްބޯޅަ ޓީމަށް އީމާ އެހީވަނީ އެހެން ދާއިރާއަކުން!


އީމާ އަބްދުއްސައްތާރަކީ ނެޓްބޯޅަ އާއިލާއަށް އާ ނަމެއް ނޫނެވެ. އޭނާއަކީ މިހާރު ރާއްޖޭގައި ހުރި އެންމެ ހުނަރުވެރި އެއް ޝޫޓަރެވެ. ސީނިއަރ ޤައުމީ ޓީމްގެ މުހިންމު ކުޅުންތެރިއެކެވެ. ނެޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ވައިޑީޕީގައި ތުއްތު ކުދިންނަށް އިރުޝާދުދޭ އެކުދިންގެ ގާތް އެކުވެރިއެކެވެ.

ދެކުނު ކޮރެޔާގެ ޖިއޮންޖޫގައި ކުރިއަށްދިޔަ އޭޝިއަން ޔޫތް ނެޓްބޯޅަ ޗެމްޕިއަންޝިޕުގައި ޓީމްގެ ހުރިހާ ކުޅުންތެރިންގެ އެހީތެރިއަކީ އީމާއެވެ. ޓީމްގެ ފަސްޓް އެއިޑަރެއްގެ ގޮތުގައި އޭނާ ކުޅުންތެރިންނަށް ހުރިހާ ވަގުތަކު އެހީތެރިކަން ފޯރުކޮށްދިނެވެ. ޓޭޕްކުރުމުގައެވެ. ކުޅުންތެރިންގެ ފައިގައި އައިސް އެޅުމުގައެވެ. ބަލިވާ ކުދިންނަށް ބޭސް ދިނުމުގައެވެ.

އީމާއަކީ މިގެ ކުރިން ފަސްޓް އެއިޑްގެ ކަންތައްތައް ދަސްކޮށްގެން ހުރި ކުޅުންތެރިއެއް ނޫނެވެ. މިފަހަރުގެ ޖޫނިއަރ ޓީމްގެ ފަސްޓް އެއިޑަރެއްގެ މަޤާމް ހުސްކޮށް އޮތުމާއިއެކު އޭނާ އެސޯސިއޭޝަންގައި ޓީމާއިއެކު ބައިވެރިވާން އެދުނީ ނެޓްބޯޅައަށް ހުރި ޝައުގެއްގެ ބޮޑުކަމުންނަވެ. އޭނާއަށް އެނގިފައިވާ އެއްޗެއް ޒުވާން އާ ކުޅުންތެރިންނަށް ކިޔައިދިނުމުގެ ބޭނުމުގައެވެ. ރާއްޖޭގެ ނެޓްބޯޅައިގެ ކުރިމަގުގެ ތަރިން އުފެއްދުމަށް އޭނާގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ.

"މިފަހަރުގެ މުބާރާތް އިއުލާންކުރިއިރުވެސް އީމާ އެދުނިން އީމާއަށް އޮފިޝަލެއްގެ ގޮތުގައިވިޔަސް ފުރުސަތުދޭން. ވަރަށް ބޭނުމޭ ދާން ޓީމަށް އެހީވާން. ފަސްޓް އެއިޑަރެއްގެ މަގާމް ހުސްކޮށް ހުރީމަ އެކަމަށް ކުރިމަތިލީ. ވަރަށް އެހީތެރިކަން ލިބުނު މިކަން ދަސްކުރަން. ބޭސިކް ފަސްޑް އެއިޑް ޓްރެއިނިންގވެސް ހެދިން މިކަމަށް" އުމުރުން 22 އަހަރުގެ އީމާ ބުންޏެވެ.

img:http://s1.psmnews.mv/images/660x400/14950931916503.JPG|އީމާ ޖޫނިއަރ ޓީމްގެ ކުޅުންތެރިއެއްގެ ކަކުލުގައި ޓޭޕް އަޅައިދެނީ

ފަސްއެއިޑަރެއްގެ ޒިންމާތައް އަދާކުރުމަކީ ފަސޭހަކަމެއް ނޫންކަން އީމާއަށް އިނގެއެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދަސްކުރެވުނު އެންމެ ގިނަ މިންވަރަކަށް ކަންތައްތައް ދަސްކުރިއެވެ. އެކި އެކި މީހުންގެ ކައިރިން ލަފާ ހޯދިއެވެ. ކުޅިވަރުގެ ކުޅުންތެރިންގެ މެދުގައި މަގްބޫލް "ޑޮކްޓަރ ރާއްޕެ" ކައިރިން ޓޭޕް ކުރާނެ ގޮތް ދަސްކުރިއެވެ. ގިނަ ވަގުތު ކުޅުންތެރިންނަށް ލިބިފައިވާ އަނިޔާތަކުގެ މައުލޫމަތު ހޯދުމުގައި ހޭދަކުރިއެވެ.

