ދުނިޔެ

ތުރުކީގެ ރައީސް އެމެރިކާއަށް ވަޑައިގަންނަވަނީ


އަންނަ ހަފްތާގައި ތުރުކީވިލާތުގެ ރައީސް ތައްޔިބު އުރުދުޣާން އެމެރިކާއަށް ކުރައްވާ ދަތުރުފުޅާއެކު ދެގައުމުގެ ދެމެދު އޮންނަ ގުޅުން އައު ފެށުމަކުން ފެށިގެންދާނެ ކަމަށް ތުރުކީގެ ރައީސް ވިދާޅުވެއްޖެއެވެ.

ތުރުކީގެ ރައީސް ތައްޔިބު އުރުދުޣާން މިހެން ވިދާޅުވީ ސޫރިޔާގައި ހަރަކާތްތެރިވާ ކުރުދީ ހަނގުރާމަވެރިންގެ ޖަމާޢަތަކަށް އެމެރިކާއިން ހަތިޔާރު ފޯރުކޮށްދިނުމަށް ނިންމާފައިވާތީ ދެގައުމުގެ ގުޅުމަށް ހީނަރު ކަމެއް އަންނާނެ ކަމަށް މުރާސިލުން ލަފާކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ޗައިނާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ކުރިން ވެރިރަށް އަންކާރާގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގައި ހުންނަވާ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ތުރުކީވިލާތުގެ ރައީސް ތައްޔިބު އުރުދުޣާން ވިދާޅުވީ،  ސިޔާސީ ގޮތުން އެމެރިކާ މިހާރު އޮތީ އިންތިޤާލީ މަރުޙަލާއެއްގެ ތެރޭގައި ކަމަށާ މިކަމުގެ ސަބަބުން އެގައުމާ އެކު ކުރާ މުޢާމަލާތްތަކުގައި ސަމާލުވާން ޖެހޭކަމަށެވެ. އެހެން ނަމަވެސް ތުރުކީވިލާތާ އެމެރިކާއިން ޒާމާނުއްސުރެ ބާއްވަމުން އަންނަ ގުޅުމުގެ މަޤްސަދާ ޚިލާފު ކަންތައްތަކެއް އެމެރިކާގެ ސަރުކާރުގެ ފަރާތުން ފެންނަމުންދާކަން އުރުދުޣާން ފާހަގަކުރެއްވިއެވެ. 

img:http://s2.psmnews.mv/images/660x400/14924969991195.jpg|އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އަދި ތުރުކީވިލާތުގެ ރައީސް އުރުދުޣާން / ދެބޭފުޅުން މުހިއްމު މަޝްވަރާތަކެއް ބާއްވާނެ

ސޫރިޔާގައި ހަރަކާްތްތެރިވާ އައި.އެސް ޖަމާޢަތާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ކުރުދީ ޖަމާޢަތް ވައި.ޕީ.ޖީއަށް ހަތިޔާރު ދިނުމަށް އެމެރިކާއިން ނިންމި ނިންމުމަށް މުޙާތަބް ކުރައްވާ ތުރުކީގެ ރައީސް ވިދާޅުވީ، ޓެރަރިސްޓް ޖަމާޢަތަކާ އެކީގައި އެމެރިކާއިން މަސައްކަތް ކުރަމުންދާތަން ދެކެވަޑައިގަންނަވަން ބޭނުންފުޅުނުވާ ކަމަށެވެ. އަދި ސޫރިޔާ އާއި އިރާޤުގައި ހަރަކާތްތެރިވާ ކުރުދީ ހަނގުރާމަވެރިންނަށް ތުރުކީވިލާތުން ހަމަލާތައް ދެމުންދާނެކަން ވެސް އުރުދުޣާން ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތްތަނުގައި އެމެރިކާއަށް ތާޢިދުކުރައްވާނަން ތޯ ކުރި ސުވާލުގެ ޖަވާބުގައި އުރުދުޣާން ވިދާޅުވީ، މިކަމާ މެދު ގޮތެއް ނިންމަވާނީ އަންނަ ހަފްތާގައި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާ އެކު ބާއްވާ ބައްދަލުކުރެއްވުމަށް ފަހު ކަމަށެވެ. ޗައިނާއަށް ކުރައްވާ ރަސްމީ ދަތުރުފުޅަށްފަހު އުރުދުޣާން ދެން ވަޑައިގަންނަވާނީ އެމެރިކާއަށެވެ.

ތުރުކީވިލާތުން ދެކޭ ގޮތުގައި ސޫރިޔާގައި ހަރަކާތްތެރިވާ ކުރުދީންގެ ވައި.ޕީ.ޖީ އަކީ ތުރުކީގެ ސަރުކާރާ ޒަމާނުއްސުރެ ހަނގުރާމަ ކުރަމުން އަންނަ ކުރުދީ ހަނގުރާމަވެރި ޖަމާޢަތެއް ކަމަށްވާ ޕީ.ކޭ.ކޭގެ ގޮތްޕެއް ކަމަށެވެ. އަދި ތުރުކީވިލާތުން ބޭނުންވަނީ ކުރުދީންގެ ބަދަލުގައި ސޫރިޔާގައި ރައްޤާގައި ތިބި ތުރުކީގެ ތަމްރީނު ދީފައިވާ އިދިކޮޅު ހަނގުރާމަވެރިންނަށް އެމެރިކާއިން ހަތިޔާރު ފޯރުކޮށްދިނުމަށެވެ.

ކުރުދީންގެ ވައި.ޕީ.ޖީ ހަނގުރާމަވެރިންނަށް ހަތިޔާރު ފޯރުކޮށް ދިނުމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ނިންމެވީ ސޫރިޔާގެ ރައްޤާގައި ހަރަކާތްތެރިވަމުންދާ އައި.އެސް ހަނގުރާމަވެރިންނާ ދެކޮޅަށް ވީ އެންމެ އަވަހަކަށް ކާމިޔާބު ހޯދުމަށް ކަމަށް އެމެރިކާގެ ދިފާޢީ މަރުކަޒު ޕެންޓަގަން އިން ވަނީ ބުނެފައެވެ. ސޫރިޔާގެ ރައްޤާ އަކީ އެގައުމުގައި ހަރަކާތްތެރިވަމުންދާ އައި.އެސް ހަނގުރާމަވެރިން މަރުކަޒު ކަމަށާ މިއީ ހުޅަނގާ ދެކޮޅަށް އައި.އެސް އިން ދޭ ހަމަލާތައް ރޭވުމުގައި އިސްރޯލެއް އަދާ ކުރާ ސަރަހައްދެއް ކަމަށް އެމެރިކާއިން މީގެ ކުރިން ވަނީ ބުނެފައެވެ.

މިމައްސަލައިގައި ތުރުކީގެ ބޮޑު ވަޒީރު ބިނާލީ ޔިލްދްރިމްއާ އެމެރިކާގެ ދިފާޢި ވަޒީރު ޖިމް މަޓިސް އިނގިރޭސިވިލާތުގެ ލަންޑަންގައި ބުރާސްފަތި ދުވަހު ބައްދަލުކުރެއްވި އިރު، މަޓިސްވަނީ ކުރުދީ ހަނގުރާމަވެރިންނަށް ހަތިޔާރު ފޯރުކޮށްދިނުމަށް ނިންމި ނިންމުމާ އެކު ދެގައުމުގެ ދެމެދު އުފެދިފައިވާ ނުތަނަސްކަމަށް އަވަސް ހައްލެއް ހޯދޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ.