ޚަބަރު

ޢިމާރާތްކުރުމާބެހޭ ޤާނޫނު - ހަމައެކަނި ޢިމާރާތްކުރުމަކަށް ނޫން


މިދިޔަ އޭޕްރީލްމަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤް ކުރައްވާފައިވާ، ޢިމާރާތްކުރުމުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުން، އެ ޤާނޫނު ހިނގާނީ ހަމައެކަނި ޢިމާރާތްކުރުމުގެ ދާއިރާއަށް ނޫން ކަމަށާއި، ބްރިޖްތައް ހެދުމާއި، ބަނދަރުތައްވެސް އެ ޤާނޫނަށް ފެތިގެންދާނެ ކަމަށް ހައުސިން މިނިސްޓަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޢިމާރާތްކުރުމުގެ ޤާނޫނަށް ޢަމަލުކުރަން ފަށާނީ އަންނަ އޮކްޓޫބަރު މަހުގެ 23 ވަނަ ދުވަހުން ފެށިގެނެވެ. ޤާނޫނު ތަންފީޒު ކުރަން ފެށުމުގެ ކުރިން، 14 ޤަވާއިދެއް ހަދަން ޖެހުމާއެކު، ހައުސިން މިނިސްޓްރީން މިހާރު ވަނީ އެ ޤަވާއިދުތައް ހެދުމުގެ މަސައްކަތް ފަށާފައެވެ.

ޤާނޫނުގައި މިހާރު ހުރި މާއްދާތަކަށް ބަލާއިރު، މިއީ ހަމައެކެނި ގެއާއި، ފްލެޓް ފަދަ ތަންތަން ޢިމާރާތް ކުރުމާއި ގުޅޭ ޤާނޫނެއް ކަމުގައި ބެލެވުނަސް، ހައުސިން މިނިސްޓަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ ޤާނޫނު ފުރިހަމަވެގެން އަންނައިރު، އެއަށްވުރެ ފުޅާކޮށް ޤާނޫނުން ބާރު ލިބޭނެކަމަށެވެ. އެގޮތުން ހަމައެކަނި ޢިމާރާތްތަކާއި ގުޅޭ ޤާނޫނެއްގެ ބަދަލުގައި ޤައުމުގައި ކުރިއަށްދާ ޢިމާރާތް ކުރުމާއި ގުޅޭ ބިޔަ މަޝްރޫޢުތައްވެސް މި ޤާނޫނަށް ފެތިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިފަދަ މަޝްރޫޢުތަކުގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވީ، ބްރިޖް ހެދުމާއި، ބަނދަރުތަކުގެ މަސައްކަތެވެ.

"ޢިމާރާތް ކުރުމަކީ ހަމައެކަނި ގެއެއް ހެދުމެއް ނޫން. މިއަދު އަޅުގަނޑުމެން މިދެކޭ ތަރައްޤީގައި، އެއަށްވުރެ މާ ފުޅާކޮށް މާނަ ކުރެވޭނެ. ވީމާ ސީދާ ޢިމާރާތްތަކާއި ގުޅޭ ޤާނޫނެއްގެ ބަދަލުގައި ޤައުމުގައި ކުރިއަށްދާ ޢިމާރާތް ކުރުމާއި ގުޅޭ ބިޔަ މަޝްރޫޢުތައްވެސް މި ޤާނޫނަށް ފެތިގެންދާނެ. ބްރިޖް ހެދުމާއި، ބަނދަރުތަކުގެ މަސައްކަތްވެސް ފެންވަރު ބެލިގެން، މި ޤާނޫނާ އެއްގޮތަށް ހެދެމުންދާނީ" މިނިސްޓަރ ވިދާޅުވިއެވެ. 

ޢިމާރާތް ކުރުމުގެ ޤާނޫނު އެންމެ ބޮޑަށް ބައްޓަން ކޮށްފައި އޮތީ، ޢިމާރާތްތަކުގެ ކޮލެޓީ ދެމެހެއްޓުމަށެވެ. އެގޮތުން ޤާނޫނުގެ ދަށުން ބިލްޑިންގ ކޯޑާއި، އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާއިދެއް އެކުލަވާލަން ޖެހެއެވެ. އަމަލީ މަސައްކަތުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަޑުތަކުގެ ގަވައިދެއްގެ އިތުރުން،  މަސައްކަތުގައި ބޭނުންކުރާ ތަކެތި ޓެސްޓުކުރުމުގެ ގަވައިދުވެސް ފާހަގަކޮށްލެވެއެވެ.

ސަރުކާރުން މި ޤާނޫނަށް ތަންފީޒު ކުރުމަށް ތައްޔާރުވަމުންދާ މި ދަނޑިވަޅަކީ، ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާ އެންމެ ބޮޑަށް ފުޅާވެ ކުރިއަރަމުން އަންނަ ދުވަސްވަރެވެ. އިކޮނޮމިކް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފަތުރުވެރިކަމުގެ ސިނާޢަތަށްފަހު ރާއްޖޭގެ އެންމެ ބޮޑު ސިނާއަތަކީ ޢިމާރާތް ކުރުމުގެ ދާއިރާއެވެ. 

ހަމައެކަނި ހުޅުމާލޭގެ މަލަމަތިން ފެންނަ ކްރޭންތަކުންވެސް ރާއްޖޭގެ ޢިމާރާތް ކުރުމުގެ ދާއިރާ މިހާރު އޮތް ހިސާބު ވަޒަން ކޮށްލެވެއެވެ. މީގެ އިތުރުން މިހާރު ޢިމާރާތް ކުރަމުންދާ އައި.ޖީ.އެމް.އެޗްގެ 25 ބްރީގެ އައު ޢިމާރާތާއި، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދަމުންދާ 25 ބުރީގެ އޮފީސް ޢިމާރާތަކީ، މި ދާއިރާއިން ރާއްޖޭގައި ކުރިއަށްދާ އެންމެ ބިޔަ މަޝްރޫޢުތަކެވެ. ވީމާ ސަރުކާރުން މި ޤާނޫނު އެކުލަވާލާފައި މިވަނީ، މަސައްކަތްކުރުމުގެ ފެންވަރާއި، މަސައްކަތުގައި ބޭނުންކުރާ ތަކެތީގެ ފެންވަރު ހިފެހެއްޓުމަށް މިފަދަ ޤާނޫނެއްގެ ބޭނުން ވަރަށް ބޮޑަށް ޖެހިފައިވަނިކޮށެވެ.

ރަށްރަށުގެ އިޖުތިމާޢީ ކަންކަމާއި، ބަނދަރުތައް ގުޅިފައިވާއިރު، މިފަދަ މަސައްކަތްތައް ޢިމާރާތް ކުރުމުގެ ޤާނޫނަށް ފެތިގެން ކުރިއަށްދިއުމަކީ މަސައްކަތުގެ ފެންވަރު ރަގަޅުކޮށް، އެފަދަ މަޝްރޫޢުތަކާމެދު ރައްޔިތުން ކުރާ ޢިތުބާރު ދަމަހައްޓައިދޭނެ ކަމެކެވެ.