ކުޅިވަރު

އިންޑިޔާ ނޫން ހުރިހާ ޓީމަކާ ޗެލެންޖް ކުރެވޭނެ - އިއްލަ


އިންޑިޔާ ނޫނީ އެހެން ހުރިހާ ޓީމަކަށް ރަނގަޅު ފައިޓެއް ދެވޭނެކަމަށް ޤައުމީ ބާސްކެޓް ޓީމުގެ އެސިސްޓެންޓް ކޯޗް އިލްޔާސް އިބްރާހިމް ބުނެފިއެވެ.

މިމަހުގެ ނަވާރަވަނަ ދުވަހު ރާއްޖޭގައި ފަށާ ސާބާ ޗެމްޕިއަންޝިޕް ބާސްކެޓްބޯޅަ މުބާރާތަށް ތައްޔާރުވަމުންދާ ދިވެހި ޤައުމީ ބާސްކެޓް ޓީމުގެ އެސިސްޓެންޓް ކޯޗް އިލްޔާސް އިބްރާހިމް (އިއްލަ) ބުނީ މި މުބާރާތަށް ޓީމު އަންނަނީ ވަރަށް ރަނގަޅަށް ތައްޔާރުވަމުން ކަމަށާއި، ޓީމު މިވަގުތު ތައްޔާރުކުރަމުން ދަނީ މުބާރާތުގައި ވާދަކުރާ ޓީމުތައް ވަރަށް ރަނގަޅަށް ސްޓަޑީ ކުރުމަށްފަހު، އެ ޓީމުތަކަށް ޗެލެންޖް ދެވޭވަރަށް ކަމަށެވެ. އަދި މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން އިންޑިޔާ ފިޔަވައި ދެން ހުރި ޓީމުތަކަށް ރަނގަޅު ފައިޓެއް ދެވޭނެކަމަށް އިއްލަ ބުންޏެވެ. 

" މި މުބާރާތުގައި ވާދަކުރާ ހުރިހާ ޓީމެއްގެ ކުޅުމުގެ ފެންވަރު ބަލަމުން މި ދަނީ، ޕްރެކްޓިސްތައްވެސް ކުރިއަށް ގެންދަނީ އެގޮތަށް ބަލައިގެން، އިންޑިޔާ ފިޔަވައި ދެން ހުރި ހުރިހާ ޓީމަކަށް ރަނގަޅު ފައިޓެއް ދެވޭނެ." ޤައުމީ ބާސްކެޓް ޓީމްގެ އިތުރުން ފުޓްބޯޅަ ޓީމަށްވެސް ކުޅެފައިވާ އިއްލަ ބުންޏެވެ.

އިއްލަ ބުނީ މިއީ އަމިއްލަ ފަސްގަނޑުގައި ކުޅޭ މިފަދަ ފުރަތަމަ މުބާރާތަށް ވުމުން ރާއްޖޭގެ ޓީމަށް ރަނގަޅު ކާމިޔާބީއެއް ހޯދޭނީ ސަޕޯޓަރުންގެ އެހީއާއެކު ކަމަށާއި، މުބާރާތުގައި ވީހާވެސް ގިނަ ސަޕޯޓަރުން ދިވެހި ޓީމަށް ސަޕޯޓް ކުރުމަށް ދިއުމަށް އެދޭކަމަށެވެ.

ސާބާ ޗެމްޕިއަންޝިޕް އޮންނާނީ މިމަހުގެ 19-25 އަށް މާލޭގައެވެ.