ތަޢުލީމު

ޕްރިންސިޕަލުން ތަމްރީނުކުރެއްވުމުގެ ޕްރޮގްރާމެއް ފަށްޓަވައިފި


ސްކޫލް ހިންގުމުގެ ދާއިރާ ހަރުދަނާކުރައްވައި، ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރުމަށް ކުރެވިދާނެ ކަންތައްތައް ދެނަގަތުމާ ގުޅޭގޮތުން ޕްރިންސިޕަލުން ތަމްރީނުކުރެއްވުމުގެ ޕްރޮގްރާމެއް އެޑިއުކޭޝަން މިނިސްޓްރީން ފަށްޓަވައިފިއެވެ.

މިތަމްރީނު ޕްރޮގްރާމްގައި ބައިވެރިކުރައްވަނީ އއ، އދ އަދި ކ އަތޮޅުގެ ސްކޫލްތަކުން 28 ޕްރިންސިޕަލުންނެވެ. މިއީ އެޑިއުކޭޝަން މިނިސްޓްރީން ހިންގަވާ ސްކޫލް އެޑޮޕްޓޭޝަން ޕްރޮގްރާމްގެ ދަށުން ހިންގަވާ ތަމްރީނު ޕްރޮގްރާމެކެވެ.

ޕޮލިޓެކްނިކްގައި ކުރިއަށްގެންދަވާ މިމަސައްކަތު ބައްދަލުވުމުގައި، ސްކޫލް ހިންގުމުގެ ދާއިރާ ހަރުދަނާކުރެއްވުމަށް ކުރެއްވިދާނެ ކަންތައްތައް ދެނެގަނެ، ސްކޫލްތައް ހިންގެވުމުގައި އާ ޚިޔާލްތައް ބޭނުންކުރާނެ ގޮތްތަކާއި، ސްކޫލް ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރެއްވުމަށް ކުރެއްވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވަން ހަމަޖެހިފައިވާކަމަށް އެޑިއުކޭޝން މިނިސްޓްރީން ވިދާޅުވެއެވެ.

ތަމްރީނު ޕްރޮގްރާމް ފަށްޓަވައިދެއްވައި ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޝިހާމް ވިދާޅުވީ، މިފަދަ ތަމްރީނު ޕްރޮގްރާމްގެ ތެރެއިން ސްކޫލުތަކުގައި ދެވޭ ތަޢުލީމު އިތުރު ހަރުފަތަކަށް ގެންދެވުމަށް މަގުފަހިވާނެ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ، ސްކޫލް ހިންގުމުގެ ދާއިރާ ހަރުދަނާކޮށް ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރެއްވުމުގެ އިތުރުން، ރަނގަޅު ފެންވަރުގެ ތަޢުލީމްދޭ ސްކޫލްތަކެއް އުފެއްދެވުމަށް ބޭނުންވާ ތަމްރީނާއި ހުނަރު ޕްރިންސިޕަލުންނަށް ލިބިގެންދާނެ ކަމަށެވެ.

މިއަދުން ފެށިގެން މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދަވާ ޕްރޮގްރާމްގައި ތަމްރީނު ދެއްވަނީ، މެލޭޝިއާގެ ޕްރޮފެސަރެއް ކަމަށްވާ މަހޭސްވަރީ ކަންޑަސަމީއެވެ. މިޕްރޮގްރާމް ފުރިހަމަކުރާ ޕްރިންސިޕަލުންނަށް ލަންޑަން އެގްޒަމިނޭޝަން ބޯޑުން ދޫކުރާ ސެޓްފިކެޓް ލިބިވަޑައިގަންނަވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.