ޚަބަރު

ފަޤީރުންގެ ލިސްޓުގައި ރަޖިސްޓްރީވުގެ ފުރުޞަތު އިތުރުކުރައްވައިފި


ފަޤީރުންގެ ލިސްޓުގައި އަލަށް ރަޖިސްޓްރީވާން އެދޭ ފަރާތްތަކަށް ހުޅުވާލެއްވި ފުރުޞަތު އިސްލާމިކް މިނިސްޓްރީން އިތުރުކުރައްވައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، 1437 ވަނަ އަހަރު އެކުލަވާލެވުނު ފަޤީރުންގެ ލިސްޓުގައި ރަޖިސްޓްރީވެފައިވާ ފަރާތްތައް ފިޔަވައި، އަލަށް ރަޖިސްޓްރީވާން އެދޭ ފަރާތްތަކަށް މިމަހުގެ 18 ވަނަ ދުވަހުގެ މެންދުރު ބާރަ ޖެހުމާ ހަމައަށް މުއްދަތު އިތުރުކޮށްދެއްވާފައިވާ ކަމަށެވެ. މިނިސްޓްރީން ވިދާޅުވީ، މުއްދަތު އިތުރުކުރެއްވީ ފަޤީރުންގެ ލިސްޓުގައި ރަޖިސްޓްރީވާން އެދި ގިނަ ބަޔަކު ރަށްރަށުން އެދެމުންދާތީކަމަށެވެ.

ފަޤީރުންގެ ލިސްޓުގައި ރަޖިސްޓްރީވާން އެދޭ މާލޭ ސަރަޙައްދުގެ މީހުންގެ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ ސޯޅަވަނަ ދުވަހުގެ ނިޔަލަށެވެ. މާލޭގައިނަމަ އިސްލާމިކް މިނިސްޓްރީއަށް އަދި އަތޮޅުތަކުން ނަމަ އެރަށެއްގެ ކައުންސިލް މެދުވެރިކޮށް ފޯމް ހުށަހެޅޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

މިދިޔަ އަހަރު އެކުލަވާލެއްވި ފަޤީރުންގެ ލިސްޓުގައި ބާރަހާސް ތިންސަތޭކަ ތިރީސް ފަސް މީހުން ފަޤީރުންގެ ގޮތުގައި ލިސްޓު ކުރެވިފައިވެއެވެ. މިދިޔަ އަހަރު މުދަލު ޒަކާތުގެ ގޮތުގައި ކޮންމެ ފަޤީރެއްގެ ބޮލަކަށް ނުވަސަތޭކަ ރުފިޔާގެ މަގުން އެގާރަ ޕޮއިންޓް އެކެއް މިލިއަން ރުފިޔާ ބައްސަވާފައިވެއެވެ. ފަޤީރެއްގެ ގޮތުގައި ބަލަނީ އާމްދަނީގެ ގޮތުގައި ދުވާލަކަށް 44 ރުފިޔާ ނުލިބޭ މީހުންނެވެ.