ކުޅިވަރު

އޮފީސް ޓިމުން ވިދާލި ރަނާ، ޖޫނިއަރ ގައުމީ ޓީމުގައިވެސް ފިޔަޖަހަނީ


ކޮންމެ ކުޅިވަރެއް ކުޅޭ ކުޅުންތެރިއެއްގެވެސް އެންމެ ބޮޑު ހުވަފެނަކަށްވާނީ ގައުމީ ޖާރޒީގައި ރާއްޖެ ތަމްސީލްކުރުމެވެ. ގައުމަށް ރީތި ނަމެއް ހޯދައިދިނުމެވެ. ގައުމީ ޓީމާއިއެކު ރާއްޖޭގެ ނަން ބައިނަލްއަގްވާމީ ކުޅިވަރުގެ މައިދާނުގައި ފާހަގަކުރެވޭ ފެންވަރަށް މަސައްކަތްކުރުމެވެ. އުމުުރުން އެންމެ 12 އަހަރުގައި އިންޓަރ ސްކޫލް މުބާރާތަކުން ނެޓްބޯޅައަށް ޝައުގުވެރިކަން އުފެދުނު މަރިޔަމް ރަނާގެ އުއްމީދަކީވެސް ހަމަ މިއީއެވެ.

އެންމެ ކުޑައިރު ނެޓްބޯޅައަށް އުފެދުނު ޝައުގުވެރިކަމާއިއެކު ސްކޫލް މުބާރާތްތަކުންވެސް ރަނާ ކާމިޔާބީތައް ހޯދިއެވެ. އޭގެ ފަހުން އިންޓަރ އޮފީސް މުބާރާތުގައި ޓެކްސް އިދާރާ (މީރާ)ގެ ޓީމަށް ކުޅެ ދެއްކި މޮޅު ކުޅުމާއިއެކު އޭނާއަށް ޖޫނިއަރ ސްކޮޑުން ފުރުސަތު ލިބުނެވެ.

21 އަހަރުން ދަށުގެ ގައުމީ ޓީމަށް އަލަށް އެރި ކުޅުންތެރިންގެ ތެރެއިން އޭޝިއަން ޔޫތް ނެޓްބޯޅަ މުބާރާތުގައި ދިވެހި ޓީމް ކުޅުނު ހުރިހާ މެޗަކުން ފުރުސަތު ލިބުނު ހަމައެކަނި ކުޅުންތެރިޔަކީ ރަނާއެވެ. އޭނާގެ ހުނަރާއިމެދު ކޯޗަށް އޮންނަ އިތުބާރު މިކަމުންވެސް ހާމަވެގެންދެއެެވެ.

img:http://s3.psmnews.mv/images/660x400/14945890411034.JPG|21 އަހަރުން ދަށުގެ ގައުމީ ނެޓްބޯޅަ ޓީމްގެ ކުޅުންތެރިންނާއިއެކު ރަނާ

އުމުރުން 19 އަހަރުގެ ރަނާ އަލަށް ޖޫނިއަރ ގައުމީ ޓީމާއިއެކު ކުރަމުންދާ ތަޖުރިބާ ފާހަގަކުރަނީ ނެޓްބޯޅައިން ކުރިއަށްދާން ލިބުނު ބޮޑު ހިތްވަރެއްގެ ގޮތުގައެވެ. ދުވަހަކުވެސް ނުދެކޭފަދަ މޮޅު ކުޅުންތެރިންނާއި ޓީމްތަކާއި ދެކޮަޅަށް ކުޅެލަން ފުރުސަތު ލިބުމަކީ ކުޅުން ރަނގަޅު ކުރުމަށް ގިނަ ފިލާވަޅުތަކެެއް ލިބުނު ކަމެއްގެ ގޮތުގައި ރަނާ ސިފަކުރެއެވެ.

"ކޯޗް ދިން ޗާންސްއަށް ދިލް ކޯޗަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން، ނެޓްބޯޅައިގައި ކުރިއަށްދާން ލިބުނު ބޮޑު ހިތްވަރެއް މިއީ. ވަރަށް ބައިވަރު ކަންތައްތައް ދަސްވެއްޖެ މި މުބާރާތުން" މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގައި ވަޒީފާ އަދާކުރަމުންދާ ރަނާ ބުންޏެވެ.

21 އަހަރުން ދަށުގެ ގައުމީ ނެޓްބޯޅަ ޓީމްގެ ކޯޗް އައިމިނަތު ހަލީމް (ދިލް) ފާހަގަކުރާ ގޮތުގައި ރަނާއަކީ ނެޓްބޯޅައިގެ ހުނަރުތައް ލިބިފައިވާ ކުޅުންތެރިއެކެވެ. ތަޖުރިބާ ނެތި މި މުބާރާތުގެ ފުރަތަމަ މެޗުގައިވެސް އޭނާގެ ފަރާތުން ފެނުނު ކުޅުމަށް ކޯޗް ތައުރީފްކުރިއެވެ. ކޯޗް ބުނީ ކުޅުމުގައި ރަނގަޅުކުރަން ޖެހޭ ކަންތައްތައް ރަނގަޅުކޮށްގެން ކުރިއަށްދާންް މަސައްކަތްކޮށްފިނަަމަ ރަނާގެ ނެޓްބޯޅައިގެ މުސްތަގްބަލް އުޖާލާކަމަށެވެ.

img:http://s2.psmnews.mv/images/660x400/14945891689682.JPG|

"ރަނާއަކީ ނެޓްބޯޅައިގެ މުސްތަގްބަލް އޮތް ކުއްޖެއް. އެއްވެސް އެކްސްޕީރިއެންސްއެއް ނެތި ރަނާ މި މުބާރާތް މި ކުޅެނީ. ވަރަށް ހިތްހަމަޖެހޭ އޭނާއަށް ދެ މަސް ދުވަހުގެ ތެރޭ އައި ކުރިއެރުމަށް" ކޯޗް ދިލް ބުންޏެވެ.

އޭޝިއަން ޔޫތް ނެޓްބޯޅަ ޗެމްޕިއަންޝިޕުން ލިބުނު ތަޖުރިބާއާއިއެކު ރަނާގެ އަޒުމަކީ ސީނިއަރ ޓީމުން ޖާގަ ހޯދުމެވެ. މުސްތަގްބަލްގައި ސީނިއަރ ޓީމްގެ ކެޕްޓަންކަން ކުރުމެވެ. ރަނާގެ ލީޑަރޝިޕާއެކު ރާއްޖޭގެ ނެޓްބޯޅަ ބައިނަލްއަގްވާމީ މައިދާނުގައި ކުރިއެރުންތަކެއް ހޯދުމަކީ ރަނާގެ މިހާރުގެ އުއްމީދެވެ.