ކުޅިވަރު

މާޒިޔާ ފުރަތަމަ ބުރުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްފި


އެސް.ޓީ.އޯ މާލޭ ލީގު ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ ބުރުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް ލީގުގެ އެންމެ ކުރިން ހަޕޮއިންޓްގެ ލީޑަކާއެކު މާޒިޔާ ފުރަތަމަ ބުރު ނިންމާލައިފިއެވެ.

މާލޭ ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި ރޭ ޓީ.ސީ ސްޕޯޓްސް ކްލަބާއި ބައްދަލުކުރި މެޗު މާޒިޔާ ކާމިޔާބުކުރީ ތިނެއް ސުމަކުންނެވެ. މިމެޗުގައި މާޒިޔާއިން ޖެހި ފުރަތަމަ ލަނޑު ފުރަތަމަ ހާފްގައި ކާމިޔާބުކޮށްދިނީ މުހައްމަދު އުމެއިރެވެ. މާޒިޔާގެ އަނެއް ދެލަނޑު ދެވަނަ ހާފްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޓީމުގެ ކެޕްޓަން އަސަދުﷲ އަބްދުﷲއެވެ.

މިމެޗުގައި ޖެހި ދެލަނޑާއެކު މާލޭ ލީގުގެ ލަނޑު ޗާޓުގެ އެންމެ ކުރީގައި އުޅޭ އަސަދުﷲ ވަނީ އެގާރަ ލަނޑު ހަމަކޮށްފައެވެ.

މެޗަށްފަހު މާޒިޔާގެ ކޯޗު މަރްޔާން ސެކުލޮވްސްކީ ބުނީ ހަޕޮއިންޓްގެ ލީޑަކާއެކު ފުރަތަމަ ބުރު ނިންމާލެވުމުން ވަރަށް ހިތްހަމަ ޖެހޭކަމަށެވެ.

ސެކުލޮވްސްކީ ވަނީ މާޒިޔާގެ ކުޅުންތެރިންނަށް ތައުރީފްކޮށް ވާހަކަދެއްކުމުގެ އިތުރުން އާދައިގެ މަތިން ކޮންމެ މެޗަކަށްފަހު މާޒިޔާ ކޯޗު ދައްކަމުންދާ ވާހަކައެއް ކަމުގައިވާ މާޒިޔާއަށް ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅެންޖެހުން ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހޭކަން ކޯޗު ވަނީ މިމެޗަށްފަހުވެސް ފާހަގަކޮށްފައެވެ.

މިއަދު މެޗުގައި ޓީ.ސީގެ ކުޅުންތެރިންނާއި އޮފިޝަލުންވެސް ވަނީ މެޗުގެ ރެފްރީގެ ނިންމުންތަކާ ހިތްހަމަ ނުޖެހާކަން ވަރަށް ބޮޑަށް ފާޅުކޮށްފައެވެ. އަދި މެޗަށްފަހު ޓީ.ސީގެ ކޯޗު މުހައްމަދު ނިޒާމް ނޫސްވެރިންނާއި ވާހަކަދައްކަން އައުމަށްފަހު އެއްވެސް އެއްޗެކޭ ބުނެފައިނުވާއިރު ނޫސްވެރިން ކުރި އެއްވެސް ސުވާލަކަށްވެސް ނިޒާމް ޖަވާބު ދީފައެއް ނުވެއެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު މާޒިޔާ ލީގުގެ އެންމެ ކުރީގައި އޮތީ އެކާވީސް ޕޮއިންޓާއެކުއެވެ. މާޒިޔާގެ ފަހަތުން ދެވަނާގައި އޮތް ނިއުރޭޑިއަންޓަށް ލިބިފައިވަނީ ފަނަރަ ޕޮއިންޓެވެ.

ޓީ.ސީ ސްޕޯޓްސް އޮތީ ލީގުގެ ފަސް ވަނާގައި ދިހަ ޕޮއިންޓާއެކުއެވެ.

ޓީސީގެ ކުރިން ލީގުގެ ހަތަރުވަނާގައި އޮތް ކްލަބް އީގަލްސްއަށްވެސް ލިބިފައިވަނީ ދިހަ ޕޮއިންޓެވެ. އެހެންނަމަވެސް މިމެޗުގައި މާޒިޔާއިން ޓީ.ސީ ކޮޅަށް ޖެހި ތިން ލަނޑާއެކު ޓީ.ސީ ފަސް ވަނައަށް ވެއްޓުނީ ފައިދާ ގޯލް އީގަލްސްއަށްވުރެ މަދުވުމުންނެވެ.