އެމްޓީސީސީން ކުރިއަށްގެންދާ އެއްވެސް މަޝްރޫއަކަށް ލޯކަލް ކައުންސިލް އިންތިޚާބުގެ ނަތީޖާގެ ސަބަބުން ހުއްޓުމެއް ނާންނާނެކަމަށް އެ ކުންފުނިން ބުނެފިއެވެ. ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވީ، އެކުންފުނިން ހިންގަމުންދާ މަޝްރޫޢުތަކާ ބެހޭގޮތުން ފަތުރަމުންދަނީ ދޮގު ވާހަކަތަކެއްކަމަށެވެ.
ސަރުކާރުން އަތޮޅުތެރޭގައި ހިންގަވާ ބަނދަރު ހެދުމާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގިނަ މަޝްރޫއުތަކުގެ ކޮންޓްރެކްޓަރަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއެވެ. މި މަހުގެ 6 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުސިލް އިންތިޚާބުގެ ނަތީޖާގެ ސަބަބުން، އެކުންފުނިން އެކި ރަށްރަށުގައި ހިންގަމުން އަންނަ މަޝްރޫޢުތައް ހުއްޓުމަކަށް އަންނާނެކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ވާހަކަ ފަތުރާފައެވެ.
މިވާހަކަތަކަށް ރައްދު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވީ، ސަރުކާރުން އެ ކުންފުންޏާ ހަވާލުކުރައްވާފައިވާ އެއްވެސް މަޝްރޫޢެއް ހުއްޓުމަކަށް ނާންނާނެކަމަށެވެ. އަދި މިހާތަނަށްވެސް އެކުންފުނިން ކުރިއަށް ގެންދާ މަޝްރޫއުއެއް ހުއްޓުވުމަށްވެސް އަދި އެފަދަ މަޝްރޫއަކަށް ހުރަސް އެޅުމަށްވެސް ސަރުކާރުން އެއްވެސް މަސައްކަތެއް ކުރައްވާފައި ނުވާކަމަށެވެ. އެ ކުންފުނިން މަސައްކަތް ކުރަނީ ވީހާވެސް އަވަހަކަށް މަސައްކަތް ނިންމުމަށް ކަމަށް ޒިޔަތު ވިދާޅުވިއެވެ.
img:http://s2.psmnews.mv/images/660x400/14821366113372.jpg|އެމްޓީސީސީގެ ސީއީއޯ އިބްރާހީމް ޒިޔަތު- ފޮޓޯ: ޕީއެސްއެމް
މިހަފްތާތެރޭގައިވެސް ނަރުދަމާގެ އިތުރު ތިން މަޝްރޫއެއް ސަރުކާރުން އެ ކުންފުންޏާ ހަވާލު ކުރައްވާފައިވާ ކަމަށާއި. އެތިން ރަށުގެ މަސައްކަތްވެސް ބާރު ސްޕީޑްގައި ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަން ޒިޔަތު ދެއްވިއެވެ.
ބަނދަރު ހެދުމުގެ 37 މަޝްރޫޢުގެ އަމަލީ މަސައްކަތް އެމްޓީސީސީން ގެންދަނީ ކުރަމުންނެވެ. ބަނދަރު ހެދުމާ ގޮނޑުދޮށް ހިމާޔަތްކުރުމުގެ އިތުރުން އެކުންފުނިން ގެންދަނީ މާލޭގެ ސަލްޓަން ޕާކް ތަރައްޤީކުރުމާއި، މާލޭގެ އިންޑަސްޓްރިއަލް ވިލެޖްގެ މަސައްކަތާއި، ތިނަދޫ މިއުޒިއަމްގެ މަސައްކަތްވެސް ކުރަމުންނެވެ.
ކައުންސިލް އިންތިޚާބުގެ ނަތީޖާއާ ގުޅިގެން ސަރުކާރުން ހިންގަވާ ތަރައްޤީގެ މަޝްރޫޢުތަކަށް ބުރޫއަރާނެ ކަމަށްބުނެ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން ސަރުކާރުން ވިދާޅުވެފައިވަނީ، މި ސަރުކާރުން ރާއްޖެ ތަރައްޤީ ކުރައްވަނީ ރައްޔިތުންގެ ސިޔާސީ ޕިކުރަށް ބަލައިގެން ނޫންކަމަށާއި، ސަރުކާރަށް ކައުންސިލްގެ އަޣުލަބިއްޔަތު ލިބުނު ރަށްރަށުގައިވެސް، އަދި އެނޫން ރަށްރަށުގައިވެސް، ތަރައްޤީގެ މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށްގެންދާނެކަމަށާއި، އިންތިޚާބެއްގެ ނަތީޖާއަކުން ތަރައްޤީއަށް މަޑުޖެހުމެއް ނާންނާނެކަމަށެވެ.