ޚަބަރު

"ސިފްކޯހިޔާގެ ކޮންކްރީޓް މަސައްކަތް މިއަހަރު ނިމޭނެ"


ސިފައިނަށް ޚާއްޞަކޮށްގެން ހުޅުމާލޭގައި ޢިމާރާތްކުރަމުން އަންނަ، ސިފްކޯ ހިޔާގެ ތިން ޓަވަރުގެ ކޮންކްރީޓް ހުރިހާ މަސައްކަތެއް މި އަހަރު ނިމޭނެކަމަށް ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ. 

ސިފައިންގެ ވެލްފެއަރ ރަނގަޅު ކުރުމަށް ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ސިފައިންގެ ޢާއިލާތަކަށް ޚާއްޞަކޮށްގެން ހުޅުމާލޭގައި ބިނާކުރާ 300 ފްލެޓްގެ މަސައްކަތް އެންމެ ފުރަތަމަ ފަށާފައިވަނީ 2013 ވަނަ އަހަރުއެވެ. އެހެންނަމަވެސް އޭރު މަސައްކަތް ޙަވާލުކުރި ކުންފުނިން އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުގެންދާތީ، އެ އެއްބަސްވުން ބާޠިލްކޮށް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމްގެ ލަފާފުޅުގެ މަތިން ސީދާ މިނިސްޓަރގެ ބެއްލެވުމުގެ ދަށުން އަލުން މަސައްކަތް ފަށާފައިވަނީ، މިދިޔަ އަހަރުއެވެ.

މިހާރު މަސައްކަތް ކުރިއަށް ގެންދަނީ އައިލެންޑް އެކްސްޕާރޓުންނެވެ. މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް ޑިފެންސް މިނިސްޓަރ ސިފްކޯ ފްލެޓް ސައިޓަށް ކުރެއްވި ޒިޔާރަތުގައި ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، ސިފްކޯ ހިޔާގެ ތިން ޓަވަރުގެ ކޮންކްރީޓީން ހުރިހާ މަސައްކަތެއް މި އަހަރު ނިމޭނެކަމަށެވެ. 

އަދި ފްލެޓް ލިބޭ ޢާއިލާތަކަށް އަންނަ އަހަރު ފްލެޓްގައި ދިރިއުޅެވޭނެކަމަށެވެ. 

ސިފްކޯ ފްލެޓަކީ އެތަނުގައި ދިރިއުޅޭ އާއިލާތަކަށް އެތަނުން ތަފާތު ވަސީލަތައް ލިބެންހުންނާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.