ޚަބަރު

ސިފައިންގެ އަހަރީ ދުވަހާ ގުޅުވައިގެން ޢާއިލީ ހަވީރެއް ބާއްވައިފި


ދިވެހި ސިފައިންގެ 125 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ޢާންމުކޮށް ހުޅުވާލައިގެން ޢާއިލީ ހަވީރެއް ބާއްވައިފިއެވެ.

ރަސްފަންނުގައި ބޭއްވި މި ހަވީރު އަމާޒުކުރައްވާފައިވަނީ "އައިލެންޑް ލައިފް" މި ތީމަށެވެ. މި އާއިލީ ހަވީރަށް އާންމުންގެ ބޮޑު ތަރުޙީބެއް ލިބުނު ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއްވައެވެ. އެމްއެންޑީއެފްގެ 125 ވަނަ އަހަރީ ދުވަސް ފާހަގަކުރެއްވުމުގެ ގޮތުން ބޭއްވި އާއިލީ ހަވީރަކީ، ސިފައިންގެ މަސައްކަތްތައް ޢާންމުކޮށް ދައްކާލުމާއި، އެކު އާއިލާތަކަށް އުފާވެރި މާހައުލެއް ފަހިކޮށްދެއްވުމުގެ ގޮތުން ބޭއްވި ހަވީރެއް ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. img:http://s3.psmnews.mv/images/660x400/14946033230237.jpg|ސިފައިންގެ އަހަރީ ދުވަސް 2017 އާއި ގުޅުވައިގެން ބޭއްވި ޢާއިލީ ހަވީރުގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

މި އާއިލީ ހަވީރު ޝަރަފުވެރިކޮށްދެއްވީ ނިޝާން އިއްޒުދީން އިއްޒަތުގެ ވެރިޔާ އަބްދުއް ރަޝީދު ހުސެއިންއެވެ. މި ހަވީރުގައި ޗީފް އޮފް ޑިފެންސް ފޯސް އަޙުމަދު ޝިޔާމާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސްއާއި ސިފައިންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އިހުޒަމާނުގައި ދިވެހިންގެ ދިރިއުޅުމާއި އާދަކާދަ ދައްކުވައިދޭ ތަފާތު ޙަރަކާތްތައް މިހަވީރުގައި ދައްކާލާފައިވެއެވެ. ސިފައިންގެ އެކި ޑިޕާޓްމަންޓުތަކުން ބައިވެރިވި މި ހަވީރުގައި ކުރީ ޒަމާނުގައި ދިވެހިންގެ މަސައްކަތްތެރިކަމަށް ބޭނުންކުރި ތަކެތިވެސް ދައްކާލާފައިވެއެވެ. img:http://s3.psmnews.mv/images/660x400/14946032999794.jpg|ސިފައިންގެ އަހަރީ ދުވަސް 2017 އާއި ގުޅުވައިގެން ބޭއްވި ޢާއިލީ ހަވީރުގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

އެމްއެންޑީއެފްގެ މީޑިޔާ ކޯޑިނޭޓަރ ކެޕްޓަން އިބްރާޙީމް އާޒިމް ވިދާޅުވީ، އައިލެންޑް ލައިފް ތީމަށް އަމާޒުކުރައްވައިގެން ބޭއްވި ހަވީރުގައި އިހުޒަމާނުގައި ދިވެހިންގެ ދިރިއުޅުން ވަރަށް ބޮޑަށް ދައްކުވައިދީފައިވާނެ ކަމަށެވެ.

މި ހަވީރަށް ގިނަ ބަޔަކު ޒިޔާރަތްކޮށް، އެކި ކުޅިވަރުތަކުގައި ވަނީ ބައިވެރިވެފައެވެ. ހަވީރަށް ޒިޔާރަތްކުރި ބައެއް ފަރާތްތަކުން ބުނީ، މި ހަވީރުން ރާއްޖޭގެ ތާރީހާއި ގުޅޭ ބައެއް މައުލޫމާތު ލިބިގެންދިޔަ ކަމަށެވެ. އަދި މިއީ ވަރަށް އުފާވެރި ހިތްހަމަޖެހޭ ހަވީރެއް ކަމަށް އެފަރާތްތަކުން ބުންޏެވެ. img:http://s3.psmnews.mv/images/660x400/14946033478718.jpg|ސިފައިންގެ އަހަރީ ދުވަސް 2017 އާއި ގުޅުވައިގެން ބޭއްވި ޢާއިލީ ހަވީރުގެ ތެރެއިން - ފޮޓޯ: ޕީއެސްއެމް

މިއަދު ބޭއްވި މި ހަވީރުގައި އެމްއެންޑީއެފް ޑްރިލް ސޮކްޑްގެ ޙަރަކާތްތައްވެސް ދައްކާލާފައިވެއެވެ.