ކުޅިވަރު

ފުޓްބޯޅަ ކޯޗުންގ ރިފްރެޝް ކުރުމުގެ ޕްރޮގްރާމެއް ފަށައިފި


އެފް.އޭ.އެމުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ކޯޗިންގ ރިފްރެޝާ ކޯސް މިއަދު ފަށައިފިއެވެ.

މި ކޯހަކީ ރާއްޖޭގެ ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިޔުމަށް އެފް.އޭ.އެމުން ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ހިންގާ ހަރަކާތެއް ކަމަށް އެފް.އޭ.އެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވިއެވެ. މި ކޯހުގައި ކިޔަވައިދެއްވާނީ އެފް.އޭ.އެމްގެ ޓެކްނިކަލް ޑައިރެކްޓަރ ކޭން ވަންލީއެވެ. ޕްރެކްޓިކަލް ބަޔަކާއި، ތިއަރީ ބައެއް ހިމެނޭ މި ކޯސް ރާއްޖޭގައި ހަރަކާތްތެރިވާ އޭ ލައިސެންސްގެ ހުރިހާ ކޯޗުންނާއި، ބީ ލައިސެންސްގެ ހުރިހާ ކޯޗުންނަށް ހިންގާނެކަމަށް އެފްއޭއެމްއިން މައުލޫމާތުދެއްވައެވެ.

 ބައްސާމް ވިދާޅުވީ މި ކޯހުގައި އަހަރަކު މަދުވެގެން 15 ގަޑިއިރު ކޯޗުން ބައިވެރިވާން ޖެހޭނެކަމަށާއި، އެފް.އޭ.އެމުން ބޭނުންވަނީ އަބަދުވެސް ތާޒާވެފައި ތިބޭ އަޕްޑޭޓެޑް ކޯޗުން ކަމަށެވެ. މިކަމުގެ ފައިދާ ކުރާނީ ދިވެހި ފުޓްބޯޅައަށް ކަމަށް ބައްސާމް ވިދާޅުވިއެވެ. 

"މި ކޯސް ފުރިހަމަ ކުރުމުން ހުރިހާ ފައިދާއެއް ކުރާނީ ދިވެހި ފުޓްބޯޅައަށް، މި ކޯސް ފުރިހަމަ ކުރާ ކޯޗުން އެފް.އޭ.އެމުން އެންމެ ބޮޑަށް ބޭނުންވަނީވެސް. "ބައްސާމް ވިދާޅުވިއެވެ.