ޓީމަކާއިއެކު ފަސްޓް އެއިޑަރެއްގެ ގޮތުގައި ކުރި ފުރަތަމަ ތަޖުރިބާވެސް ފަސޭހަކަމަކަށް ނުވިއެވެ. ޓީމްގެ 12 ކުޅުންތެރިންގެ ތެރެއިން 9 ކުޅުންތެރިންނަކީ ޓޭޕް ކުރަން ޖެހޭ ކުޅުންތެރިންނެވެ. މެޗް ފެށުމުގެ 3 ގަޑިއިރުކުރިން އެ މަސައްކަތް ފަށަން ޖެހެއެވެ. ޓީމްގެ މުހިންމު ކުޅުންތެރިންނަށްވަނީ އަނިޔާވެފައެވެ. މެޗުތައް ނިމުމާއިއެކު ފަރުވާތެރިކަމާއިއެކު އެކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނެވެ. މެޗް ނިންމާލާފައި ހޮޓެލަށްގޮސް ކޮންމެ ކުއްޖަކަށް ބޭނުންވާ އެހީތެރިކަން ވަކިވަކިން އަހައި އެކަމަށް ތައްޔާރުވެއެވެ.

އީމާ ޓީމްގެ ފަސްޓް އެއިޑަރެއްގެ ގޮތުގައި ޓީމްގައި ހުރުމަކީ ހުރިހާ ކުޅުންތެރިންނަށްވެސް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ. ކުޅުންތެރިން ފާހަގަކުރާ ގޮތުގައި ނެޓްބޯޅަ ކުޅުންތެރިންނާއި ގާތް އީމާއަށް އަނިޔާތައް ކިޔައިދޭން ފަސޭހައެވެ.

"އީމާ ހުރީމަ އަސްލު ވަރަށް ކޮމްފޮޓަބަލް ދިމާވާ ކަންކަން ކިޔައިދޭން. އަނެއްކޮޅުން އީމާ އަހަންވެސް އަހާނެ ކަމެއް އުޅޭހޭ، ހެލްޕް ބޭނުންވޭ ހޭ. ވަރަށް ހެޕީ އަސްލު އީމާ ހުރީމަ" ޖޫނިއަރ ޓީމްގައި ހުރި އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ ބުންޏެވެ.

އީމާ ހުރުމަކީ 21 އަހަރުން ދަށުގެ ގައުމީ ނެޓްބޯޅަ ޓީމްގެ ކޯޗް އައިމިނަތު ހަލީމް (ދިލް)އަށްވެސް ލިބުނު ހިތްހަމަޖެހުމެކެވެ. މެޗުތަކުގައި ކުޅުންތެރިންނަށް އިރުޝާދުދޭއިރު އީމާ ކަހަލަ ސީނިއަރ ކުޅުންތެރިއެއް ޓީމުގައި ހުރުމަކީ ފަސޭހައެއް ކަމަށް ކޯޗް ބުންޏެވެ. ކުޅުންތެރިންނަށްވެސް ސިނިއަރ ކުޅުންތެރިއެއް ޓީމްގެ ބެންޗުގައި އެ ކުޅުންތެރިންނަށް ހިތްވަރުދޭން ހުރުމަކީ އެ ކުޅުންތެރިންނަށްވެެސް ލިބޭނެ ހިތްވަރެއްކަމަށް ކޯޗް ދިލް ފާހަގަކުރިއެވެ.  

img:http://s1.psmnews.mv/images/660x400/14950932550562.JPG|އީމާ (ވ1) ޖޫނިއަރ ޓީމްގެ ކޯޗް ދިލް އަދި އެސިސްޓަންޓް ކޯޗް ލޫނާއާއިއެކު

އޭޝިއަން ޔޫތް ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ލިބުނު ތަޖުރިބާއާއިއެކު އީމާ ހުރީ މި މަސައްކަތް ހުއްޓާލުމުގެ ވިސްނުމެއްގައެއް ނޫނެވެ. ފުރުސަތު ލިބިއްޖެނަމަ ޖޫނިއަރ ޓީމްތަކަށް އެހީވާން އޭނާ ހުރީ ތައްޔާރަށެވެ. ބޭނުން ޖެހޭ ކޮންމެ ވަގުތަކު އެކުދިންނާއިއެކު ހުންނަށް އޭނާ ބޭނުންވެއެވެ. އެކަމަކު ނެޓްބޯޅަ ކެރިއަރުގައި ކުރިއަށްދިޔުމަށްފަހުގައެވެ.

ރާއްޖޭގެ އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާއަށްވުމުގެ އަޒުމުގައި ހުރި އީމާ ފާހަގަކުރާ ގޮތުން ނެޓްބޯޅައަކީ ދިރިއުޅުމުގެ އެންމެ މުހިންމު ބައިވެރިޔާއެވެ. އެންމެ ގާތް އެކުވެރިޔާއެވެ. އޭނާގެ މުސްތަގްބަލެވެ. އެހެންކަމުން ނެޓްބޯޅައިގައި ކުރިއަށްދެވެން ހުރި ހުރިހާ ރޮނގަކުން އޭނާ އެންމެ އުހަށް އަރަށް ބޭނުންވެއެވެ. އަމާޒަކާއިއެކު މަސައްކަތްކުރާ މީހަކަށް މަންޒިލާއި ހަމައަށް ދެވޭނީ ބުރަ މަސައްކަތުންކަން އީމާ ގަބޫލުވެސް ކުރެއެވެ. އެކަމަށް އޭނާ ހުރީ ފުރިހަމައަށް ތައްޔާރުވެގެންނެވެ.