ޚަބަރު

ދައުލަތަށް 40 އަހަރު ޚިދުމަތްކުރެއްވި މޫސާ މަނިކު ނިޔާވެއްޖެ


ދައުލަތަށް 40 އަހަރު ޚިދުމަތް ކުރައްވާފައިވާ، އަދި ދައުލަތުގެ ރޭޑިއޯގެ ކަންކަމުގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރައްވާފައިވާ މ.ތްރީ ރޯސް، މޫސާ މަނިކު، މިއަދު ހަވީރު ނިޔާވެއްޖެއެވެ. އޭނާ ނިޔާވީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައެވެ. ނިޔާވިއިރު ޢުމުރުފުޅަކީ 64 އަހަރުއެވެ.

މޫސާ މަނިކުގެ ޤައުމީ ޚިދުމަތުގެ 40 އަހަރުގެ ތެރޭގައި އޭނާ ވަނީ 3 މުއައްސަސާއެއްގައި މަސައްކަތް ކުރައްވާފައެވެ. އެގޮތުން އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ ސިފައިންގޭގައެވެ. ސިފައިންގޭގައި 20 އަހަރު ޚިދުމަތް ކުރެއްވިއެވެ. އެއަށްފަހު ދެ އަހަރުވަންދެން ޖަލުތައް ބަލަހައްޓާ ބައިގައި މަސައްކަތް ކުރެއްވިއެވެ. ދެވަނަ ޕެންޝަން ލިބެންދެން އޭނާ ހުންނެވީ ދިވެހިރާއްޖޭގެ އަޑުގެ ވަޒީފާގައެވެ. އެގޮތުން އަޑުގައި ސަރުދާރު ކަމުގެ މަޤާމް އަދާކޮށްފައިވެއެވެ. ދިވެހިރާއްޖޭގެ އަޑުގައި އޭނާ މަސައްކަތްކުރެއްވި މުއްދަތުގައި އޭނާ ފާހަގަކުރެވިފައިވަނީ ވަރަށް އިޚްލާޞްތެރި އަދި ތަނަށާއި މަސައްކަތަށް ވަރަށް ސަމާލުކަން ދެއްވި ބޭފުޅެއްގެ ގޮތުގައެވެ. އަދި އޭނާއަކީ މުވައްޒަފުންނާ ގާތްގުޅުމެއް އޮންނަ ރަޙްމަތްތެރި ބޭފުޅެއްގެ ގޮތުގައެވެ. ދިވެހިރާއްޖޭގެ އަޑުގެ ވަޒީފާއިން ވަކިވެވަޑައިގަތުމަށްފަހުވެސް އަޑު ހިންގާ މުއައްސަސާއާއި މުވައްޒަފުންނާ އޭނާ ނިޔާވަންދެންވެސް ގެންދެވީ ގާތް ގުޅުމެއް ބާއްވަވަމުންނެވެ.

މޫސާ މަނިކު ނިޔާވިއިރު، އޭނާގެ 11 ދަރިން އެބަތިއްބެވިއެވެ. އެއީ ފިރިހެން 7 ބޭފުޅަކާއި، އަންހެން 4 ބޭފުޅުންނެވެ. މޫސާ މަނިކު ނިޔާވުމާ ގުޅިގެން ޕަބްލިކް ސަރވިސް މީޑިއާގެ ވެރިންނާއި މުވައްޒަފުން އޭނާގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވައެވެ.

މޫސާ މަނިކުގެ މައްޗަށް ކުރެވޭ ކަށު ނަމާދު މިރޭ ފަތިސް ނަމާދަށްފަހު މަސްޖިދުއްތަޢާވުން (އައު ސަހަރާ މިސްކިތް) ގައި އޮންނާނެއެވެ.