ޚަބަރު

އެޗްއާރުސީއެމް އަށް ރައީސް ޔާމީންގެ ނުފޫޒެއް ނެތް - ޝިފާޤް


ހިއުމަން ރައިޓްސް ކޮމިޝަނަށް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިހާތަނަށް އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާކަމުގެ ޔަޤީންކަން އެކޮމިޝަންގެ ކުރީގެ ނައިބު ރައީސް ޝިފާޤް މުފީދު ދެއްވައިފިއެވެ. 

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ ގޮތުގައި މިހާރު ހުންނެވި ޝިފާޤް މުފީދު، ވިދާޅުވީ، އެޗްއާރުސީއެމަށް އޭނާ ޢައްޔަންކުރުމުން ސިޔާސީ ބޭފުޅެއްކަމަށް ވިދާޅުވެ ވަރަށް ގިނަ ފަރާތްތަކުގެ ފާޑުކިއުންތައް އަމާޒުވިކަމަށެވެ. އެޗްއާރުސީއެމްގައި ހޭދަކުރެއްވި ދުވަސްވަރު ކޮމިޝަނުގެ މެމްބަރުންނާ ވަރަށް ގިނަ ފަހަރު ޚިޔާލުތަފާތުވުންތަކެއް އުފެދުނުކަމަށާއި ނަމަވެސް އެ ޚިޔާލުތަފާތުވުންތަކަކީ ސަރުކާރުގެ ނުފޫޒެއް ނުވަތަ ކެބިނެޓްގެ ވަޒީރެއްގެ ނުފޫޒު އޮވެގެން އުފެދޭ ޚިޔާލުތަފާތުވުންތަކެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ. 

އެޗްއާރސީއެމްގައި ޝިފާޤްގެ ތަޖުރިބާ ހިއްސާކުރައްވަމުން މަތް ﷲ ގަންދީ ހުވާކުރައްވައި އޭނާ ވިދާޅުވީ، އޭނާ އެޗްއާރުސީއެމުން އިސްތިއުފާ ދެއްވުމާއި ހަމައަށްވެސް ރައީސް ޔާމީންގެ އެއްވެސް ނުފޫޒެއް އެކޮމިޝަނަށް ފޯރުވާފައި ނުވާކަމަށެވެ. 

ޝިފާޤު މިމޭރުމުން ވާހަކަފުޅުދެއްކެވީ ސަރުކާރު ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. 

ޝިފާޤް ވިދާޅުވީ، ކްރަޕްޝަން ފުހެލުމަށް މަސައްކަތްކުރައްވާ ވެރިޔަކީ ރައީސް ޔާމީންކަމަށެވެ. 

ކުރިން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މެންބަރުކަން ކުރެއްވި ޝިފާޤް މުފީދު ވަނީ ކޮރަޕްޝަން އަށަގެންނެވުމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު އުޅުއްވިކަމަށް ތުހުމަތުކުރައްވާ އެމްޑީޕީ ސަރުކާރަށާއި، ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.