ޚަބަރު

ރަމަޟާންމަހު ފެންވަރު ރަނގަޅު ފެރީގެ ޚިދުމަތެއް ދިނުމަށް ތައްޔާރު


ހުޅުމާލޭއާއި މަލެއާ ދެމެދު ދަތުރުކުރާ ފަރާތްތަކަށް މިއަހަރުގެ ރަމަޟާންމަހު ފެންވަރު ރަނގަޅު ފެރީގެ ޚިދުމަތެއް ދިނުމަށް އެހެން އަހަރުތަކަށްވުރެ ބޮޑަށް ތައްޔާރުވެފައިވާ ކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ. ޕީއެސްއެމް ނިއުސްއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީގެ ސީއީއޯ އިބްރާހީމް ޒިޔަތު ވިދާޅުވީ ފެރީތަކުން ދަތުރުކުރާ ފަރާތްތަކަށް މިހާރު ދިމާވާ މައްސަލަތައް ޙައްލުކޮށް ފެންވަރު ރަނގަޅު ޚިދުމަތެއް މިއަހަރު ރަމަޟާންމަހު ރައްޔިތުންނަށް ދެވޭނެކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ.

މާލެއާއި ހުޅުމާލެއާ ދެމެދު ފެރީގެ ޚިދުމަތްދެމުން ގެންދަނީ ސަރުކާރު ޙިއްޞާވާ ކުންފުނި އެމްޓީސީސީންނެވެ. މި ޚިދުމަތް ދުވަހެއް ދުވަހަކަށް ފެންވަރު މަތިކުރުމަށް އެ ކުންފުނިން ގެންދަނީ މަސައްކަތް ކުރައްވަމުންނެވެ. ޚާއްޞަކޮށް ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހު ފެރީގެ ބޭނުންހިފާ ރައްޔިތުންނަށް ލުއި ފަސޭހަކަމާއެކު ދަތުރުކުރެވޭނެ މަގުފަހިކޮށްދިނުމަށް އެމްޓީސީސީން މަސައްކަތް ކުރައްވައެވެ. މި އަހަރުގެ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން އެކުންފުނިން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. ރޯދަމަހަށް އެކުންފުނިން ވަމުންގެންދާ ތައްޔާރީތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ އިބްރާހީމް ޒިޔަތު ވިދާޅުވީ ފެންވަރު ރަނގަޅު ފެރީގެ ޚިދުމަތެއް ދިނުމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަން ކަމަށެވެ.

ހުޅުމާލޭގެ އަބާދީ ދުވަހެއް ދުވަހަކަށް އިތުރުވެ، ފެރީގެ ޚިދުމަތް ހޯދާ މީހުންގެ ޢަދަދުވެސް މިވަނީ ވަރަށް ބޮޑުތަނުން އިތުރުވެފައެވެ. އެހެންކަމުން ޖާގައިގެ ދަތިކަން ޙައްލުކުރެވޭނެ ނިޒާމަކަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި މިއަހަރު ރޯދަމަހު އެ ނިޒާމުގެ ދަށުން ފެރީގެ ޙިދުމަތް ދޭނެކަމަށް ޒިޔަތު ވިދަޅުވިއެވެ.

އެމްޓީސީސީން މާލެއާއި ހުޅުމާލޭގެ ފެރީގެ ޚިދުމަތް ދެމުންދާއިރު، ފެރީ ދަތުރުތަކަށް އެންމެ ބާރުބޮޑުވާ ގަޑިތަކަކީ އޮފީސްތައް ފެށޭ ގަޑިއާއި ނިމޭ ގަޑިކަން އެ ކުންފުނިން ފާހަގަކުރައްވައެވެ. ޒިޔަތު ވިދާޅުވީ ފެރީތަކަށް ބާރުބޮޑުވާ ގަޑިތަކަށް ޚާއްޞަކޮށްގެން ބޮޑެތި ފެރީތައް މި އަހަރުގެ ރޯދަމަހު އޮޕަރޭޓްކުރާނެ ކަމަށެވެ. މިގޮތުން ޑަބަލްޑެކް ފެރީއައީ ޕްރިމިއަމް ފެރީގެ އިތުރުން ޖާގައިގެ ގޮތުން ބޮޑެތި ފެރީތައް އެ ގަޑިއަށް އޮޕަރޭޓް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.