ކުޅިވަރު

އަދިކިރިޔާ އޭއެފްސީކަޕް ދެވަނަ ބުރުގެ ދަތުރު ފެށުނީ - މާޒިޔާ ކޯޗު


އަބަހާނީއަކީ އޭއެފްސީ ކަޕް ދެވަނަ ބުރަށް ދިއުމަށް އޮތް ފުރަތަމަ ޗެލެންޖްކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކޯޗް މަރްޔާން ސެކުލޮވްސްކީ ބުނެފިއެވެ. 

އޭއެފްސީކަޕްގައި މާދަމާ ހަވީރު ބަނގްލަދޭޝްގެ އަބަހާނީ ލިމިޓަޑް ޑާކާއާއި ވާދަކުރާ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން މާޒިޔާގެ ކޯޗް މަރްޔާން ސެކުލޮވްސްކީ ބުނީ ދެވަނަ ބުރަށް ދިއުމުގެ ރޭސް އަދިކިރިޔާ ފެށުނީކަމަށެވެ. އޭއެފްސީ ކަޕް ގުރޫޕް އީގައި މާޒިޔާ އަދި އިންޑިޔާގެ ބެންގަލޫރު އެފްސީއަށްވެސް ވަނީ 9 ޕޮއިންޓް ލިބިފައެވެ. މިދެ ޓީމަށްވެސް މުބާރާތުގެ ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. މާޒިޔާގެ ކޯޗު ބުނީ  ދެ ޓީމަށް ލިބިފައިވާ ޕޮއިންޓް އެއްވަރުވެ، މާޒިޔާ އަދި ބެންގަލޫރު އެފްސީއަށްވެސް ބާކީ ދެ މެޗު އޮތުމުން ދެޓީމްގެ ރޭސް ފެށުނީކަމަށެވެ. އަދި މިރޭހުގައި މާޒިޔާއިން އެންމެ ފުރަތަމަ އަބަހާނީގެ މައްޗަށް ކުރި ހޯދުން ވަރަށް މުހިންމުކަން ކޯޗު ފާހަގަކުރިއެވެ. ކުރިން އަބަހާނީގެ މައްޗަށް ކުރި ހޯދިފައިވުން އެއީ ހިތްހަމަޖެހުމެއް ކަމަށާއި، ނަމަވެސް މިއީ ތަފާތު މެޗެއްކަމަށް މާޒިޔާގެ ކޯޗު ފާހަގަކުރިއެވެ. މާޒިޔާގެ ކުޅުންތެރިން މިހާރު ކުރަމުންދާ މަސައްކަތަށް ބަލާއިރު، އަބަހާނީގެ މައްޗަށް ކުރި ހޯދޭނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށްވެސް ކޯޗު ބުންޏެވެ. ނަމަވެސް އެންމެ ފަހުގެ ރަނަރަޕް ބެންގަލޫރު އެފްސީގެ މައްޗަށް އަބަހާނީ ކުރި ހޯދާފައިވާކަން މާޒިޔާއިން އެއްވެސް ވަރަކަށް ހަނދާން ނައްތާނުލާނެކަމަށްވެސް މާޒިޔާގެ ކޯޗް ބުންޏެވެ.

"އަބަހާނީން ވަނީ ބެންގަލޫރު ދޭއް ސުމަކުން ބަލިކޮށްފަ. އެހެންވީމަ އެޓީމަކީ ދެރަ ޓީމެކޭ ބުނެވޭކަށް ނެތް. މީގެ ދެމަސްކުރިން މާޒިޔާއިން އަބަހާނީ ބަލިކުރިނަމަވެސް، މިހާރު ދެ ޓީމަށްވެސް ވަރަށް ބޮޑު ބަދަލުތަކެއް އައިސް ކުރި އެރުންތަކެއް އައިސްފަ މިވަނީ. އަހަރެން ބަލާކަށް ބޭނުމެއްނޫން އަހަބާނީއަށް އައިސްފައިވާ ކުރިއެރުންތަކެއް. މާޒިޔާއިން މެޗުގައި ރަނގަޅަށް ކުޅުމުން ހުރިހާކަމެއްވެސް ނިމުނީ. ބޭނުންވަނީ ޓީމެއްގެ ގޮތުގައި ކުޅެން، ހުރިހާ ކުޅުންތެރިންވެސް އެކަތިގަނޑެއްގެ ގޮތުގައި ކުޅުނީމަ، މެޗުން މޮޅުވާނެކަމުގެ ޔަޤީންކަން އެބައޮތް. އަހަރެން މާޒިޔާގެ ހުރިހާ ކުޅުންތެރިންނަށްވެސް ފުރިހަމައަށް އިތުބާރުކުރަން." ކޯޗު ބުންޏެވެ.

img:http://s2.psmnews.mv/images/660x400/14949376272063.gif|އޭއެފްސީކަޕްގައި މާޒިޔާ އާއި އަބަހާނީ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން (ފޮޓޯ:ޕީއެސްއެމް)

