ޤައުމީ ވޮލީބޯޅަ ލީގުގެ އަންހެން ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ނައިފަރު ޖުވެނައިލް ހޯދައިފިއެވެ.
ޖުވެނައިލް ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު ފައިނަލްގައި މާޒިޔާ ސްޕޯރޓްސް އެންޑް ރެކްރިއޭޝަންއާ ވާދަކޮށް ސީދާ ތިން ސެޓުން ކުރި ހޯދައިގެންނެވެ. އަލަށް ވޮލީބޯޅައިގެ ތެރޭގައި ހަރަކާތްތެރިވަމުނ އަންނަ މާޒިޔާގެ މައްޗަށް ޖުވެނައިލް ފައިނަލް މެޗުގައި ކުރި ހޯދީ މާ ބޮޑު އުނދަގޫކަމެއް ނެތިއެވެ. ފުރަތަމަ ސެޓް ޖުވެނައިލް ގެންދިޔައީ 26-24 ނެވެ. ދެވަނަ ސެޓް ގެންދިޔައީ 25-22 ނެވެ. މިސެޓްގައި ޖުވެނައިލްއިން 12 ވަރަކަށް ޕޮއިންޓް ލީޑެއްގައި އޮވެ ސެޓް ނިންމަން ދަނިކޮށް، ޖުވެނައިލްއަށް ޕޮއިންޓެއް ނުދީ މާޒިޔާއިން 11 ޕޮއިންޓް ހޯދާ ޖުވެނައިލްއަށް ބޮޑު ޕްރެޝަރެއް ދިނެވެ. މާޒިޔާއަށް މިސެޓްގައި ޕޮއިންޓްތައް ހޯދައިދިނުމުގައި އެހީއަކަށްވީ ހައްވާ ރާޝިދާގެ ބާރު އެޓޭކްތަކެވެ. ތިންވަނަ ސެޓް ޖުވެނައިލް ކާމިޔާބުކުރީ 25-20 ނެވެ.
ރާއްޖޭގައި މިވަގުތު ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ ހައްވާ ރާޝިދާއާއި، ކުރީގެ އެއްވަނަ ކުޅުންތެރިޔާ އައިޝަތު ނާޒިމާ ކުޅެމުންދިޔަ މާޒިޔާގެ މައްޗަށް ޖުވެނައިލް ކުރި ހޯދުމުގައި ޒުވާން ކުޅުންތެރިޔާ އައިމިނަތު އަރީޝާއާއި، ކުރިން ޤައުމީ ޓީމަށް ކުޅުނު މަރިޔަމް އަޒީފާއާއި، ލީލާ ހާމިދު މުޙިއްމު ދައުރެއް އަދާކުރިއެވެ. މީގެއިތުރުން ޤައުމީ ޓީމްގެ ސެންޓަރ ބްލޮކަރ ޝައުފާ އާދަމްގެ ބްލޮކްތަކުގެ ސަބަބުންވެސް މާޒިޔާއަށް ގިނަ ޕޮއިންޓްތަކެއް ގެއްލި، ޖުވެނައިލްއަށް ޕޮއިންޓް އިތުރުވިއެވެ. މުބާރާތް ޖުވެނައިލް ކާމިޔާބުކުރީ އިސްމާއީލް ރިފާއު (ޗިޗޫ) ގެ އިރުޝާދުގެ ދަށުންނެވެ.
މިދެޓީމް ފައިނަލްގެ ކުރިން ވާދަކުރި މެޗު 3-1 ސެޓުން ކާމިޔާބުކުރީ މާޒިޔާއެވެ.