އަބަހާނީ ޓީމްގެ ކޯޗް ޑްރާގޯ މަމިޗަކީ މީގެ ދެއަހަރު ކުރިން ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމަށް އިރުޝާދު ދީފައިވާ ކޯޗެވެ. އެކަމަށް އިޝާރާތްކޮށް މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ބުނީ މަމިޗަކީ ރާއްޖޭގެ ފުޓްބޯޅައާއި، ރާއްޖޭގެ ކުޅުންތެރިން ދަންނަ ކޯޗަކަށް ވިއަސް، މިހާރު އޭގެ ފަހުން ދެތިން އަހަރު ވެއްޖެކަމަށެވެ. އަސަދުﷲ ބުނީ މިދުވަސްކޮޅުގެ ތެރޭގައި މާޒިޔާއިން ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައިވާކަމަށެވެ. އަދި މާޒިޔާގެ މިހާރުގެ ކޯޗު މަރްޔާން ސެކުލޮވްސްކީއާއެކު ޓީމް ވަރަށް ބޮޑަށް ބަދަލުވެފައިވާކަން އަސަދުﷲ ފާހަގަކުރިއެވެ.

"އެއީ މާކުރީގަ ރާއްޖޭގައި މަސައްކަތްކޮށްފައިވާ ކޯޗެއް. ކޯޗަށް އިހުތިރާމް ކުރަން، ނަމަވެސް މިހާރު މާޒިޔާގެ ކޯޗަށް ވުރެ ބޮޑަށް މާޒިޔާގެ ކުޅުންތެރިން އިނގޭނެ ކޯޗެއް ނުހުންނާނެ. މިދިޔަ ދުވަސްތަކުގައި މާޒިޔާއިން ވަރަށް ބޮޑުތަން ވަނީ ރަނގަޅުކޮށްފަ. އަދި ކުރިއެރުންތަކެއްވެސް ހޯދާފަ. އަހަރެން ޤަބޫލް ކުރާ ގޮތުގައި މަމިޗަށް ވުރެ ބޮޑަށް މާޒިޔާގެ ކޯޗަށް އެޓީމް ކުޅުންތެރިން މާރަނގަނޅަށް އިނގޭނެ." އަސަދުﷲ ބުންޏެވެ.

img:http://s4.psmnews.mv/images/660x400/14949376471322.gif|އޭއެފްސީކަޕްގައި މާޒިޔާ އާއި އަބަހާނީ މެޗްގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން (ފޮޓޯ:ޕީއެސްއެމް)

އަބަހާނީގެ ކޯޗު ޑްރަގޯ މަމިޗް ބުނީ ރާއްޖެ ޓީމްތަކާ ކުޅުންތެރިން އެނގިގެން މިމެޗަށް މާބޮޑު ފައިދާއެއް ނުކުރާނެކަމަށެވެ. އަދި އޭއެފްސީ ކަޕްގެ ދެ ވަނަ ބުރަށް ދިއުމުގެ ދޮރު އެއްކޮށް ބަންދުވެފައިވީނަމަވެސް މިހާރު ބޭނުންވަނީ ގުރޫޕް ސެޓޭޖްގެ އެންމެ ފަހު މެޗުވެސް މޮޅަކުން ނިންމާލަންކަމަށެވެ. މާޒިޔާއަކީ މިގުރޫޕްގައި އޮތް އެންމެ ވަރުގަދަ އެއް ޓީމްކަމަށާއި، ބަލިކުރަން އުނދަގޫވާނެކަމަށް މަމިޗް ބުންޏެވެ. ނަމަވެސް މާޒިޔާއަކީވެސް ބަލިނުކުރެވޭ ވަރުގެ ޓީމެއް ނޫންކަމަށް ބަނގްލަދޭޝްގެ އަބަހާނީގެ ކޯޗު ޑްރަގޯ މަމިޗް ބުންޏެވެ.

"ބަނގްލަދޭޝްގެ ސީޒަން ފެށީ މީގެ ތިން ވަރަކަށް ދުވަސް ކުރިން. މިމެޗަށްވެސް މިއަކީ އެފްއޭކަޕްގެ އެންމެ މެޗެއް ކުޅުމަށްފަހު. ވާދަވެރި ރަނގަޅު މެޗުތަކެއް ނުލިބި ސީދާ އޭއެފްސީ ކަޕަށް މި ނިކުންނަން ޖެހެނީ. އެކަމަކު އެހެން ޓީމުތައް މެޗުތައް މި ކުޅެނީ ލީގު ކުޅެމުން، އެއީ އެ ޓީމުތަކަށް އޮތް އެޑްވާންޓޭޖެއް. މާޒިޔާއަށް ބެލިކަމުގައި ވީނަމަވެސް މިހާރު ރާއްޖޭގެ ލީގުގައި ފުރަތަމަ ބުރު ނިމިއްޖެ. މިއީ އަހަރެމެންނަށް އެ ގޮތުން ބަލާއިރު އޮތް ވަރަށް ބޮޑު ގޮންޖެހުމެއް" މަމިޗް ބުންޏެވެ.

މަމިޗް ވަނީ ޓީމް ރާއްޖެއައިސް ވިސާ ނުލިބިގެން ގިނައިރުތަކެއް ވަންދެން އެއާޕޯރޓްގައި ހުންނަން ޖެހުމުގެ ސަބަބުން އެކަމާ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. މިއީ މިކަން ވެގެންވާނެ ގޮތް ނޫންކަމަށާއި، ކޮންމެ ޤައުމްއެއްވިޔަސް އޭއެފްސީގެ ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތަންވާނެކަމަށްވެސް މަމިޗް ބުންޏެވެ.